24 މެއި 2020 - 13:54

މެޑްރިޑް (މެއި 24) – ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ ސްޕެނިޝް ލީގު (ލަލީގާ) ޖޫން 8 ވަނަ ދުވަހު އަލުން ފެށޭނެ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެ އެވެ.
ލީގުގެ ރައީސް ހަވިއޭ ޓެބާސް މީގެ ކުރިން ވިދާޅުވީ މާޗް މަހުގެ ތެރޭގައި މެދުކަނޑާލި ލީގު އަލުން ފޭށެނެ ކަމަށް އުއްމީދުކުރަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގައި ކަމަށެވެ. އެކަމަކު ސަރުކާރާ އެކު ބޭއްވޭ މަޝްވަރާތަކަށް ފަހު އަލުން ފަށާ ތާރީހު އަވަސްވުމުގެ ފުރުސަތު އޮތްކަން އޭރު ވެސް ފާހަގަކުރެއްވި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވީ އަންނަ މަހު 8 ވަނަ ދުވަހުން ފެށިގެން ސަޕޯޓަރުން ނުވައްދައި ކުޅިވަރުގެ ހަރަކާތްތަށް ފެށުމުގެ ހުއްދަދޭނެ ކަމަށެވެ.
"ހާއްސަ ގޮތެއްގައި ލަލީގާ ފެށުމުގެ ހުއްދަ އަހަރެމެން ވާނީ ދީފައި،" ސަންޗޭޒް ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ކްލަބްތަކުގެ ހުރިހާ ކުޅުންތެރިންނާއި ސްޓާފުން ޓެސްޓްކުރުމަށް ފަހު މި މަހު ކުރީކޮޅުގައި ވަނީ ޓީމުތަކުގެ ޕްރެކްޓިސް ފަށައިފަ އެވެ. ފުރަތަމަ ވަކިވަކިން ކުޅުންތެރިންގެ އިންޑިވިޖުއަލް ޓްރެއިނިންތައް ފެށިއިރު، މިހާރު އަންނަނީ ގްރޫޕް ޓްރެއިނިންތައް ވެސް ކުރިއަށްގެންދަމުންނެވެ.
ސްޕެއިނުގެ ސަރުކާރުން ލަލީގާ އަލުން ފެށުމުގެ ފެހި ސިގްނަލް ދިނުމާ އެކު ލީގުގެ ރައީސް ޓެބާސް ވަނީ އެެ ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"މިއީ އަހަރެމެންގެ ކްލަބްތަކުން ކަމާބެހޭ ފަރާތްތަކުން ދިން ލަފާ އަޑުއަހައިގެން ކުރި ރަނގަޅު މަސައްކަތްތަކުގެ ނަތީޖާ. މިހާ ހިސާބުން ހުއްޓާލަންވީ އެއް ނޫން. އަދިވެސް އެބަޖެހޭ މި ކަމާ ވަރަށް ފަރުވާތެރިވެގެން ހުރިހާ ކަމެއް ކުރަން. އަހަރެމެން އެއްވެސް ކަމެއްގައި ފަހަތަށް ނުޖެހޭނަން،" ސްޕެއިނުގެ ރޭޑިއޯ އަކަށް ޓެބާސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
ލަލީގާ އަލުން ނުފެށޭނަމަ ކްލަބްތަކަށް ވަރަށް ބޮޑު މާލީ ގެއްލުމެއް ލިބޭނެ ކަމަށް މީގެ ކުރިން ލީގުގެ ބޯޑުން ވަނީ ބުނެފަ އެވެ. އެގޮތުން ފުރަތަމަ ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި ލީގު ފުރިހަމަ ނުކޮށް ކެންސަލްކޮށްލަން ޖެހުނު ނަމަ މާލީ ގެއްލުންތައް އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެ އެވެ.
އަލުން މެޗުތައް ފެށުމުގެ ހިޔާލާ މެދު އެކި ކުޅުންތެރިންގެ ހިޔާލު ތަފާތެވެ. އަންނަ މަހު ލީގު ފެށުން އަވަސް ކަމަށް ސްޕެއިނުގެ ބައެއް ކުޅުންތެރިން އަންނަނީ ބުނަމުންނެވެ. އެކަމަކު ސަރުކާރުގެ ހުއްދަލިބޭނަމަ ގިނަ ކްލަބްތަކުން ތިބީ މެޗުތައް ކުޅެން ތައްޔާރަށެވެ. ސްޕެއިނަކީ ކޮވިޑް-19ގެ ނުރައްކާ ވަރަށް ބޮޑުވި ގައުމެކެވެ. އެކަމަކު އެ ގައުމުގެ ސަރުކާރުގެ ރަނގަޅު ގިނަ ނިންމުންތަކެއްގެ ސަބަބުން މިހާރު އެ ވައިރަސް އަންނަނީ ވަރަށް ރަނގަޅަށް ކޮންޓްރޯލްކުރެވެމުންނެވެ.
ލަލީގާގައި ކޮންމެ ޓީމެއް ބާކީ 11 މެޗު ކުޅެން އޮތްއިރު ބާސެލޯނާ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެން ދެ ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ.