24 މެއި 2020 - 14:01

ބުދަ ދުވަހާ ގުޅޭ
"ނާދޭ!" ޗޮކެއްކަނޑައިފައި ހަނާ ބުންޏެވެ. "މި ތާކަށް އެއްވެސް ބަޔެއް ނާދޭ! މަށަކަށް ހިޔެއް ނުވޭ އަންނާނެހެނެއް ވެސް."
ހަނާ އެހެން ބުނި ނަމަވެސް އަނިލްގެ އަމިއްލަ ނަފުސަށް އޮތް އިތުބާރުން އެންމެ ތަންފުކެއް ވެސް އުންޏެއް ނުވެއެވެ. އަންނާނެ ކަމަށް އަނިލް ބުނި ލަޝްކަރަކީ ބަހުގެ އިތުބާރު ހުރި، ވަގުތަށް ކަމޭހިތާ، އިސްލާމީ ފަހުލަވާނުންގެ ޖަމާއަތެކެވެ. އިސްލާން ދީނަށް ހިދުމަތް ކުރުމުގައި ސާބިތުވެ ތިބޭތާ އެތައް ސަތޭކަ އަހަރެއް ވެފައިވާ އަސްވާރުންތަކެކެވެ. ރާޤީއަކު ގޮވައިލީމައި އެ ފަދަ ބަޔަކު ނައިހެއް ނުދާނެއެވެ.
"އަހަންނަށް ޔަގީން އަންނާނެކަން،" ޔަގީންކަމާ އެކުގައި އަނިލް ބުންޏެވެ. "އިސްލާން ވެއްޖައިމޭ ކިޔައިގެން ކަލޭ ތި ދައްކާ ވާހަކަ ތީ ދެތެއް ކަމަށް ވަންޏާ، ކަލޭމެންނަށް މިހާރު އެ ލަޝްކަރު ފެންނާނެ. ދޮގެއް ކަމަށް ވަންޏާ ނުފެންނާނެ."
"އަހަރުމެން ޖިންނީންނަށް ކީއްވެ އަހަރުމެން ނުފެންނަންވީ؟" ހަނާ ސުވާލުކުރިއެވެ. "އެހެން ވެސް ވޭތަ؟"
"އާނ! އެހެން ވާނެ!" އަނިލް ބުންޏެވެ. "އިސްލާން ވެއްޖައީމޭ ކިޔައިގެން ކަލޭމެންނަށް އޮޅުވައިލެވޭނީ އަަހަންނަށް. އެކަމަކު މުސްލިމް ޖިންނީންގެ ފައުޖަކަށް އޮޅުވައެއް ނުލެވޭނެ. އެ ފައުޖު ފެންނާނީ ވެސް އިސްލާން ވީމަ. ދެންމެ ތި ދެއްކި ވާހަކައަކީ ހައްގު ތެދުކަމަށް ވެއްޖެއްޔާ އެ ބަޔަކު މި ތަނަށް އަންނާނެ. އެ ގޮތަށް އަހަރެން ދުއާ މި ކުރަނީ. ރަނގަޅަށް ބަލައިފަ ބުނޭ! ފެނޭތަ އެބަ؟"
ހަނާ އިރުކޮޅަކު ހިމޭނުން އޮތެވެ. އަދި މަޑުމަޑުން ބޯ އަނބުރަން ފެށިއެވެ. ހީވަނީ އެއްޗެއް ފެނިގެން އެއަށް ބަލާހެންނެވެ.
"އާނ މިހާރު އެބަ ފެނޭ!" ހަނާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "މީ ވަަރަށް މޮޅު ބަޔެއް ދޯ؟"
"އަހަންނަކަށް ތިއެއް ނޭނގެ،" އަނިލް ސީދާ ޖަވާބެއް ނުދިނެވެ. "ދެން ދޭ! ހަނާގެ ގައި ތެރެއިން ކަލޭމެން ނުކުންނާނީ އެއްފަހަރާ. އެ ކަން ހަނދާންކުރާތި!"
