24 މެއި 2020 - 14:33

ނިއު ޔޯކް (މެއި 24) - އެމެރިކާގެ ނިއު ޔޯކް ސްޓޭޓުގައި ކޮވިޑް-19 ޖެހިގެން ދުވާލެއްގެ މައްޗަށް މަރުވާ މީހުން، މިދިޔަ މާޗް މަހު 24 އަށް ފަހު ފުރަތަމަ ފަހަރަށް 100 އިން ދަށަށް ހިނގައްޖެ އެވެ.
ގަވަރުނަރު އެންޑްރޫ ކޫމޯ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ނިއު ޔޯކުން މަރުވެފައި ވަނީ 84 މީހުން ކަމަށެވެ. އޭގެ ކުރީ ދުވަހު ވަނީ 109 މީހުން މަރުވެފަ އެވެ.
ކޫމޯ ވިދާޅުވީ ނިއު ޔޯކުން އެޑްމިޓްކުރަން ޖެހޭ މީހުންނާއި ވެންޓިލޭޓަރަށް ލާން ޖެހޭ މީހުން އަދި އަލަށް ބަލި ޖެހޭ މީހުންގެ އަދަދު ވެސް ދަށަށް ދާން ފަށާފައިވާ ކަމަށެވެ.
ކޮވިޑް-19 ގައި މަރުވާ މީހުން މިދިޔަ އެޕްރީލް މަހު ޕީކަށް އަރައިގެން ދިޔަ އިރު ނިއު ޔޯކުން ވަނީ ދުވާލެއްގެ މައްޗަށް 1،000 އަށް ވުރެ ގިނަ މީހުން ވެސް މަރުވެފަ އެވެ. ނިއު ޔޯކުން މިހާތަނަށް ވަނީ 369,656 މީހުން ޕޮޒިޓިވްވެ 29,112 މީހުން މަރުވެފަ އެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ 1,666,829 މީހުން ޕޮޒިޓިވްވެ 98,683 މީހުން މަރުވެފަ އެވެ.