24 މެއި 2020 - 14:24

އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށަން ނިންމާފައިވީ ނަމަވެސް މިހާރު ތިބި ދަރިވަރުންގެ ފިލާވަޅުތައް ރިޕީޓް ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ މެދުކެނޑުމަކަށް ފަހު ޓީވީ މެދުވެރިކޮށް މާދަމާ ކިޔަވައިދޭން ފަށާނީ، މީގެ ކުރިން ކިޔަވައިދީ ނިންމާފައިވާ ހިސާބުން ކަމަށެވެ. ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހު ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފެށިޔަސް ކުރިން ކިޔަވައިދީފައި ހުރި ފިލާވަޅުތައް އަލުން ކިޔަވަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ މިއަހަރު ކިޔެވުން ކުރިއަށްދާނީ މި އަހަރަށް ކަނޑައަޅާފައިވާ އެކަޑެމިކް ކަލަންޑަރާ އެއްގޮތަށް ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ދިރާސީ އަހަރުގެ ކިޔެވުން ފަށަމުން އައީ ޖެނުއަރީ މަހު އެވެ. ނަމަވެސް މި އަހަރު އެ ބޮޑު ބަދަލު ގެނައީ، އަންނަ އޮކްޓޫބަރު/ނޮވެމްބަރު މަހު އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނު، ކޮވިޑް-19 ގެ ސަބަބުން އަންނަ އަހަރުގެ މެއި/ޖޫން މަހަށް ފަސްކުރުމުންނެވެ. މިނިސްޓްރީން ނިންމާފައިވަނީ އެ ދަރިވަރުން އިމްތިހާނު ހެދުމާ ހަމައަށް ތިބޭނީ އެ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ކަމަށެވެ.
އެހެންވެ ޖާގައިގެ ދަތިކަން ހައްލުކުރަން ސޯޝަލް ކައުންސިލްގެ ލަފައާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ތާރީހު ބަދަލުކުރަން ނިންމީ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްކޫލުތައް ބަންދުކުރިތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. މީގެ ކުރިން "ޓެލިކިލާސް" ނަމުގައި ޓީވީ މެދުވެރިކޮށް ފިލާވަޅުތައް ނަގައިދިން ނަމަވެސް ވިއަސް މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން އެގޮތަށް ކިޔަވައިދިނުން ވެސް މެދުކެނޑިގެން ދިޔައީ އެވެ.
އިހުސާން ވިދާޅުވީ އަލުން ކިޔަވައިދޭން ފަށާއިރު ގްރޭޑު 1-8 ގެ ދަރިވަރުންގެ ފިލާވަޅުތައް ރިވިއުކޮށް ސިލަބަސް ކުޑަކޮށްފައިވާ ކަމަށެވެ. މި ދަނޑިވަޅުގައި ކޮންމެހެން ކިޔަވައިދޭންޖެހޭ ބައިތައް ވަކިކޮށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއީއައި) ގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ކަމަށް ވިދާޅުވި އެވެ.
"މިއަހަރު ސްކޫލުތަކުގައި 40 ދުވަސް ކިޔަވައިދީފައި ވަނީ. ޓެލިކިލާހުން ވެސް އަދި ސްކޫލު ހުޅުވައި ކިޔަވައިދޭން ފަށާނީ ވެސް، އޭރަށް ކިޔަވައިދީފައި ހުރި ހިސާބުން،" އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ އިމްތިހާނަށް ފަރިތަކުރާ ދަރިވަރުންނަށް ވުމުން ގްރޭޑު 9 އަދި 10ގެ ދަރިވަރުންގެ ފިލާވަޅުން އެއްވެސް ބައެއް އުންޏެއް ނުކުރާނެ ކަމަށެވެ.