"އޭރުން އޭނައަށް ތަދުވާނެ!" ހަނާ ބުންޏެވެ. "އެހެން ވިޔަސް ހެޔޮ؟"
"މައްސަލައެއް ނެތް! ތަދު ނުވާ ގޮތަކަށް ނުކުމޭ،" އަނިލް އެދުނެވެ. "އޭނައަށް އަނިޔާ ނުކުރާތި! ކުރީ ބައިގަ މި ބުނަނީ."
"އަހަރުމެން ދުވަހަކު ވެސް އޭނަ އަކަށް އަނިޔާއެއް ނުކުރަން،" ބަރާބަރަށް ހަނާ ޖަވާބުދެއެވެ. "އަހަރުމެން ހަމަ ތިބީ. ފައިގެ ބޮޑުވައި އިނގިލީގެ ނިޔަފަތި ދަށުން ނުކުތަސް ހެޔޮތަ؟"
އެ ދިމާއިން ނުކުތުމުގެ ބޭނުން އަނިލްއަށް ވިސްނެއެވެ. އެހެންކަމުން އަނިލް އެ ފުރުސަތެއް ނުދިނެވެ.
"އުހުނއުހުނ!" އަނިލް ތަންކޮޅެއް ބާރަށް ބުންޏެވެ. "ފައިން ނުކުމެގެން ނުވާނެ. އަތުން ވެސް ނުކުމެގެން ނުވާނެ. އަނގައިން ނުކުންނަން ޖެހޭނީ. އަހަންނަށް ފެންނަން ޖެހޭނެ. ސަލާން ގޮވައިލައިފަ ނުކުމޭ!"
އެންމެން ތިބީ މަންޒަރު ބަލާށެވެ. ހަނާ މަޑުމަޑުން ސަލާން ގޮވައިލައިފައި އަނގަ ހުޅުވައިލިއެވެ. ކަރުބުޑަށް ދާންދެން ފެންނަ ވަރަށެވެ. އަދި ވަރަށް ފުންކޮށް އާފުރުނީމައި ނުކުންނަ ކަހަލަ އަޑެއް ނެރެލިއެވެ. އަނިލް ލަފާކުރި ގޮތުގައި އެންމެން ނުކުތީ އެއްފަހަރާއެވެ. އެކަމަކު ހަނާއަށް ތަދުވެގެނެއް ނޫޅެއެވެ. ހުރިހާ ކަމެއް ހަމަޔަކަށް އެޅެން އަނިލް ދެތިން މިނެޓު ދިނެވެ. ބަޔަކު ފައްސައިލެވުނަސް އަދިވެސް އިތުރު ބަޔަކު ތިބިކަން އަނިލްއަށް އެނގެއެވެ.
"ދެންމެ މިތާނގަ ހިނގި ކަންތައް އެންމެނަށް ވެސް ފެނުނެއްނު!" ދެން ތިބި ބަޔަކާ މުހާތަބުކޮށްފައި އަނިލް ބުންޏެވެ. "އަނެއްކާ ވެސް ފުރުސަތެއް މި ދެނީ. ކަލޭމެން ކިހިނެއް ހަދާނީ؟ ކަޮން ބަޔެއް ކުރިން ވާހަކަދައްކާނީ؟"
އަނދިރީގެ ތެރެއަށް އަނިލް ދޫކޮށްލި ތީރު ތަނަކަށް ނުހެރި، އިރުކޮޅެއް ވަންދެން ދަތުރުކުރިއެވެ. އަނިލް ނިންމައިގެން ހުރީ އެއްވެސް ޖަވާބެއް ނުލިބިއްޖެއްޔާ އެ ރެޔަށް ނިންމައިލާށެވެ. ހަނާ ވަރުބަލި ވާނެ ވަރު އަނިލްއަށް ވިސްނެއެވެ.
"ކަލޭ ކިޔަވާ އެއްޗެއް ކިޔަވައިގެން ހަދާ އެއްޗެއް ހަދާ!" ތަންކޮޅެއް ބަރު އަޑަކުން ހަނާ ބުނެލިއެވެ.
ހަނާ ތުންތެޅުވި ނަމަވެސް އެހާ ބަރު އަޑަކުން ހަނާއަށް ވާހަކަ ނުދެއްކޭނެކަން އެންމެނަށް އެނގެއެވެ.
