މިތުންގެ ދަރިފުޅުގެ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި
މިތުންގެ ދަރިފުޅުގެ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި

ހިންދީ ސިނަމާގައި 80 އާއި 90 ގެ އަހަރުތަކުގައި އެންމެ ގަދައަށް ފިޔަޖެހި އެކްޓަރުންގެ ތެރޭގައި ހިމެނޭ މިތުން ޗަކްރަބަތީގެ ދެވަނަ ފިރިހެން ދަރިފުޅު ނަމާޝީ ޗަކްޗަރަބަތީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ބޭޑް ބޯއި" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންނުކުރާ މި ފިލްމުން ނަމާޝީއާ އެކު އާ ބަތަލާއަކު ވެސް ތައާރަފުކުރާނެ އެވެ. އެއީ ޕްރޮޑިއުސަރު ސާޖިދު ގްރޭޝީގެ ދަރިފުޅު އަމްރިން ގްރޭޝީ އެވެ.

ރިޕޯޓްތައް ބުނާގޮތުން "ބޭޑް ބޯއި" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި ފާހަގަކުރީ ދިވާލީތެރޭގަ އެވެ.

ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ބޭޑް ބޯއި" ޑައިރެކްޓްކޮށްފައި ވަނީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ، ތަޖުރިބާކާރު ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ އެވެ. "އަންދާޒް އަޕްނާ އަޕްނާ" އާއި "ދާމިނީ" އާއި "ގަތަކު" އާއި "ގާޔަލް" އާއި "އަޖަމް ޕްރޭމް ކީ ގަޒަބް ކަހާނީ" ފަދަ ފިލްމުތައް ގެނެސްދިން ސަންތޯޝީ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2013 ގައި ޝާހިދު ކަޕޫރާއި އިލިއާނާ ޑި ކްރޫޒް ފެނިގެން ދިޔަ "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ" އެވެ.

"ބޭޑް ބޯއި" އިން ނަމާޝީ އަށް ފުރުސަތު ލިބުނީ މިދިޔަ އަހަރު ޑައިރެކްޓަރު އަނޫވަބް ސިންހާ، އަޔޫޝްމަން ކްރާނާއާ އެކު ގެނެސްދިން "އާޓިކަލް 15" ގެ ސަޕޯޓިން ރޯލެއް ލިބިފައި ވަނިކޮށެވެ. އެއާ އެކު އޭނާ ވަނީ "ބޭޑް ބޯއި" އިން ލިބުނު ލީޑް ރޯލާ އެކު އަނޫބަވްގެ ފިލްމު ދޫކޮށްލައިފަ އެވެ.

ވަރުގަދަ ނެށުންތެރިއެއްގެ ގޮތުގައި މިތުން މަޝްހޫރުވެގެން ދިޔަ އިރު، ނަމާޝީގެ ފިލްމަކީ ވެސް ނެށުމާއި މިއުޒިކްގެ ގޮތްގަނޑު ވަރަށް ބޮޑުވާނެ ފިލްމެއް ކަމަށް ބެލެވެ އެވެ.

މިތުންގެ ދޮށީ ފިރިހެން ދަރިފުޅު މަހާކްޝޭ ޗަކްރަބަތީ (މިމޯ)، 35، ބޮލީވުޑަށް ތައާރަފުވީ 2008 ގައި ރިލީޒްކުރި "ޖިމީ" އިންނެވެ. އެކަމަކު އޭނާ އަކީ މާ ބޮޑު ކުރިއެރުމެއް ލިބުނު އެކްޓަރެއް ނޫނެވެ.

މިމޯ އާއި ނަމާޝީގެ އިތުރުން މިތުން، 69، ގެ ދެން ތިބެނީ އުޝްމޭ ޗަކްރަބަތީ ކިޔާ ފިރިހެން ކުއްޖަކާއި ޑިޝާނީ ޗަކްރަބަތީ ކިޔާ އަންހެން ކުއްޖެކެވެ.