28 މެއި 2020 - 09:39

ފޭސްބުކުން އުފައްދަން މަސައްކަތްކުރާ ޑިޖިޓަލް ފައިސާ ނުވަތަ ޑިޖިޓަލް ވޮލެޓްގެ ނަން "ލިބްރާ" އިން "ނޯވީ" އަށް ބަދަލުކޮށްފި އެވެ.
މި ބަދަލު ގެނައި ސަބަބެއް ސީދާ ހާމަނުކުރިޔަސް ފޭސްބުކުން ބުނީ އެތަނުގެ ޑިޖިޓަލް ފައިސާގެ އާ ނަމަކީ "ނޯވީ" ކަމަށާއި އެއިން ދޭހަކޮށްދެނީ "ނިއު ވޭ" ނުވަތަ "އާ ގޮތްތައް" ކަމަށެވެ. "ނޯވީ" އަކީ ލެޓިން ބަހުގެ "ނޯވަސް" އާއި "ވިއާ" އަށް ނިސްބަތްކޮށް އުފެއްދި ނަމެކެވެ.
އާ ނަމާ އެކު ފޭސްބުކުން މިހާރު ވަނީ ޑިޖިޓަލް ފައިސާ އަށް ހާއްސަ ސަބްސިޑަރީ ކުންފުނީގެ ނަމަކަށް ނޯވީ ފައިނޭޝަލް ހަމަޖައްސައިފަ އެވެ.
މި އަހަރު ރަސްމީކޮށް ލޯންޗްކުރާ ގޮތަށް ފޭސްބުކްގެ ޑިޖިޓަލް ފައިސާ އިއުލާންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ނަމަވެސް މިކަމަށް ތާއިދުކުރާނެ ކަމަށް ބައެއް ކުންފުނިތަކުން ކުރިން ބުނި ނަމަވެސް ފަހުން، އެކަމާ ދެކޮޅު ހަދަން ފެށުމުން ފޭސްބުކުން ރޭވި ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވި މިހާރު ވަނީ ޑިޖިޓަލް ވޮލެޓްގެ މަސައްކަތް މަޑުޖެހިފަ އެވެ.
އެކަމަކު މާކް ޒަކަބާގްފެ އުންމީދަކީ ކޮންމެވެސް ދުވަހަކުން މިކަން ކާމިޔާބުކުރުމެވެ.
ޑިޖިޓަލް ވޮލެޓް އުފެއްދުމުގައި ބައިވެރިވެވެން ނެތް ކަމަށް ބުނާ ކުންފުނިތަކުގެ ތެރޭގައި، ޕޭޕަލް، އީބޭ، މާސްޓާކާޑް އަދި ސްޓްރައިޕް ހިމެނެ އެވެ.
އަދި ޔޫރަޕްގެ ބައެއް ގައުމުތައް ކަމަށްވާ ފްރާސާއި ޖަރުމަން ވެސް "ނޯވީ" އާ ދެކޮޅެވެ.