17 އޮކްޓޯބަރ 2016 - 13:59

މިލާން (އޮކްޓޯބަރު 17) - އިންޓަ މިލާނުގެ ކެޕްޓަން މައުރޯ އިކާޑީގެ ބަޔޯގްރަފީގައި ސަޕޯޓަރުންނަށް ފާޑުކިޔާފައިވާތީ އޭނާ އަތުން ކެޕްޓަން ބޭންޑް ނަގަން އެ ކްލަބުން ވިސްނަން ފަށައިފި އެވެ.

އިޓާލިއަން ލީގުގައި ރޭ ކަލިއާރީ އަތުން 2-1 އިން އިންޓަ ބަލިވި މެޗުގައި އިންޓަގެ ސަޕޯޓަރުން ވަނީ އިކާޑީއާ ދެކޮޅަށް ބެނާ ދަމައިފަ އެވެ. މެޗު ތެރެއިން އިންޓަ އަށް ލިބުނު ޕެނަލްޓީ އިކާޑީ ޖަހަން ދިއުމުން އިންޓަގެ ސަޕޯޓަރުން ނުރުހުޅުން ފާޅުކުރިއިރު އޭނާ އަތުން ޕެނަލްޓީ ބޭކާރުވުމުން ސަޕޯޓަރުން އުފާފާޅުކުރި އެވެ.
އިންޓަގެ ނައިބު ރައީސް އަދި ކުރީގެ ކެޕްޓަން ހަވިއޭ ޒަނޭޓީ ވިދާޅުވީ އިކާޑީގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި ސަޕޯޓަރުންނަކީ ކްލަބްގެ މުހިއްމު ބައެއް ކަމަށްވެފައި ސަޕޯޓަރުންނަށް އިހުތިރާމް ނުކުރާ ކުޅުންތެރިއަކު ޓީމުގެ ކެޕްޓަންކަން ކުރުމަކީ ކްލަބްގެ ކުރިމަގަށް އޮތް ގެއްލުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ފާއިތުވި ސީޒަނުގައި އިންޓަ އަށް މޮޅު ކުޅުމެއް ދެއްކި އިކާޑީ ދާދި ފަހުން ނެރުނު ފޮތުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ސަސުއޯލޯ އަތުން 3-1 އިން އިންޓަ ބަލިވި މެޗަށް ފަހު އޭނާ އިންޓަގެ ސަޕޯޓަރުންނަށް ޗެލެންޖް ކުރުމުން އިންޓަގެ ކުޅުންތެރިން އޭނާ އަށް ތައުރީފްކުރި ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޖެނުއަރީ މަހު އިކާޑީ ވިއްކާލަން އިންޓަ އޮތީ ތައްޔާރަށެވެ. އޭނާ ގެންދަން މަސައްކަތްކުރަނީ ނަޕޯލީގެ އިތުރުން އާސެނަލް އެވެ.
ރޭގެ މެޗުން ބަލިވުމުން އިންޓަގެ ކޯޗު ފްރޭންކް ޑި ބޮއާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ޗައިނާގެ އިންވެސްޓަރުންނާ އެކު އާ ސީޒަނަށް ބޮޑު ހަރަދެއް ކުރި ނަމަވެސް އެ ޓީމަށް އެެދެވޭ ނަތީޖާއެއް ނުހޯދެ އެވެ. އެ ޓީމު އޮތީ 11 ޕޮއިންޓާ އެކު 11 ވަނައިގަ އެވެ.
ވާދަވެރި އޭސީ މިލާން ވަނީ ރޭ ކިއޭވޯ ވެރޯނާ އަތުން 3-1 އިން މޮޅުވެ 16 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި އޮތް ރޯމާ ވެސް އެ އަދަދަށް ޕޮއިންޓް ހޯދާފައިވާއިރު ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އެއް ވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސް އެވެ.