26 މެއި 2020 - 07:05

ބެންކޮކް (މެއި 26) - ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމަށް ދުނިޔެ އިން ފަށާފައިވާ މަސައްކަތަށް ތައިލެންޑް ވެސް ވަދެ އަގުހެޔޮ ވެކްސިނެއް ރާމާމަކުނު ބޭނުންކޮށްގެން ޓެސްޓް ކުރަން ފަށައިފި އެވެ.
ތައިލެންޑުގެ ރިސާޗަރުން ބުނި ގޮތުގައި އަންނަ އަހަރަށްވާ އިރަށް އެ ވެކްސިން ތައްޔާރު ކުރެވޭނެ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ދަނީ ކޮރޯނާވައިރަހަށް 100 އަށް ވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭން އަށް ވެކްސިން މިހާރު ވަނީ އިންސާނުން ބޭނުންކޮށްގެން ޓެސްޓް ކުރުމުގެ މަރުހަލާގަ އެވެ. އޭގެ ތެރޭން އެންމެ ކުރީގައި އުޅެނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އެވެ. އެ ޔުނިވާސިޓީގެ ކްލިނިކަލް ޓެސްޓްތައް މިދިޔަ މަހު ނިންމައި މިހާރު އިންތިޒާރު ކުރަމުން އަންނަނީ ނަތީޖާ އަށެވެ. އަންނަ މަހު މެދެއްހާ ހިސާބުގައި ނަތީޖާ ލިބޭނެ ކަމަށް އުއްމީދު ކުރެވެ އެވެ.
ތައިލެންޑުގެ ނޭޝަނަލް ޕްރައިމޭޓް ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ޑރ. ސުޗިންޑާ މަލައިވިޓްޖިނޮންޑް ވިދާޅުވީ ޓެސްޓަކަށް 13 ރާމާމަކުނަށް ދީފައިވާ ވެކްސިނަކީ ޔޫރަޕާއި އެމެރިކާ އިން އުފައްދާ ވެކްސިނަށް ވުރެ އަގުހެޔޮ އެއްޗަކަށް ވާނެ ކަމަށެވެ. ރާމާމަކުނަށް ދީގެން ޓެސްޓް ކުރަން ފަށާފައި ވަނީ މީދަލަށް ދީގެން ޓެސްޓް ކުރުމަށް ފަހު ކާމިޔާބުވުމުންނެވެ.
ތައިލެންޑުން މަސައްކަތް ކުރަމުން އަންނަނީ އެމެރިކާގެ ޕެންސިލްވޭނިއާ ޔުނިވާސިޓީއާ ގުޅިގެންނެވެ. ތައިލެންޑުން ވެކްސިން އުފައްދަނީ ކުރިން ބޭނުންކޮށްފައި ނުވާ ޓެކްނޮލޮޖީއެއް ކަމަށްވާ ޖެނެޓިކް މެޓީރިއަލެއް ކަމަށްވާ އެމްއާރުއެން އަށް ބިނާކޮށެވެ. އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެމެރިކާގެ ފައިޒާ އައި މޮޑާނާ އިން ވެސް އަންނަނީ ކޮރޯނާވައިރަހަށް ވެކްސިނެއް އުފައްދަމުންނެވެ. ކްލިނިކަލް ނަތީޖާތަކުން މިދިޔަ ހަފުތާގައި ވަނީ މޮޑާނާގެ ވެކްސިން ކާމިޔާބު ކަމަށް ދައްކައިފަ އެވެ. އާންމުކޮށް ވެކްސިން ހަދަނީ އަސްލު ވައިރަސް ބޭނުންކޮށްގެންނެވެ. އެކަމަކު ވައިރަސްގެ ޖެނެޓިކް މެޓީރިއަލްސް ހިމަނައިގެން ވެކްސިނެއް އުފެއްދިއްޖެ ނަމަ އެއީ ގިނަ އަދަދަކަށް ތައްޔާރުކުރަން ވެސް ފަސޭހަވާނެ އީޖާދެކެވެ.
ތައިލެންޑަކީ ޗައިނާ އިން ބޭރުން ކޮރޯނާވައިރަސް ފުރަތަމަ ފެނުނު ގައުމެވެ. ޖެނުއަރީ މަހު މެދުތެރޭގައި އެ ގައުމުން ވައިރަސް ފެނުނު ނަމަވެސް އެ ގައުމުން މިހާރު ވަނީ ކޮވިޑް-19 ކޮންޓްރޯލްކޮށްފަ އެވެ. ތައިލެންޑުން މިހާތަނަށް ވަނީ 3,042 މީހުން ޕޮޒިޓިވްވެ 57 މީހުން މަރުވެފަ އެވެ. އިއްޔެ ޕޮޒިޓިވްވެފައި ވަނީ ދެ މީހުންނެވެ.