މަލަޔާޅަމް ފިލްމެއްގެ ރައިޓްސް ޖޯން އަބްރަހަމަށް
މަލަޔާޅަމް ފިލްމެއްގެ ރައިޓްސް ޖޯން އަބްރަހަމަށް

މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ވަރަށް ކާމިޔާބު މަލަޔާޅަމް ފިލްމެއް ކަމަށްވާ "އައްޔަޕަނަމް ކޮޝިޔުމް" ގެ ރައިޓްސް ގަނެ، އޭގެ ހިންދީ ފިލްމު އުފެއްދުމުގެ ޒިންމާއާ ޖޯން އަބްރަހަމް ހަވާލުވެއްޖެ އެވެ.

އޭނާގެ އަމިއްލަ ފިލްމު ކުންފުނި ޖޭއޭ އެންޓަޓައިންމަންޓުން އެ ފިލްމު ޕްރޮޑިއުސްކޮށް ގެނެސްދޭކަން ޓްވިޓާގައި ހާމަކުރަމުން ޖޯން ބުނީ "އައްޔަޕަނަމް ކޮޝިޔުމް" އެކްޝަނާއި ތުރިލާގެ ރަހަ ވަރަށް ހެޔޮވަރު ޝައުގުވެރިި ވާހަކައެއް އޮތް ފިލްމެއް ކަމަށެވެ. އަދި މީގެ ހިންދީ ރިމެކް ގެނެސްދެވޭތީ ވަރަށް އުފާވާ ކަމަށާއި ބެލުންތެރިންނަށް ފުރިހަމަ ފިލްމެއް ގެނެސްދޭނެ ކަމަށް ބުންޏެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި "އައްޔަޕަނަމް ކޮޝިޔުމް" އަކީ ސަޗީ ޑައިރެކްޓްކުރި އެކްޝަން ތުރިލާއެކެވެ. ފިލްމުގެ މުހިއްމު ރޯލްތައް ކުޅުނީ ޕްރިތުވީރާޖް ސުކްމަރަން އާއި ބިޖީ މެނަން އެވެ. ޕްރިތުވީ އަކީ 2012 ގައި ރާނީ މުކަރްޖީއާ އެކު "އައްޔާ" ކުޅުނު އެކްޓަރެވެ.

ގާތްގަނޑަކަށް 6 ކްރޯޑް ރުޕީސް (792,806 ޑޮލަރު) އިން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 60 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

"އައްޔަޕަނަމް ކޮޝިޔުމް" ގެ ހިންދީ ރިމެކެއް ހަދާ އިރު، ފިލްމުން ޖޯން ފެންނާނެތޯ ނޫންތޯ އަދި ކަށަވަރެއް ނުވެ އެވެ. ނަމަވެސް އޭނާ އަކީ އާންމުކޮށް ވަރުގަދަ އެކްޝަން ރޯލްތަކުން ފެންނަ އެކްޓަރަކަށްވާތީ ފިލްމުން ޖޯން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މުމްބާއީ ސާގާ" އާއި "އެޓޭކް" އަދި "ސަތިޔަމޭވް ޖަޔަތޭ 2" ހިމެނެ އެވެ.