"ތީގެ މާނައަކީ ކަލޭ އަމާންދޭކަށް ބޭނުމެއް ނޫނޭ ދޯ؟" އަނިލް ބޭނުންވީ ކަށަވަރުކުރާށެވެ.
"އާނ!" ރާގުލައިފައި، ދަމައިލައިފައި ހަނާ ބުނެލިއެވެ. "ކޮން އަމާނެއް؟ އަހަރުމެން މި ތިބީ ކުރިމަތިލާން ތައްޔާރުވެގެން. ވަރިހަމަ ތަޅައިގަންނަން ޖެހުނަސް."
ކުރިން ދިން ނަސޭހަތް އަލުން ތަކުރާރު ކުރާކަށް އަނިލް ބޭނުމެއް ނޫނެވެ. ވަގުތުން ކިޔަވަން ފެށިއެވެ. ފަނަރަ މިނެޓު ވަންދެން ކިޔެވި އިރު ވެސް ހަނާ އެއްވެސް ހަރަކާތެއް ނުކުރެއެވެ. ޖިންނިސައިތާނުންގެ އުނދަގޫ ޖެހުމުން ހަށިގަނޑުން ފެންނަ އެއްވެސް އަލާމާތެއް ހަނާގެ ހަށިގަނޑަކުން ނުފެނުނެވެ. ފެނުނީ މާ މުހިންމު އަލާމާތެކެވެ. ހަނާގެ ލޮލަށް ޖިންނިތައް "ފެންނަން" ފެށިއެވެ. އަނިލްގެ މަސައްކަތް އެތައް ގުނައެއް ފަސޭހަވިއެެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ޖިންނީގެ ގޯނާއިން ސަލާމަތްވެ އިންސާނެއްގެ ހުކުން ހަނާއަށް ހިނގަން ފެށިއެވެ. ކުއްލިއަކަށް ހަޅޭއްލަވައިގެންފައި ހަނާ ލޯ ހުޅުވިއެވެ.
"ކިހިނެއްވީ؟" އަނިލް ސުވާލުކުރިއެވެ.
"ކޮންމެވެސް މީހަކު ބޮޑު ތަވައެއްގަ އެއްޗެހިތަކެއް އެބަ ކައްކާ!" ނިކަން ބާރުބާރަށް ނޭވާލަމުން ހަނާ ބުންޏެވެ.
"ތި ފެންނަނީ ސިހުރުހަދާ ތަން،" އަނިލް ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ހާސްނުވޭ! އަހަރެން މި ބުނާ ގޮތް ހަދާ! މަޑުމަޑުން ލޯ މަރައިލައިފައި ބަލައިލާ އެ ތަވައިގެ އެތެރެ ފެނޭތޯ!"
ހަނާ މަޑުމަޑުން ދެ ލޯ މަރައިލިއެވެ. އެކަމަކު ތަވައިގެ އެތެރެ ހަނާއަށް ފެންނަ ގޮތެއް ނުވިއެވެ. އަނިލް އެދުނީ ލޯމަރައިގެން އޮތުމަށެވެ.
"އަހަރެން ކިޔަވަން ފެށީމަ ފެންނާނެ،" ވަރަށް އޯގާތެރިކަމާ އެކުގައި އަނިލް ބުންޏެވެ. "އަހަރެންގެ އަޑުއަހައިގެން ބަލަން މަސައްކަތް ކުރޭ!"
