26 މެއި 2020 - 09:35

ސަލްމާން ޚާނާއި ޝާހްރުކް ޚާނާ އެކީ ލަވައެއް ކިޔުމުގެ ހުވަފެން ދެކޭ ކަމަށާއި ކޮންމެވެސް ދުވަހަކުން އެކަން ހަގީތަކަށްވާނެ ކަމަށް އުންމީދުކުރާ ކަމަށް އެ ދެ ތަރިންނާ އެކު ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ މަދޫރީ ޑިކްސިޓް ބުނެފި އެވެ.
އޭނާ މި ވާހަކަ ދައްކާފައި ވަނީ ކޮވިޑް-19 ގެ މި ހާލަތާ ގުޅުވައިގެން އުންމީދި ގެނެސްދޭން "ކެންޑްލް" ގެ ނަމުހައި ނެރުނު އަމިއްލަ ފުރަތަމަ ސިންގަލްއާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.
ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގައި މަދޫރީ ބުނީ އޭނާގެ އަލަތު ލަވައާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ލަވަތަކެއް އައުން އެކަށީގެންވާ ކަމަށެވެ. އެގޮތުން ސަަލްމާނާއި ޝާހްރުކާ އެކީ ލަވައެއް ރެކޯޑްކުރަން ބޭނުންވާ ކަމަށް ބުންޏެވެ.
އެގޮތުން ދެ ތަރިން ހިއްސާވި ލަވަތަކެއްގެ ވާހަކަ މަދޫރީ ފާހަގަކުރި އެވެ. އެގޮތުން "އައި ފޯ އިންޑިއާ" ލަވައިަގއި ޝާހްރުކް ދެއްކި ހުނަރާއި ދާދި ފަހުން ސަލްމާން ކިޔައި، އެކްޓްކޮށް އަދި ޑައިރެކްޓްކޮށް ގެނެސްދިން ވީޑިއޯ ލަވަ "ތެރެ ބިނާ" ވަރަށް ފުރިހަމަ ކަމަށް ބުންޏެވެ.
"އަހަންނަށް ސަލްމާނާއި ޝާހްރުކްގެ އެ މަސައްކަތްތައް ވަރަށް ކަމުދިޔަ. ވަރަށް އެންޖޯއި ކުރި ދެ ލަވަ އެއީ. އެހެންވެ ހުވަފަނެއް ކޮންމެވެސް ދުވަހަކުން އެ ދެ މީހުންނާ އެކު ލަވައެއް ރެކޯޑްކުރުމަކީ،" މަދޫރީ ބުންޏެވެ.
ޝާހްރުކާއި މަދޫރީ އާއި ސަލްމާން ވަނީ އެކީގައި ވެސް ފިލްމެއް ކުޅެފަ އެވެ. އެއީ 2002 ގެ "ހަމް ތުމާރޭ ހޭ ސަނަމް" އެވެ.
ޝާހްރުކާ އެކު މަދޫރީ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދޭވްދާސް"، "ދިލް ތޯ ޕާގަލް ހޭ"، "ކޮއިލާ" އަދި "އަންޖާމް" ހިމެނެ އެވެ.
ސަލްމާނާ އެކު މަދޫރީގެ ޖޯޑު ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "ސާޖަން"، "ހަމް އާޕްކޭ ހޭ ކޯން" އަދި "ދިލް ތޭރާ އާޝިގް" ހިމެނެ އެވެ.
ސަލްމާން މިހާތަނަށް ވަރަށް ގިނަ ލަވަތަކެއް ކިޔާފައިވާ އިރު، ޝާހްރުކް ވެސް އޭނާ ކުޅުނު ފިލްމަކަށް ލަވައެެއް ކިޔުނެވެ. އެގޮތުން 2000 ވަނަ އަހަރު ރިލީޒްކުރި "ޖޯޝް" ގައި ހިމެނޭ "އަޕުން ބޯލާ" އަކީ ޝާހްރުކްގެ އަޑުން ކިޔާފައިވާ ލަވައެކެވެ.
ސަލްމާން ވަނީ އޭނާގެ "ކިކް" އާއި އޭނާ ޕްރޮޑިއުސްކުރި ބައެއް ފިލްމުތަކަށް ވެސް ލަވަކިޔައިފަ އެވެ.