މެލޭޝިއާގައި ބިދޭސީން ބަންދުކުރާ ތަނެއްގައި ވައިރަސް ކްލަސްޓާތަކެއް
މެލޭޝިއާގައި ބިދޭސީން ބަންދުކުރާ ތަނެއްގައި ވައިރަސް ކްލަސްޓާތަކެއް

ކުއާލަ ލަމްޕޫރު (މެއި 24) - ސައްހަ ލިޔެކިޔުން ނެތި މެލޭޝިއާގައި އުޅޭ ބިދޭސީން ބަންދު ކުރާ މަރުކަޒެއްގައި ކޮރޯނާވައިރަހުގެ ކްލަސްޓާތަކެއް އުފެދިއްޖެ އެވެ.

ގަވާއިދާޚިލާފަށް އުޅުނު 2،000 އަށް ވުރެ ގިނަ ބިދޭސީން މެލޭޝިއާ އިން މި މަހު ވަނީ ހައްޔަރުކޮށްފަ އެވެ. ލިޔެކިޔުން ނެތި އުޅޭ ބިދޭސީން ހޯދުމަށް، މެލޭޝިއާ ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު ފުލުހުން ވަނީ އޮޕަރޭޝަނެއް ހިންގައިފަ އެވެ. ބިދޭސީން ބަންދުކޮށްފައި ތިބި ސެލްތަކުގެ ތޮއްޖެހުން ބޮޑު ކަމަށްވެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ވެރިރަށް ކުއާލަ ލަމްޕޫރާ ކައިރީގައިވާ ސެމެނިޔާ ޑިޓެންޝަން ސެންޓަރުން އިއްޔެ ވަނީ 21 ކޭސް ފެނިފައި ކަމަށެވެ. އެ ސެންޓަރުގައި ވަނީ 1،600 ބިދޭސީން ބަންދުކޮށްފަ އެވެ. މިއީ ވައިރަސްގެ ކްލަސްޓާ ފެނުނު ދެ ވަނަ ސެންޓަރެވެ. މި ހަފުތާގެ ކުރީކޮޅު ވަނީ ބުކިޓް ޖަލިލް އިން 60 ކޭސް ފެނިފަ އެވެ. އެ ސެންޓަރުގައި ވަނީ 1،400 މީހުން ބަންދުކޮށްފަ އެވެ.

ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ނޫރް ހިޝާމް އަބްދުﷲ ވިދާޅުވީ ޑިޓެންޝަން ސެންޓަރުތަކަށް ވައިރަސް ވާސިލްވި ގޮތް އަދި ހޯދިފައި ނުވާ ކަމަށެވެ.

އޭޝިއާގެ އެކި ގައުމުތަކުން ގޮސް ދެ މިލިއަނެއްހާ ބިދޭސީ މަސައްކަތު މީހުން މެލޭޝިއާގައި އުޅެ އެވެ. އޭގެ އިތުރުން ގަވާއިދާޚިލާފަށް އުޅޭ ބިދޭސީ މަސައްކަތު މީހުންގެ އަދަދު ވެސް އެތައް މިލިއަނަކަށް އަރާނެ ކަމަށް ބެލެވެ އެވެ.

މެލޭޝިއާ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 7,185 މީހުން ޕޮޒިޓިވްވެ 115 މީހުން މަރުވެފަ އެވެ.