އުރީދޫން އިންޓިއުބޭޝަން ބޮކްސްތަކެއް ހަދިޔާކޮށްފި
އުރީދޫން އިންޓިއުބޭޝަން ބޮކްސްތަކެއް ހަދިޔާކޮށްފި

ކޮވިޑް-19 އަށް ބަލިމީހުނަށް ފަރުވާ ކުރުމުގައި ބޭނުން ކުރުމަށް އުރީދޫން 50 އިންޓިއުބޭޝަން ބޮކްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ހަދިޔާކޮށްފި އެވެ.

އުރީދޫން އިންޓިއުބޭޝަން ބޮކްސްތަކެއް ހަދިޔާކޮށްފި
އުރީދޫން އިންޓިއުބޭޝަން ބޮކްސްތަކެއް ހަދިޔާކޮށްފި

މި އިންޓިއުބޭޝަން ބޮކްސްތަކަކީ ކޮވިޑް-19 އާއި ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ސިއްހީ ދާއިރާގެ ބޭފުޅުންނަށް ސަލާމަތްތެރިކަން ހޯދުމަށް އެޅޭނެ އިތުރު ފިޔަވަޅެއް ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫން އިންޓިއުބޭޝަން ބޮކްސްތަކެއް ހަދިޔާކޮށްފި
އުރީދޫން އިންޓިއުބޭޝަން ބޮކްސްތަކެއް ހަދިޔާކޮށްފި

އިންޓިއުބޭޝަން ބޮކްސް އަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނަށް އިންޓިއުބޭޝަންގެ ޕްރޮސީޖާ ކުރިޔަށްދާ ވަގުތު ބަލި މީހާ އާއި ހިދުމަތްދޭ ފަރާތް ވަކިކޮށްލުމަށް ދާދި ފަހުން ޓައިވާންގައި ތައްޔާރުކޮށްފައިވާ އެތެރެ ފެންނަ ޕޮލިކާބޮނޭޓް ފޮށިތަކެކެވެ.

އިންޓިއުބޭޝަން ޕްރޮސީޖާ އަކީ އަނގައިން ނުވަތަ ނޭފަތުން ޓިއުބެއް މެދުވެރިކޮށް ވެންޓިލޭޓަރަކާއި ގުޅާލުމަށް ނޭވާލާ ހޮޅި ހުޅުވާލުމެވެ. މި ޓިއުބް ގުޅާ ވަގުތު ބަލި މީހާގެ ހަށިގަނޑުން ގޭސް ނުވަތަ ފެން ބޭރުވެގެން ދާނެ އެވެ. އެހެންކަމުން އިންޓިއުބޭޝަން ޕްރޮސީޖާ ކުރިއަށްދާ ވަގުތަކީ ވައިރަސް އާ ކޮންޓެކްޓް ވުމުގެ ފުރުސަތު ބޮޑު ވަގުތެކެވެ.

ޓައިވާންގެ މި އުފެއްދުން މެޓަލް ސައިންސުން ވަނީ އައިޖީއެމްއެޗްގެ ސިއްހީ މާހިރުންނާ ގުޅިގެން ރާއްޖޭގެ ސިއްހީ މާހައުލާ ގުޅޭގޮތަށް ޕްރޯޓޯ ޓައިޕެއްގެ ގޮތުގައި ތައްޔާރު ކޮށްފަ އެވެ. އެހެންކަމުން މިއީ ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ހާއްސަ އުފެއްދުމެކެވެ.

އުރީދޫގެ އެކްޓިން ޗިފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް ވިދާޅުވި، ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ އެންމެހާ ސިއްހީ އެހީތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މިބަލި ފެތުރުން ހުއްޓުވުމަށް މިވަގުތު އެންމެ މުހިންމު އެއް ކަން ކަމަށެވެ. މި ކަންކަން ފުރިހަމަކުރުމުގައި އެއްބާރުލުންދިނުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމުގައި ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު މި ހަދިޔާކުރެވުނު އިންޓިއުބޭޝަން ބޮކްސްތަކާ އެކު ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް އިތުރު ރައްކާތެރިކަމެއް ލިބި، ހިދުމަތް ދިނުމުގައި އާ ހިތްވަރެއް ލިބޭނެ ކަމަށް އުންމީދުކުރަން." އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހާއި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން އުރީދޫން އަންނަނީ މިދަނޑިވަޅު ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އެގޮތުން އުރީދޫ ގްރޫޕާއި އުރީދޫ މޯލްޑިވްސް އިން ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން، އުރީދޫން އަންނަނީ ކޮވިޑް-19 އާ ދެކޮޅަށް އިސް ސަފުގައި މަސައްކަތް ކުރަމުން އަންނަ މީހުންނަށް އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.