26 މެއި 2020 - 16:27

މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ނުވަ ކަމެއް ހިމެނޭގޮތަށް އިންތިގާލީ ގާނޫނެއް ފާސް ކުރަން، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް މިއަދު ހުށަހަޅުއްވައިފި އެވެ.
ގާނޫނުއަސާސީ އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)، މަޖިލީހަށް ހުށަހެޅުއްވިއިރު، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ވަކި ޚާއްސަ ގާނޫނެއް މި ބޭނުމަށް ފާސްކުރުމަށް މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އަންނަނީ ދިރާސާ ކުރަމުންނެވެ. އެކަމަކު ގާނޫނުއަސާސީގައި ކައުންސިލް މެމްބަރުންގެ ދައުރު ކަނޑައަޅާފައި ވަނިކޮށް، ގާނޫނުއަސާސީ އިސްލާހު ކުރުމެއް ނެތި، އާންމު ގާނޫނަކުން އެ ބަދަލު ނުގެނެވޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް އޮތީ ލަފާ ދެއްވައިފަ އެވެ.
މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ގެންނައިރު ގައުމު އޭރަކު އޮތް ހާލަތަށް ބަލަން ޖެހޭ ކަމަށެވެ. އޭގެ ތެރެއިން އެންމެ އަސާސީ އެއް ސިފައަކީ ފުރިހަމަ ގޮތެއްގައި ރައްޔިތުންގެ މެދުގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ފުރުސަތު އޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ފުރުސަތު މިހާރު ނެތް ކަމަށާއި އެހެންކަމުން މިއީ ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭނެ ހާލަތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ގާނޫނުއަސާސީ އަށް ބަދަލު ނުގެނެސް ހައްލު ހޯދޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށާއި އެގޮތުން އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން އަމަލު ކުރާނެ އިންތިގާލީ އުސޫލުތަކެއް މަޖިލީހަށް ކަނޑައެޅޭނެ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.
"އެއީ ގާނޫނަކުން ކުރެވޭނެ ކަމެއް. އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން،" ހަސަން ލަތީފް ވިދާޅުވި އެވެ.
އެގޮތުން ހަސަން ލަތީފް ވަނީ ނުވަ ކަމެއް ހުށަހަޅުއްވައިފަ އެވެ.
• އާ ގާނޫނެއް ހަދާއިރު މިހާރު ތިބި ކައުންސިލަރުންގެ ތެރެއިން މަގާމުތަކުގައި ދެމިތިބެން ބޭނުންވާ މީހުން ދެނެގަތުން.
• އިންތިގާލީ މަރުހަލާގައި ކައުންސިލްތަކުން ކޮށްގެން ވާނެ ކަންކަމާއި ކޮށްގެން ނުވާނެ ކަންކަން ކަނޑައެޅުން.
• ދައުލަތުގެ ފައިސާ އާއި މުދާ ބޭނުން ކުރެވޭނެ އުސޫލުތަކާއި ހަމަތައް ކަނޑައަޅައި އެކަން ކުރާނެ ގޮތުގެ ގައިޑްލައިނެއް ކަނޑައެޅުން، އަދި ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ތަންތަނާއި އެއްޗިއްސާ މެދު މި މުއްދަތުގެ ތެރޭގައި އަމަލު ކުރާނެ އުސޫލެއް ކަނޑައެޅުން.
• މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން މަސައްކަތް ކުރާނެ ގޮތުގެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާއެއް އެކުލަވާލައި އެއަށް އަމަލު ކުރަން ލާޒިމް ކުރުން.
• އެކަމެއް ތަންފީޒު ކުރުމުގެ ކުރިން ސަރުކާރުން ހުއްދަ ހޯދަން ޖެހޭ ކަންކަން ބަޔާންކޮށް އެކަންކަން އެގޮތަށް ކުރުން ލާޒިމް ކުރުން.
• ކައުންސިލްތަކުގެ މަސައްކަތް ވިލަރެސް ކުރާނެ ހާއްސަ އިންތިޒާމެއް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވާލުން.
• ކައުންސިލަރުން ގާނޫނާ ހިލާފުވުމުން އަމަލު ކުރެވޭނެ ގޮތާއި އެޅޭނެ ފިޔަވަޅުތައް ބަޔާން ކުރުން.
• އިންތިހާބު ބޭއްވެންދެން ކައުންސިލްތަކުގައި ތިބޭނީ މިހާރު ވެސް ކައުންސިލަރުންގެ ގޮތުގައި އިންތިހާބު ކޮށްފައިވާ ފަރާތްތައް ކަމުގައި ވިޔަސް އެ ފަރާތްތައް އިންތިޚާބު ކުރި މުއްދަތު ހަމަވެފައިވާތީ އެ ފަރާތްތަކަކީ ކައުންސިލަރުންގެ ގޮތުގައި ނުބަލައި އެ ފަރާތްތަކަކީ ކައުންސިލަރުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްގެ ގޮތުގައި ގާނޫނަކުން ކަނޑައެޅުން.
• ގާނޫނުން ކަނޑައަޅާ ގޮތަށް އަމަލު ކުރާނެ ކައުންސިލަރުން ނެތް ކައުންސިލްތަކަށް ވިލަރެސް ކުރާނެ ބައެއް އެލްޖީއޭއިން ކަނޑައަޅައި ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުން.
އޭނާ ވިދާޅުވީ އެ ނުވަ ނުކުތާ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާ ވެސް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އީދު ބަންދުގައި ކުރިއަށް ގެންދާ ޖަލްސާގައި ބަހުސް ކުރެއްވި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އަދި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވަނީ ޖޫން މަހު ދައުރު ހަމަވާ ކައުންސިލަރުންގެ މައްސަލަ ހައްލު ކުރެވެން އޮތީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކަމަށެވެ. އަނެއްބައި މެމްބަރުން ވިދާޅުވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ސަންސެޓް ގާނޫނަކުން އެ މައްސަލަ ހައްލު ކުރުން މާ މުހިންމު ކަމަށެވެ.
މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ގޮތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލާގައި ބަހުސް ކުރުމަށް ފުރުސަތަކަށް އެދިވަޑައިގެންފައިވާ ހުރިހާ މެމްބަރުންނަށް މާދަމާ ފުރުސަތު އަރުވައި ނިންމައިލެވޭނެ ކަމަށެވެ. އަދި މުޅި މަޖިލީހުގެ ކޮމެޓީއަށް ބިލް ގެންދިއުމަށް ފަހު ބުރާސްފަތި ދުވަހު އެކަމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވި އެވެ.