28 މެއި 2020 - 10:14

ބަތަލާ ވިދިޔާ ބަލަންގެ އަލަތު ކުރު ފިލްމު "ނަޓްކަޓް" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.
މި ފިލްމުގައި އެކްޓްކުރުމުގެ އިތުރުން ވިދިޔާ އަކީ އަކީ ފިލްމުގެ ޕްރޮޑިއުސަރެއް ވެސް މެ އެވެ. ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރްގެ އަންހެނުންގެ ފުރަތަމަ ކުރު ފިލްމު ގެނެސްދެނީ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާގެ ފިލްމު ކުންފުނި އާރްއެސްވީޕީއާ ގުޅިގެންނެވެ. "ނަޓްކަޓް" އިއުލާންކުރީ މިދިޔަ އަހަރު އެވެ.
ރަށްފުށުގެ މައެއްގެ ރޯލުން ފެންނަ ފިލްމާ ބެހޭ ގޮތުން ވިދިޔާ ބުނީ ފިލްމު އުފެއްދުމުގެ ވިސްނުން އަބަދުވެސް ސިކުނޑީގައި އެނބުރޭ ކަމަށާއި އެގޮތުން "ނަޓްކަޓް" އަކީ ފަށައިގަންނަން ބަލާއިރު ވަރަށް ރަނގަޅު އެއްޗަކަށްވާނެ ކަމަށެވެ.
"މީގެ ވާހަކަ އަހަންނަނަށް ވަރަށް ކަމުދިޔަ. ވަރަށް ގިނަ އިޖުތިމާއީ މައްސަލަތަކަކަށް ފިލްމުގައި އަލިއަޅުވާލާފައި ހުންނާނެ. މި ކަހަލަ ވާހަކަތައް ބެލުންތެރިންނަށް ކިޔައިދޭން ޖެހޭ ކަމަށް ގަބޫލުކުރާތީ ނަޓްކަޓްގައި ހިއްސާވާން ނިންމީ،" ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ބުންޏެވެ.
ފިލްމު "ދަ ޑާޓީ ޕިކްޗާ" ކުޅެގެން އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ވިދިޔާ ބުނީ ބެލުންތެރިންނަށް ފިލްމުކަމުދާނެ ކަމުގެ އުންމީދު ވެސް ބޮޑު ކަމަށެވެ.
ރޯނީ ބުނީ އޭނާ ވެސް މި ފިލްމުގައި ހިއްސާވާން ނިންމީ މުޖުތައުއާ ވަރަށް ގުޅޭ އަދި ކޮންމެހެން ވެސް ކިޔައިދޭން ޖެހޭ ކަހަލަ ވާހަކައަކަށްވުމުން ކަމަށެވެ.
"ސްކްރިޕްޓް ކިޔާލި ހިސާބުން އެނގިއްޖެ މިއީ އަހަރެން ހަދަން ޖެހޭ ކަހަލަ ފިލްމެއް،" އުރީ: ދަ ސާޖިކަލް ސްޓްރައިކާއުި ފެޝަން ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ބުންޏެވެ.
"ނަޓްކަޓް" ޑައިރެކްޓްކޮށްފައި ވަނީ ޝާން ވިއާސް އެވެ. ފިލްމު ބެލުންތެރިންނަށް ދޫކޮށްލާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ. ބެލެވޭ ގޮތުން ފިލްމު ގެނެސްދޭނީ ސްޓްރީމިން ޕްލެޓްފޯމަކުންނެވެ.
މިދިޔަ އަހަރު "މިޝަން މަންގަލް" އިން ފެނިގެން ދިޔަ ވިދިޔާގެ ކުރިއަށް އޮތް ފިލްމަކީ އެމެޒޯން ޕްރައިމް ވީޑިއޯއިން ޑިޖިޓަލްކޮށް ރިލީޒްކުރަން ހަމަޖެހިފައިވާ ބައޮގްރަފިކަލް ޑްރާމާ "ޝަކުންތަލާ ދޭވީ" އެވެ.
ޕްރޮޑަކްޝަން މަސައްކަތްތަކުގެ ތެރެއަށް ވިދިޔާ ވަން އިރު، އޭނާ ވަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ވާހަކަ ކިޔައިދޭ ވެބް ސީރީޒެއް ވެސް ހަދަން ނިންމައިފަ އެވެ. އެގޮތުން އިންދިރާއާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެއްގެ ރައިޓްސް ވިދިޔަ ވަނީ ގަނެފަ އެވެ.