17 އޮކްޓޯބަރ 2016 - 12:21

އިންޑިއާގެ މުދާ އުފުލާ ބޯޓެއް ޅ. ކުރެއްދޫ ކައިރީގައި އޮތް ފަރަކަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ބޯޓު ފަރަށް އެރީ މާލެ އައި މަގުމަތީގަ އެވެ. އަދި އެ ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ބޯޓަށާއި ފަރަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަން އަދި ނޭނގޭ ކަމަށް ބުންޏެވެ.
ބޯޓު ފަރަށް އެރި އިރު އޭގައި ހަތް މީހުން ތިބި އިރު އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އިންޑިއާއިން މުދާ ބަރުކޮށްގެން އެ ބޯޓު އެންމެ ފުރަތަމަ ދިޔައީ ކުޅުދުއްފުއްޓަށެވެ. އަދި ބޯޓު ފަރަށް އެރީ، އެ ރަށަށް މުދާ ބޭލުމަށް ފަހު މާލެ ދަތުރު ކުރި މަގުމަތީގައި ކަމަށް ވެސް އެނގިފައި ވެ އެވެ.
މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެސް، ވިއެޓްނާމްގެ މުދާ އުފުލާ ބޯޓެއް ފުވައްމުލަކު ހުޅަނގު ދެކުނު ފަރާތަށް އަރައި، ފަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. އަދި އެ ބޯޓު ފުން ނުކުރި ދެ މަހެއްހާ ދުވަސް ފަހުން، މި މަހު ބޯޓު ފުންކޮށްގެން ރާއްޖޭން ބޭރަށް ގެންދަނިކޮށް ވަނީ ފެތިފަ އެވެ.
އެ ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފައިވާއިރު، އޭގެ ބަދަލެއްގެ ގޮތުގައި ދޭން ޖެހޭ އަދަދެއް އަދި ކަނޑައެއް ނާޅަ އެވެ.
އުޅަނދުތައް ފަރަށް އަރައިގެން ލިބޭ ގެއްލުންތަކާ ގުޅިގެން މީގެ ކުރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެ އެވެ. އެ ބޯޓުން އައި މީހުން އަދިވެސް ރާއްޖޭގައި ތިބިއިރު، އެމީހުންނަށް ފުރޭނީ ފައިސާ ދެއްކޭނެ ގޮތެއް ހަމަޖެއްސުމަށް ފަހު އެވެ.