25 މެއި 2020 - 09:45

ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްސިޓަކީ އެކްޓްކުރުމާއި ނެށުމަށް ދެވަނައެއް ނެތް ފަދަ ބަތަލާއެކެވެ. އޭނާގެ މި ހުނަރުތައް އެތައް ފިލްމަކުން ދައްކާލައި، ބެލުންތެރިންގެ ހިތްތައް ވަނީ ފަތަހަކޮށްފަ އެވެ.
އެކަމަކު މަދޫރީގެ ކުރިން ނުފެންނަ ހުނަރެއް އޭނާ މިހާރު ވަނީ ސީރިއަސްކޮށް ދައްކާލައިފަ އެވެ. އެއީ އަމިއްލަ އަޑުން ރެކޯޑްކޮށް ނެރުނު ފުރަތަމަ ސިންގަލްއާ އެކީގަ އެވެ. "ކެންޑްލް" ގެ ނަން ދީފައިވާ މި ލަވަ މަދޫރީ ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ހިއްސާކޮށްފަ އެވެ. އަޑު އަހައިލަން ފަސޭހަ މި ލަވަ މަދޫރީ ކިޔާފައިވާ ގޮތާ ދޭތެރޭ ޔަގީނުން ވެސް ގިނަ ބަޔަކު މާ ބޮޑެތި ސުވާލުތަކެއް އުފައްދާނެ ކަމަކަށް ނުބެލެވެ.
"ކެންޑްލް" އާންމުކުރުމާ އެކު ވަރަށް ގިނަ ފަންނާނުން ވެސް ޓްވިޓާގައި މަދޫރީ އަށް މަރުހަބާ ކިޔައި، ތައުރީފު ވެސްކޮށްފައިވެ އެވެ.
ލަވަ އާންމުންނަށް ދޫކޮށްލަމުން މަދޫރީ ވަނީ ފޭނުންނަށް ކަމުދާނެކަމަށް އުންމީދުކުރާ ކަމަށް ވެސް ބުނެފަ އެވެ. "ކެންޑްލް" އަކީ ކޮރޯނާވައިރަހާ އެކު ކުރިމަތިވެފައިވާ މި ދަތި އުނދަގޫ ހާލަތަށް އުންމީދެއް ގެނެސްދިނުމުގައި މަގުސަދުގައި މަދޫރީ ދޫކޮށްލި ލަވައެކެވެ.
މި މަހުގެ 15 ގައި 53 އަހަރު ފުރުނު އަދި ދެ ކުންދިންގެ މަންމަ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ކަލަންކް" އެވެ. މަދޫރީގެ ކުރިއަށް އެކްޓިން ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ ދަރުމާ އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭން ނިންމާފައިވާ ވެބް ސީރީޒެއް ހިމެނެ އެވެ.
މަދޫރީ މިހާރު އަންނަނީ އޭނާ ޖަޖްކަންކުރާ ކަލާޒްގެ ޑާންސް ޝޯ "ޑާންސް ދިވާނޭ" "ސީޒަންގެ 3 އަށް ވެސް ތައްޔާރުވަމުންވެ. ލޮކްޑައުނާ އެކު ހެދި އޭގެ އޮޑިޝަން މި ފަހަރު ކުރިއަށް ގެންދަން ނިންމާފައި ވަނީ އޮންލައިންކޮށެވެ. އެގޮތުން ކަލާޒުން ވަނީ ބައިވެރިވާން ބޭނުންވާ މީހުންނަށް ވީޑިއޯތައް ފޮނުވަން ހުޅުވާލައިފަ އެވެ.
"ޑާންސް ދިވާނޭ 3" ކަލާޒުން ގެނެސްދޭނީ އާންމު ހާލަތަކަށް ރުޖޫއަވެވި ޝޫޓިންތައް ކުރިއަށް ގެންދަން ފުރުސަތު ލިބުމުންނެވެ. މީގެ ޖަޖުންގެ ގޮތުގައި މަދޫރީއާ އެކު ބައިވެރިވަނީ ޑައިރެކްޓަރު ޝިޝާންކް ކައިތާނާއި ކޮރިއޮގްރާފަރު ތުޝާރު ކާލިއާ އެވެ.