އަމްރިތާ ހޮސްޕިޓަލާ ގުޅިގެން ޓެލެކޮންސަލްޓޭޝަން ފަށައިފި
އަމްރިތާ ހޮސްޕިޓަލާ ގުޅިގެން ޓެލެކޮންސަލްޓޭޝަން ފަށައިފި

އާސަންދަ އާއ ހުޅުމާލެ ހޮސްޕިޓަލް އަދި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލް ގުޅިގެން ޓެލެކޮންސަލްޓޭޝަން މިއަދު ފަށައިފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުފޮނުވޭތީ، ބަލި މީހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމަށްފަހު، ބޭރުގައި ހުރި އެ ބައްޔާ ގުޅޭ ހާއްސަ ޑޮކްޓަރަށް ދައްކައި އެ ޑޮކްޓަރުގެ ލަފާ ހޯދައި ފަރުވާ ކުރިއަށްގެންދާނެ ކަމަށެވެ. މި ހާލަތު ބަދަލުވަންދެން ފަރުވާ ދިނުމުގެ ކަންކަން އެގޮތަށް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އާސަންދައިން ބުނީ ހަފުތާގެ ފަސް ދުވަހު އެ ހިދުމަތް ދޭނެ ކަމަށެވެ.

ކުޑަކުދިންގެ ހާއްސަ ބަލިތަކާއި ހިތުގެ ފަރުވާ އާއި ޓިއުމަރާއި ބޮލާއި ކަރުގެ ސާޖަރީ އާއި ކުޑަކަމުދާ ނިޒާމު ފަދަ ރާއްޖެއިން ބޭރުން ފަރުވާ ހޯދަން އާސަންދައިން ހުއްދަ ދީފައި ނަމަވެސް ދަތުރުފަތުރުގެ ކަންކަން ހުރި ގޮތުން ފޮނުވެން ނެތް ބަލި މީހުންނަށް ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ޓެލެ ކޮންސަލްޓޭޝަން މެދުވެރިކޮށް ފޯރުކޮށްދޭނެ އެވެ.

"ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އިތުރަށް ފުޅާކޮށް އާސަންދައާއެކު ޖާމިނުވެފައިވާ އެހެން ހޮސްޕިޓަލްތަކާ ވެސް ގުޅިގެން ދުރުތާ ފަރުވާގެ ހިދުމަތް ކުރިއަށްގެންދަން ކުންފުނިން ވަނީ ނިންމައިފަ އެވެ. އަތޮޅުތަކުގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ވެސް މި ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް މި ކުންފުނިން ކުރަން ނިންމާފައިވާ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.