27 މެއި 2020 - 08:28

ގޫގުލް މެޕްސްގެ އެހީގައި އަނބިމީހާ ފާރަލަމުންދާ ކަމަށާއި މިކަމަކާ ހެދި ކޮންމެ ދުވަހަކު ވެސް އެތައް ބައިވަރު ސުވާލުތަކަކާ ކުރިމިތިލާން ޖެހި އަރައިވުންވެ، ކައިވެނީގެ ގުޅުން ހަރާބުވެފައިވާ ކަމަށް ގޫގުލް މެޕްސް ހިންގާ މައި ކުންފުނި އަލްފަބެޓާއި ގޫގުލް ދައުވާކުރާނެ ކަމަށް ބުނެ އިންޑިއާގެ މީހަކު އެ މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފި އެވެ.

މައްސަލަ ރިޕޯޓްކުރި ޓަމިލް ނާޑޫ ސްޓޭޓްގެ މަޔިލަޑުތުރާއީ ޑިސްޓްރިކްޓުގެ އާރް ޗަންދުރަސޭކަރް، 49، އާ ހަވާލާދީ މީޑީއާތަކުން ބުނީ ގޫގުލް މެޕްސްގައި އިންނަ "ޔޯ ޓައިމްލައިން" ފީޗާ އެހީގައި އަންހެނުން ކޮންމެ ދުވަހަކު ވެސް އޭނާ ދާހާ ތަނެއް ބަލައި ފާރަލުމުންދާ ކަމަށެވެ.
"ދެން ގެއަށް އަންނަ އިރަށް އޭނަގެ އެތައް ސުވާލުތަކަކާ ކޮންމެ ރެއަކު ކުރިމަތިލާން އެބަޖެހޭ. މިކަމަކާ ހެދި މިހާރަކު ރޭގަނޑު ނިދޭކަށް ވެސް ނެތް. ދެ މީހުން ޒުވާބުކުރަން ޖެހި ކައިވެނީގެ ގުޅުން މި ވަނީ މި ގޫގުލް މެޕްސްއަކާ ހެދި ހަރާބުވެފައި. އަހަރެން ބުނާ އެއްޗެހި އަންނެހުން ވެސް އެއްވަރަކަށް ގަބޫލެއް ނުކުރޭ. އޭނާގެ ހުރިހާ ވެސް އެއްޗަކީ މިހާރު ގޫގުލް،" ނިއުސް މިނިޓަށް ޗަންދުރަސޭކަރު ބުންޏެވެ. "މީގެ އަސަރު މުޅި އާއިލާ އަށް އޮތީ ކޮށްފައި."
މި މައްސަލަ އޭނާ ފުލުހުންނަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޗަންދުރަސޭކަރް ބުނީ މައްސަލަ ކޯޓާ ހަމައަށް ގެންގޮސް، އޭނާ އަށް ވަމުންދާ ގެއްލުމުގެ ބަދަލު ވެސް ނަގައިދޭން ދައުވާގައި އެދޭނެ ކަމަށެެވެ.
ފުލުހުންނަށް މައްސަލަ ރިޕޯޓްކުރުމުން ދެމަފިރިން އެކީގައި ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން މިހާރު ވަނީ އަންގައިފަ އެވެ. އަދި މިއީ ދެމަފިރިންނަށް ކައުންސެލިން ދޭން ޖެހޭ ކަހަލަ ކަމެއް ކަމަށް ފުލުހުންގެ އޮފިސަރަކު ވިދާޅުވި އެވެ.