އިންތިހާބުތަކަށް ތައްޔާރުވާން ޖޭޕީގެ ހިންގުން ހަރުދަނާ ކުރަނީ
އިންތިހާބުތަކަށް ތައްޔާރުވާން ޖޭޕީގެ ހިންގުން ހަރުދަނާ ކުރަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބަށް ތައްޔާރުވާން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހިންގުން ހަރުދަނާކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފަށަން އެ ޕާޓީން ނިންމައިފި އެވެ.

ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހު ވިދާޅުވީ މިހާރު ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލާން މިއަދު ފުރުސަތު ހުޅުވާލީ ވެސް، ޕާޓީގެ ތައްޔާރީތައް ހަރުދަނާކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ޖޭޕީން ހުޅުވާލީ ޑެޕިއުޓީ ލީޑަރަކަށް ކުރިން ހުންނެވި ޝިފާގު މުފީދު އިސްތިއުފާ ދެއްވުމުން ހުސްވެފައި އޮންނަތާ ދުވަސްތަކެއް ވީ ޑެޕިިއުޓީ ލީޑަރުގެ މަގާމަށާއި ގައުމީ ކޮންފަރެންސުން އައްޔަންކުރާ މެމްބަރުންގެ ތެރެއިން ހުސްވެފައިވާ ދެ މަގާމަށާއި އެޑިއުކޭޝަން ކައުންސިލާއި މަސްވެރިކަމާ ބެހޭ ކައުންސިލްގެ ދެ މަގާމަކަށް ކުރިމަތިލާށެވެ.

ޝިފާގަކީ މިހާރު އެޗުއާރުސީއެމްގެ ނައިބު ރައީސެވެ.

ޖޭޕީގައި ޖުމްލަ ހަތަރު ނައިބު ލީޑަރުން ތިއްބަވަ އެވެ. ޝިފާގު އިސްތިއުފާ ދެއްވުމުން މިހާރު ތިއްބެވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި ކުރީގެ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

މިއަދު ހުޅުވާލި މަގާމުތަކަށް ޖުމްހޫރީ ޕާޓީގެ ކޮންމެ މެމްބަރަކަށް ވެސް ކުރިމަތިލެވޭނެ އެވެ. ސިޓީ ފޮނުވުމުގެ އެންމެ ފަހު ތާރީހަކީ މި މަހު 30 އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޖޭޕީން ވަނީ ހާއްސަ ކޮމެޓީއެއް ވެސް އުފައްދައިފަ އެވެ.

މީގެ ދެ އަހަރު ފަހުން 2018 ގައި އޮންނަ ރިޔާސީ އިންތިހާބަށް ޖޭޕީން ކެންޑިޑޭޓަކު ނެރެން ޕާޓީގެ ކައުންސިލުން ވަނީ ނިންމައިފަ އެވެ. ޖޭޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނަވާނީ ޕާޓީގެ ލީޑަރެވެ. އެ މަގާމުގައި މިވަގުތު ހުންނެވީ ގާސިމް އިބްރާހިމެވެ.

އެކަމަކު އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިހާބަށް ވާދަނުކުރެވޭ ގޮތަށް، ގާނޫނުއަސާސީ އަށް ރައްޔިތުންގެ މަޖިލިހުން ޖޫން 25، 2015 ގައި ގެނައި އިސްލާހުގެ ސަބަބުން އެ ފުރުސަތެއް އޭނާއަކަށް މިހާރަކު ނެތެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.