24 މެއި 2020 - 23:49

ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 58 މީހަކު ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ.
އެ އިދާރާ އިން ބުނީ، މިރޭ 11:30 އާ ހަމައަށް އެ ބައްޔަށް ޕޮޒިޓިވްވީ، 25 ދިވެއްސަކާއި ބަންގްލަދޭޝްގެ 13 މީހަކާއި އިންޑިއާގެ 14 އަދި ނޭޕާލްގެ ތިން މީހެއް ކަމަަށެވެ. މިއާ އެކު، ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ މިހާރު 1،371 އެވެ.
މިދިޔަ 2-3 ދުވަހުގެ ހިސާބުތަކަށް ބަލާއިރު، ރާއްޖެ އިން އެ ބަލި ޖެހިފައިވާ މީހުންގެ އެވްރެޖު އަދަދު އުޅެނީ ދުވާލަކު 30-58 އާ ދެމެދުގަ އެވެ. މިއަދެކޭ އެއްގޮތަށް މިދިޔަ ހުކުރު ދުވަހު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 58 މީހެކެވެ.
ރާއްޖޭގައި މިހާރު ބަންގްލަދޭޝްގެ 688، ރާއްޖޭގެ 494، އިންޑިއާގެ 140 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. މިދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 ޖެހޭ ދިވެހިންގެ އަދަދު ދަނީ ބަންގްލަދޭޝްގެ މީހުންނާ އަރާހަމަ ކުރަމުންނެވެ.
ރާއްޖެ އިން މިހާތަނަށް އެ ބަލި ޖެހުނު 1،300 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ރަނގަޅުވީ 144 މީހެކެވެ. ހަތަރު މީހަކު ވަނީ ކޮވިޑް-19 ގައި މަރުވެފަ އެވެ. ފަރުވާގައި ތިބީ 1،221 މީހެކެވެ.