އަނިލް ކިޔަވަން ފެށިއެވެ. ހަނާއަށް ފެންނަ ދުނިޔޭގެ ބިންމަތީގައި ހަނާ ފައިޖައްސައިލިއެވެ. ތަވާ އުދައިފައި ހުރީ ބޮޑުސިންގާ އުނދުނަކަށެވެ. އުނދުން ހުރި ހިސާބު ފިޔަވައި އެހެން ހުރިހައި ތަނެއް އޮތީ އަނދިރިކޮށެވެ. އަލިފާންގަނޑާއި ތަވާ ފިޔަވައި އެހެން އެއްޗެއް ހަނާ އަކަށް ނުފެނެއެވެ. ހަނާ މަޑުމަޑުން އުނދުނާ ކައިރިވާން ފެށިއެވެ. ބޮޑު ތަވައިގެ އެތެރެ ބަލައިލުމުގެ އުންމީދުގައެވެ. ހަނާއަށް ފާހަގަކުރެވުނު ގޮތުގައި އަލިފާންގަނޑު ކިތަންމެ ބޮޑަސް އެއަކުން ހޫނެއް ނުވެއެވެ. ކުއްލިއަކަށް ކަޅު އެތިގަނޑެއް މަތިން ތިރިކޮށްލިއެވެ. ހީވީ ބޮޑުސިންގާ ފޮތިގަނޑެއް ނިއުޅުވައިލިހެންނެވެ. ހަޅޭއްލަވައިގެންފައި ހަނާ ލޯ ހުޅުވައިލިއެވެ.
"އިރުއިރުކޮޅާ ލޯ ނުހުޅުވަބަލަ!" އަނިލް ބުންޏެވެ. "ކޮންމެ ކަމެއް ވިޔަސް ލޯ ނުހުޅުވާ! ވާ ގޮތް އަހަންނަށް ކިޔައިދީ!"
"އެބަ އާދޭ!" ލޯމެރުމާ އެކުގައި ހަނާ ގޮވައިލިއެވެ. "އެބަ އާދޭ އަހަރެން ގަޔާ ދިމާއަށް. މަންމާ!"
އަނިލް ވަގުތުން އޭތި ބަނދެލިއެވެ. އޭރު އެއީ ކޯޗެއް ކަމެއް އަނިލް އަކަށް ވެސް ނޭނގެއެވެ.
"އޭތި މުޅި ތާނގަ އެބަ އުދުހޭ! މިއޮއް އަންނަނީ!" އެއްޗަކުން ސަލާމަތްވާން ދެއަތް ހުރަސްކޮށްލާހެން ހަނާގެ ދެއަތް ހުރަސްކޮށްލިއެވެ. "މަންމާ!"
އަނިލް ކުރިޔަށް ވުރެ ވަރުގަދަކޮށް އެ އެތި ބަނދެލިއެވެ. ފިޔަގަނޑެއް އޮތް ނަމަ ނުހުޅުވޭ ވަރަށެވެ. ދެ ފައި އޮތް ނަމަ ނުތެދުވޭ ވަރަށެވެ. ދެ އަތް އޮތް ނަމަ ނުހެލުވޭ ވަރަށެވެ.
"އޭނަ އުދުހިގެންފާނެ!" ހަނާ ހުއްޓައި ނުލައި ކިޔައިދިނެވެ.
ރަނގަޅަށް ބަނދެލުމަށް ފަހު އެނދުގެ ބޯލާކޮޅާ ދިމާއަށް އެ އެތި ގުޅަކޮށްފައި ޖެހިއެވެ. ހީވީ ހަގީގަތުގައި ވެސް އަނިލް އަތުގައި ވާގަނޑެއް އޮތްހެންނެވެ. ހަރަކާތްތައް ހުރީ އެހެންނެވެ.
"ރައްކާވެއްޖެ!" ހަނާ ބުންޏެވެ. "އޭތި ހިނގައްޖެ!"
"އެނދުގެ ވައަތް ފަރާތު ބޯލާކޮޅު ބަލައިލަބަލަ!" އަނިލް މަޑުމަޑުން ބުންޏެވެ.
ލޯމަރައިގެން އޮވެފައި ހަނާ އެ ދިމާއަށް އެނބުރިފައި ސިއްސައިގެން ގޮސް ހަޅޭއްލަވައިގަތެވެ.
"އޭ! ހާދަ ކައިރީގައޭ މިއޮތީ!" ހާސްވެފައި ހަނާ ބުންޏެވެ.
"އެބައުޅޭތަ އުދުހެން؟" އަނިލް ސުވާލުކުރިއެވެ.
