27 މެއި 2020 - 17:26

ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދެވޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ފަސޭހައިން އިންސާފަށް ވާސިލްވެވޭނެ ކަމަށް ފަނޑިޔާރުންގެ ޖަމްއިއްޔާއިން ބުނެފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދެވޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދެވެނީ އިބްތިދާއީ އަޑުއެހުންތަކެވެ.
ފަނޑިޔާރުންގެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައިވަނީ އެ ބިލާ ބެހޭގޮތުން އެ ޖަމްއިއްޔާއިން މަޖިިލީހަށް ފޮނުވި ޚިޔާލުގައި، ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމުން އިންސާފަށް ވާސިލްވެވޭނެ މަގު ތަނަވަސްވެ، މައްސަލާގައި ހިމެނޭ ފަރާތްތަކަށާއި ވަކީލުންނާއި ކަމާބެހޭ އިދާރާތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަން ފާހަގަ ކޮށްފައިވާނެ ކަމަށެވެ.
އެކަމަކު އެ ބިލުގައި، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރަން ނިންމުމުގެ ބާރު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ލިބޭ ގޮތަށް އޮތްއޮތުން ބަދަލުކޮށް، އެ ބާރު ސުޕްރީމް ކޯޓަށް ލިބޭ ގޮތަށް ހަމަޖައްސަން ހުށަހަޅާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. ސަބަބަކީ ޑީޖޭއޭއަކީ ކޯޓުތަކުގެ އިދާރީ ހިންގުމުގެ އިސް ފަރާތް ކަމަށްވާތީ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސަރުކާރުން ހުށަހެޅި އެ ބިލް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކޯޓުތަކުގެ ޝަރީއަތްތައް އާންމު އުސޫލުން މަޑުޖައްސާލާފައި އޮތަސް، ބަންދާ މެދު ގޮތެއް ނިންމުމާއި ކޮންމެހެން ނެރެންޖެހޭ އަމުރުތައް ނެރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އޮޮންލައިންކޮށް ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ބޭއްވޭ ގޮތަށް އެ ކޯޓުން މިހާރު ވަނީ ގަވާއިދެއް ވެސް އެކުލަވާލައިފަ އެވެ.