27 މެއި 2020 - 07:22

މައްކާ (މެއި 27) - ފިޔަވަހިތަކަކަށް ބަހާލައިގެން ސައުދީ އަރަބިއާގެ ލޮކްޑައުނަށް ލުއިދީ މި މަހު 31 އިން ފެށިގެން މައްކާ ފިޔަވައި އެހެން ސިޓީތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރާ ގޮތަށް ނިންމައިފި އެވެ.
ފުރަތަމަ ފިޔަވަހީގެ ގޮތުގައި ހަމަޖެއްސި މެއި 28-30 އާ ދެމެދު، މައްކާ ފިޔަވައި އެހެން ސިޓީތަކުގައި ކާފިއު އަށް ވަނީ ހެނދުނު 6 އިން މެންދުރު ފަހު 3 އާ ހަމައަށް ލުއިދީފަ އެވެ. ފިހާރަތަކާއި އޮފީސްތައް ހުޅުވުމުގެ ހުއްދަ ދިން ނަމަވެސް ސެލޫންތަކާއި ކުޅިވަރު އަދި ހެލްތު ކްލަބުތަކާއި ސިނަމާތައް ހުޅުވުމުގެ ހުއްދަ ދީފައެއް ނުވެ އެވެ.
* ބަންގީގެ 15 މިނިޓް ކުރިން މިސްކިތް ހުޅުވައި ނަމާދު ނިމުމުން 10 މިނިޓް ތެރޭ ބަންދުކުރުން
* ބަންގި އާއި ގަމަތާ ދެމެދު 10 މިނިޓަށް ވުރެ ދިގު ނުކުރުން
* ނަމާދަށް މިސްކިތް ހުޅުވުމާ އެކު ދޮރުތަކާއި ކުޑަ ދޮރުތައް ހުޅުވާފައި ބެހެއްޓުން
* މިސްކިތުގައި ބަހައްޓާފައި ހުންނަ ޚަތިމްތަކާއި އެހެނިހެން ފޮތްތައް ނެގުން
* ނަމާދަށް ތިބޭއިރު ދެ މީހުންގެ މެދުގައި ދެ މީޓަރުގެ ދުރުމިނެއް ބެހެއްޓުން
* ސަފުތައް ހަދާއިރު ކޮންމެ ދެ ސަފެއްގެ ދެމެދަށް އިތުރު ސަފެއް ހުންނަހާ ޖާގަ ދޫކުރުން
* މިސްކިތުގައި ހުންނަ ފެން ކޫލަރުތަކުގެ ޚިދުމަތް މެދު ކަނޑާލުން
* މިސްކިތުގައި ފެނާއި ކާބޯތަކެތީގެ ޚިދުމަތް ދިނުން ހުއްޓާލުން
* މިސްކިތުގެ ފާޚާނާތަކާއި ވުޟޫކުރާ އޭރިއާ ބަންދު ކުރުން
މެއި 31 އިން ޖޫން 20 އާ ހަމައަށް ކަނޑައަޅާފައިވާ ދެ ވަނަ ފިޔަވަހީގައި ހެނދުނު 6 އިން ރޭގަނޑު 8 އަށް، މައްކާ ފިޔަވައި އެހެން ސިޓީތަކުގައި ކާފިއު އަށް ލުއިދޭނެ އެވެ. އަދި މައްކާ ފިޔަވައި އެހެން ހުރިހާ ސިޓީއެއްގައި ހުކުރު ނަމާދާ އެކު ހުރިހާ ނަމާދުތަކެއް ޖަމާއަތުގައި ކުރަން ވަނީ ހުއްދަ ދީފަ އެވެ. ހުކުރު ނަމާދުގެ 20 މިނިޓް ކުރިން މިސްކިތްތައް ހުޅުވައި އަދި ނަމާދަށް ފަހު 20 މިނިޓް ފަހުން މިސްކިތް ބަންދު ކުރާނެ އެވެ. ހުކުރު ޚުތުބާ އާއި ނަމާދު 15 މިނިޓަށް ވުރެ ދިގު ނުކުރަން ވަނީ އަންގައިފަ އެވެ. ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް ޝަރުތުތައް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތައް ވެސް އެ މުއްދަތުގައި ހުޅުވާނެ އެވެ. މެއި 31 އިން ފެށިގެން ޑޮމެސްޓިކް ފްލައިޓް ދަތުރުތައް ވެސް ފަށާނެ އެވެ.
ޖޫން 21 އިން ފެށިގެން ފަށާ ތިން ވަނަ ފިޔަވަހީގައި ލޮކްޑައުން އެއްކޮށް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. ނަމަވެސް ފުރަތަމަ ފިޔަވައްސަށް މައްކާގައި އަމަލު ކުރާނީ މެއި 31 އިން ޖޫން 20 އަށެވެ. މައްކާގައި ދެ ވަނަ ފިޔަވަހި ފަށާނީ ޖޫން 21 އިން ފެށިގެންނެވެ. މައްކާގެ ހަރަމްފުޅުގައި ހުކުރު ނަމާދާއި ޖަމާއަތުގެ އެހެން ނަމާދުތައް ކުރިއަށް ގެންދާނީ އިމާމުންނާއި މިސްކިތުގެ މުވައްޒަފުންނަށް އެކަނި ބައިވެރިވެވޭ ގޮތަށެވެ. ނަމަވެސް މެއި 31 އިން ފެށިގެން މަދީނާގެ ހަރަމްފުޅު އާއްމުންނަށް ވެސް ހުޅުވާލާނެ އެވެ.
ސައުދީ އަރަބިއާ އިން މިހާތަނަށް ވަނީ 76,726 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 411 މީހުން މަރުވެފަ އެވެ.