28 މެއި 2020 - 09:52

އަންނަ އަހަރުގެ ތެރޭގައި އިންޑިއާ އަށް 5ޖީ ތައާރަފުކުރާނެ ކަމަށާއި އެކަމާ ގުޅޭ ތައްޔާރީތައް މިހާރު ވެސް ވަމުން އަންނަ އިންޑިއާގެ ސްޕޭސް ކުންފުނި ވެސްޓާ ސްޕޭސް ޓެކްނޮލޮޖީން އަންގާރަ ދުވަހު ބުނެފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި އިންޑިއާގެ ބޮޑު ސަރަހައްދަކަށް އަންނަ އަހަރު 5ޖީ ނެޓްވޯކް ތައާރަފުކުރުމުގެ ގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި 35 ސެޓެލައިޓެއް ލޯންޗްކުރާނެ އެވެ. އަދި މަސައްކަތްތައް ތަރުތީބުކުރަމުންދާ ގޮތަށް ބަލާއިރު، އަންނަ އަހަރުގެ ކުރީކޮޅު އިންޑިއާ އަށް 5ޖީ ތައާފަރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވެސްޓާ ސްޕޭސްގެ ބާނީ އަދި ސީއީއޯ އަރުން ކުމާރު ސުރެބޭން ވިދާޅުވީ އިންޓަނެޓްގެ އާ ޖީލުގެ ބީޓާ ވާޝަނަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި ސެޓެލައިޓްތަކެއް ލޯންޗްކުރުމަށް ފަހު، އަންނަ އަހަރުގެ ކުރީކޮޅު ފުލް އޮޕަރޭޝަނަށް ތައްޔާރުވެވޭނެ ކަމަށެވެ.
"މި މަސައްކަތާ އެކު އަހަރެމެން މަސައްކަތް އިންޑިއާގައި ފައިބަނެޓް ވޯކް އެއްކޮށް ވީހާ ވެސް އަވަހަށް ބަދަލުކުރާނަން. އޭރުން މިހާރަށް ވުރެ މާ ވަރުގަދަކޮށް 5ޖީ ފޯނުތަކަށް ސީދާ ނެޓްވޯކް ލިބޭނެ،" އޭނާ ވިދާޅުވި އެވެ. "އަންނަ އަހަރުގެ ކުރީކޮޅު މިކަމް ފެށޭނެ."
ދުނިޔޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އަދި އިންޓަނެޓާއި ޓެކްނޮލޮޖީ ދާއިރާ ވަރަށް ބާރަށް ކުރިއަރަމުން އަންނަ އިންޑިއާގައި 5ޖީ ތައާރަފުކުރާނެ ސީދާ ވަކި ދުވަހެއް ވިސްޓާ ސްޕޭސް އިން އަދި ހާމައެއްނުކުރެ އެވެ.
މިކަމާ ބެހޭ ގޮތުން އެ ކުންފުނިން މިހާރު އަންނަނީ ޓެލެކޮމް ޑިޕާޓްމަންޓާ އެކު މަޝްވަރާތައް ވެސް ކުރަމުންނެވެ.
އަރުން ވިދާޅުވި ގޮތުގައި އިންޑިއާގެ އަށް 5ޖީ ނެޓްވޯކް ތައާރަފުކުރާ އިރު، ސިޓީތަކާ އެކު ރަށްފުށުގެ ސަރަހައްދުތައް ވެސް އިސްތިސްނާނުވާ ގޮތަށް ވިއުގަ ވަރުގަދަކުރާނެ އެވެ. މި މަޝްރޫ އަށް ވެސްޓާ ސްޕޭސް އިން ވަނީ އެމެރިކާގެ ނެކްސްޓް ކެޕިޓަލް އެލްއެލްސީ މެދުވެރިކޮށް 10 މިލިއަން ޑޮލަރުގެ ބަޖެޓެއް ވެސް ހޯދައިފަ އެވެ.
"މީގެ މާނަ އަކީ އިންޑިއާ އަށް ފުރަތަމަ 5ޖީ ތައާރަފުކުރާނެ ބަޔަކީ ވެސްޓާ ސްޕޭސްއޭ،" އަރުން ވިދާޅުވި އެވެ.