އެއްވެސް ކުޅުންތެރިއަކު ބާކީ ނުކުރާނަން: ކޮންޓޭ
އެއްވެސް ކުޅުންތެރިއަކު ބާކީ ނުކުރާނަން: ކޮންޓޭ

ލަންޑަން (އޮކްޓޯބަރު 17) - މަސައްކަތްކުރާ ކޮންމެ ކުޅުންތެރިއަކަށް ވެސް ޗެލްސީ ޓީމުން ޖާގަ އެބައޮތް ކަމަށާއި އެއްވެސް ކުޅުންތެރިއަކު ބާކީ ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ލެސްޓާ އަތުން މޮޅުވި މެޗަށް ނެގި ސްކޮޑުން ކޮންޓޭ ވަނީ ޗެލްސީގެ އެކަޑަމީން އައި ފަސް ކުޅުންތެރިއަކަށް ޖާގަދީފަ އެވެ. އޭގެ ތެރެއިން މިޑްފީލްޑަރު ނެތަނިއަލް ޗަލޮބާ އާއި ޑިފެންޑަރު އޮލަ އެއިނާ ވަނީ ކުޅެން އަރައިފަ އެވެ.

ކޮންޓޭ ބުނީ ޓީމެއް ބިނާކުރާއިރު ހުރިހާ ކުޅުންތެރިންނަށް ވެސް ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ހުރިހާ ކުޅުންތެރިއަކަށް ވެސް ފުރުސަތު އެބައޮތް. އެކެޑަމީ ކުޅުންތެރިންނަށް ވެސް. މޮޅު ކުޅުންތެރިއަކު ޓީމަށް ނަގަން ފަހެއް ނުޖެހޭނަން. ފުޓްބޯޅައިގައި ކުޅުންތެރިންގެ އުމުރަކީ އަހަރެން ދެކޭ ގޮތުގައި ނަންބަރެއް،" ކޮންޓޭ ބުންޏެވެ.

ޗެލްސީގެ ޒުވާން ގިނަ ކުޅުންތެރިންތަކެއް އަންނަނީ ޕްރިމިއާ ލީގުގެ އިތުރުން އިނގިރޭސި އެކި ޑިވިޝަންތަކުގައި ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުމުންނެވެ.

ލެސްޓާ އަތުން މޮޅުވި މެޗުގައި ކޮންޓޭ ޗެލްސީ ޓީމު ރާވާފައިވަނީ އޭނާ ޔުވެންޓަސް އާއި އިޓަލީގައި ކުޅުވި ފޯމޭޝަނަށެވެ. ކޮންޓޭ ބުނީ ޗެލްސީގައި އޭނާ ކުޅުވާނެ ވަކި ސިސްޓަމެއް އަދި ނުނިންމާ ކަމަށާއި ވިސްނުން ހުރީ ޓީމުގެ ކުޅުންތެރިންގެ ކުޅުން އެންމެ ރަނގަޅަށް ދެއްކޭނެ ގޮތަކަށް ރާވަން ކަމަށެވެ.

ލެސްޓާ މެޗުގެ ދެ ވަނަ ހާފްގައި ޗެލްސީން ޑިއޭގޯ ކޮސްޓާ ބަދަލުކުރަން އުޅުމުން އޭނާ ވަނީ އެކަން ނުކުރަން އެދިފަ އެވެ. އެކަމަކު ކޮންޓޭ އޭނާގެ ނިންމުން ބަދަލެއް ނުކުރި އެވެ. އޭނާ ބުނީ އަނިޔާގެ މައްސަލައެއް ދިމާނުވާނަމަ ކުޅުންތެރިއެއް ބަދަލުކުރަން ނިންމާނީ އޭނާ ކަމަށާއި އެއީ ކުޅުންތެރިންގެ އިހުތިޔާރުގައި އޮތް ކަމެއް ނޫން ކަމަށެވެ.