ހަނާގެ ފަރާތުން އެނގުނު ގޮތުގައި އެ އެތި އޮތީ ހިރިނުލެވިފައެވެ. ވާލުގެ ހުންނަ ކަހަލަ ދެ ފިޔަގަނޑު ތަޅުވަން އޭތި މަސައްކަތްކުރިއެވެ. ރާމާމަކުނުގެ އޮންނަ ކަހަލަ ނަގުލެއް ވެސް އޮތެވެ. ބަކަރީގައި ހުންނަ ކަހަލަ ދެ ދަޅާއި، ފަހަތު ދެ މޮއްގަނޑު ވެސް ހުއްޓެވެ. ލިބެމުންދިޔަ ވޭނުގެ ސަބަބުން އޭތި މަޑުމަޑުން ނަގޫ ތަޅުވަމުން ގެންދިޔައެވެ. އިރުކޮޅަކުން ރޯން ފެށިއެވެ.
"އަހަނ! ދެން ކޮން ރުއިމެއް ރޯކަށް،" އެއްވެސް ހާސްކަމެއް ނެތި އަނިލް ބުންޏެވެ. "ނަސޭހަތް ދިނީމެއްނު. ފުރުސަތު ދިނީމެއްނު!"
"އޭނައަށް ނުވިސްނުނީޔޯ!" ހަނާ ވާހަކަދެއްކީ ހަނާގެ ގޮތުގައެވެ. ޖިންނިސައިތާނާގެ ބާރު ދަށުގައިވާ އިންސާނެއް ވާހަކަދައްކާ ގޮތަކަށް ނޫނެވެ. "މާފުކުރާށޯ!"
"ދެން މާފެއް ވެސް ނުކުރެވޭނެ!" އަނިލް ވަގުތުން އިންކާރުކުރިއެވެ. "ތީ ސިހުރާ ހަވާލުގެ ވެގެން ހުރި ބޮޑު އިފުރީތުތަ؟"
އަނިލް ވާހަކަދައްކަނީ ސީދާ އެ އެއްޗާއެވެ. ޖަވާބު ލިބެނީ ހަނާ މެދުވެރިކޮށެވެ.
"ނޫނެކޯ!" ހަނާ ބުންޏެވެ. "އޭނައެއް މި ތާކަށް ނާންނާނެޔޯ! ނުވެސް ގެނެވޭނެ ޔޯ!"
"އަހަނ! ތި ގޯސްވީއޭ!" ހިތްހަމަނުޖެހިފައި އަނިލް ބުންޏެވެ. "ދެންމެ މާފަށްއެދުނީ. މިހާރު ތި ފުއްޕާލީ! ބުނާނެ އިންސާނުން ބޮޑާވާ ވާހަކަ. ކަލޭމެންގެ ބޮޑާކަށް ވަކި ކުޑަ؟"
ޖިންނީންގެ ފަރާތުން އިތުރު އެހީއެއް އެދުމަކާ ނުލައި އަނިލް ކިޔަވަން ފެށިއެވެ. ނޭވައެއް ލާނެ ވަގުތު ވެސް ނުދީ ދިހަ ވަރަކަށް މިނެޓު ކިޔެވި ތަނާ ހަނާއަށް އެހެން މަންޒަރެއް ފެންނަން ފެށިއެވެ.
"އެބަ އާދޭ ބޮޑު އެލިފަންޓެއް!" ހައިރާންވެފައި ހަނާ ބުންޏެވެ. "އޭގެ މަތީގަ އިށީނދެގެން އެބައިން ފާޑެއްގެ އެތިގަނޑެއް ކަހަލަ އެއްޗެއް. މަށަކަށް ނޭނގެ އޭނަ ޖަހާ ސިފައެއް ވެސް. އޭނަ ނަށަނީ. ހިނިއައިއްސަ އިންނަހެން ހީވަނީ. އޭނަ އެބަ ބުނޭ އެއީ ވެރިޔާޔޯ! ކަލޭމެން ތި ކިޔެވުން ހުއްޓާލާށޯ! މީނަ ގޮވައިގެން ދާންވެގެންނޯ މިއައީ. އޭނަ ހަމަ މިހާރު މޮހާލާށޯ!"
"އެހެންތަ؟" ފަރުވާ ކުޑަ ގޮތަކަށް އަނިލް ބުންޏެވެ. "ފުރަތަމަ އޭނައަށް މި ތަނުން ދެވިއްޖެއްޔާ ތާ!"
ނުނިމޭ