26 މެއި 2020 - 09:41

ޝާހިދު ކަޕޫރާ އެއްވެސް އިރެއްގައި ލޯބީގެ ގޮތުން ނުގުޅޭ ކަމަށާއި އެކަމަކު މިހާރު ވެސް އޭނާ އަކީ ވަރަށް ގާތް ރައްޓެއްސެއް ކަމަށް ބަތަލާ ސޮނާކްޝީ ސިންހާ ބުނެފި އެވެ.
ޕިންކްވިލާ އަށް ދިން އިންޓަވިއުއްގައި އޭނާ ބުނީ މީހުން ތިބެނީ ހަދަހަދައިގެން ދައްކާނެ ވާހަކައެއް ނޭނގިފައި ކަމަށެވެ. އެގޮތުން ޝާހިދާ އެކު 2013 ގެ ފިލްމު "އާރް...ރާޖްކުމާރު" ކުޅުނު ދުވަސްވަރު ފޭނަކު ބައްދަލުކޮށް، ޝާހިދާ ރައްޓެހިވެގެން އުޅޭތޯ ސުވާލުކުރި ކަމަށް ސޮނާކްޝީ ބުންޏެވެ.
"އެކަހަލަ ސުވާލުތައް ކުރާ މީހުންނާއި ހަދަހަދައިގެން ވާހަކަ ދައްކާ މީހުން ކައިރީ ބުނަން އޮތީ ރޫމާޒް ފަތުރައިގެން ވާނެ އެއްވެސް ފައިދާއެއް ނެތޭ. ސިންގަލްކޮށް އުޅޭ ދެ މީހަކު އެކީގައި މަސައްކަތްކުރާ އިރު، އެކީގައި ފެންނަން ވެސް ފެންނާނެ. އޭގެ މާނައެއް ނޫން އެ ދެ މީހުން އުޅެނީ ހިތާވެގެންނެކޭ،" އޭނާ ބުންޏެވެ. "ބައެއް މީހުން ތިބެނީ ހަމަ ހަދާލައިގެން ދައްކާނެ ވާހަކައެއް ނޭނގިފައި. މިއީ އާންމު ކަމެއް."
"އާރް...ރާޖްކުމާރު" ގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު ޝާހިދާއި ސޮކާންޝީ ރައްޓެހިވި ވާހަކަ މީޑިއާތަކުގައި ވެސް ވަރަށް ގަދައަށް ދެކެވުނެވެ. އޭރު ޝާހިދު ކައިވެންޏެއް ނުކުރެ އެ ވާހަކަތައް ރައްދު ދެމުން ސޮނާކްޝީ ބުނީ އެކަހަލަ ވާހަކަ އަަޑު އިވުނީމާ ގިނަ ފަހަރަށް އަންނަނީ ހިނި ކަމަށެވެ.
ކުރިން ކަރީނާ ކަޕޫރާ ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ޝާހިދާއި ފިލްމީ ދާއިރާއާ މުޅިން ބީރައްޓެހި، ނިއު ދިއްލީ އަށް އުފަން މީރާ ރާޖްޕޫތު ކައިވެނިކުރީ 2015 ގަ އެވެ. އެ ކައިވެންޏަށް މިހާރު ދެ ކުދިން ވެސް ލިބިފައިވެ އެވެ.
މިދިޔަ އަހަރު ވެސް ސޮނާކްޝީ އާއި އެހެން އެކްޓަރަކާ އަޅުވާކިޔާފައިވެ އެވެ. އެއީ ސަލްމާން ޚާން ޕްރޮޑިއުސްކޮށް ގެނެސްދިން ފިލްމު "ނޯޓްބުކް" އިން ތައާރަފުކުރި އެކްޓަރު ޒަހީރު އިގްބާލާ އެވެ. ނަމަވެސް އެ ދެ މީހުން ވެސް އެކަން ދޮގުކޮށްފައިވެ އެވެ.
ސޮނާކްޝީއާ ދެން އެންމެ ބޮޑަށް އަޅުވާކިޔާފައި ވަނީ ބަންޓީ ސަޗްދޭ ކިޔާ މީހަކާ އެވެ. އަދި އެ ދެ މީހުން އެންގޭޖްވި ވާހަކަތަކެއް ވެސް މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ދެކެވުނެވެ.
ސޮނާކްޝީ މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ބޮލީވުޑްގައި އިންނަން ކަމުދާ ކަހަލަ އެކްޓަރަކު ނެތް ކަމަށެވެ.