ސްޕޮޓިފައިގެ 10،000 ލަވައިގެ ލިމިޓް އުވާލައިފި
ސްޕޮޓިފައިގެ 10،000 ލަވައިގެ ލިމިޓް އުވާލައިފި

މަޝްހޫރު މިއުޒިކް ސްޓްރީމިން ޕްލެޓްފޯމް ސްޕޮޓްފައި އިން ކަސްޓަމަރުންނަށް އެ މީހުންގެ ލައިބްބަރީގައި އެންމެ ގިނަވެގެން 10،000 ލަވަ ރައްކާކުރެވޭ ގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނެސް، އެ މީހަކު ބޭނުން ވަރަކަށް ލަވަތައް ސޭވްކުރެވޭނެ ގޮތަށް ހަދައިފި އެވެ.

މިކަން ސްޕޮޓިފައި އިން މިހާރު އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންނަށް ނޮޓިފިކޭޝަނަކުން އަންގާފައިވާ އިރު، އޭގައި ބުނީ މިހާރު ލިމިޓެއް ނެތި އެ މީހުންގެ "ޔޯ މިއުޒިކް" ކަލެކްޝަނަށް ލަވަތައް ސޭވްކޮށްލެވޭނެ ކަމަށެވެ.

މި ބަދަލު ސްޕޮޓިފައި އިން ގެނެސްފައި ވަނީ ކަސްޓަމަރުން އެކަމަށް އެދޭތާ އަހަރުތަކެއް ފަހުންނެވެ. އެތަނުން ބުނިގޮތުގައި އެކަން މިހާތަނަށް ނުކޮށް އޮތީ 10،000 ލަވައިގެ ލިމިޓަށް ގޮސްފައި ވަނީ ބޭނުންކުރާ މީހުންގެ ޕަސަންޓަކަށް ވުރެ ވެސް ދަށް އަދަދަކަށްވުމެވެ. ނަމަވެސް އެންމެ ފަހުން މި ބަދަލު ގެނެސްދިނީތީ ބައެއް މީހުން ވަނީ ޓްވިޓާގައި ޝުކުރުއަދާކޮށްފަ އެވެ.

ސްޕޮޓިފައި ލައިބްރީ އަށް ލިމިޓެއް ނެތް ގޮތަށް ލަވަތައް ސޭވްކުރެވުނަސް އަދިވެސް އެ މީހެއްގެ ޕްލޭލިސްޓްގައި ގެންގުޅެވޭނީ ގިނަވެގެން 10،000 ލަވަ އެވެ.

ދެހާސް ހައެއްގައި ވުޖޫދަށް އައި ސްޕޮޓިފައި އަކީ މިހާރު 50 މިލިއަނަށް ވުރެ ގިނަ ލަވަތައް ސްޓްރީމްކުރެވޭ ޕްލެޓްފޯމެކެވެ. މި ބޭނުންކުރާ މީހުންގެ އަދަދު 286 މިލިއަނަށް ވުރެ ގިނަ އެވެ. އޭގެ ތެރެއިން 130 މިލިއަނަކީ ޕްރިމިއަމް ކަސްޓަމަރުންނެވެ.