27 މެއި 2020 - 15:27

އެމްސްޓެޑަމް (މޭ 27) – ޕެޕް ގާޑިއޯލާ އަކީ އޮފެންސިވް ފުޓްބޯޅައިގެ މާސްޓަރު ކަމަށާއި އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗު ކަމަށް، ގާޑިއޯލާގެ ކޯޗުކަމުގައި ބަޔާން މިއުނިކަށް ކުޅުނު ނެދަލެންޑްސްގެ ވިންގާ އާޔެން ރޮބެން ބުނެފި އެވެ.
ބަޔާނުގެ އިތުރުން ބާސެލޯނާގައި އަދި މިހާރު މެންޗެސްޓާ ސިޓީގައި ކޯޗުކޮށްދެމުން އަންނަ ގާޑިއޯލާ އަކީ ރީތި، މޮޅު ފުޓްބޯޅައެއް ކުޅުވާ ކޯޗެއްގެ އިތުރުން ތަށީގެ ގޮތުން ވެސް އެހާމެ ކާމިޔާބު ކޯޗެކެވެ. ދުނިޔޭގައި އުފެދުނު މޮޅު ކޯޗުންގެ ތެރޭ ހިމެނޭ ލުއީ ވެން ހާލާއި ހޯސޭ މޮރީނިއޯ އާއި ކާލޯ އަންޗެލޮޓީ އަދި ޔުޕް ހެއިންކެސްގެ ކޯޗުކަމުގައި ކުޅެފައިވާ ރޮބެންގެ ނަޒަރުގައި ގާޑިއޯލާ ވަރެއް ނެތެވެ.
"އަހަރެން ފުޓްބޯޅަ ދެކެ ލޯބިވޭ، އަދި ހުރިހާ އެއްޗަކަށް ވުރެ އޮފެންސިވް ފުޓްބޯޅަ ދެކެ ލޯބިވޭ. ޕެޕް ގާޑިއޯލާ އަކީ އޭގެ މާސްޓަރު،" ސޮކްރޭޓްސް މަޖައްލާއާ ވާހަކަދައްކަމުން ރޮބެން ބުންޏެވެ. "އޭނާ ސަމާލުކަން ދިނީ އެޓޭކަށާއި ބޯޅައިގެ ފުރިހަމަ ކޮންޓްރޯލަށް. އޭނާ ޔަގީންކުރި އަހަރެން ކުރިއަށް ވުރެ ފުރިހަމަ ކުޅުންތެރިޔަކަށް ވާނެކަން. އަހަންނަށް، ޕެޕް އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗު."
ޕީއެސްވީ އާއި ޗެލްސީ އާއި ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު ރޮބެން ބަޔާންއާ ގުޅުނީ 2009 ގަ އެވެ. އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ މިދިޔަ ސީޒަނަށް ފަހު ކުޅުން ހުއްޓާލީ ބަޔާނަށް 10 އަހަރު ކުޅެދީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ރޮބެން ބުނީ ރެއާލް ދޫކޮށްލުމަށް ފަހު ބަޔާނާ އޭރު ގުޅުނުއިރު އެއީ އެންމެ ރަނގަޅު ގޮތްކަމެއް އޭރު ޔަގީންނުވާ ކަމަށެވެ.
"އޭރު އަހަރެންގެ ހަމައެކަނި އެދުމަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން. އަދި ބަޔާނަކީ ޔޫރަޕުގެ އެންމެ ވަރުގަދަ އެއް ކްލަބެއް ނޫން. އެކަމަކު އަހަރެން ރިސްކް ނެގިން އެކަން މިވަނީ ކާމިޔާބުވެފައި. އޭރު އެއީ ފަސޭހަ ނިންމުމެއް ނޫން،" ބަޔާނާ އެކު 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރޮބެން ބުންޏެވެ.