23 މެއި 2020 - 20:19

ކޮވިޑް-19 ފެތުރޭތީ ގޭގައި ތިބެންޖެހި އެންމެން ދުރުގައި ތިބި ކަމުގައިވިޔަސް މުއާސަލާތީ ގުޅުންތައް ބޭނުންކޮށްގެން ގުޅުންތައް ބަދަހިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
ފިތުރު އީދު ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އިޖުތިމާއީ ގައިދުރުކަން ދަމަހައްޓަން މަޖުބޫރުވެފައި އޮތް ކަމުގައި ވިއަސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެ ގުޅުންތައް ބަދަހިކުރުމުގެ ވަރަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެފައިވާ ކަމަށެވެ.
އެހެންވެ މާދަމާ ފާހަގަކުރާ މިއަހަރުގެ ފިތުރު އީދު ދުވަހަކީ މުއާސަލާތީ ވަސީލަތްތަކުގެ އެހީގައި ގުޅުންތައް ބަދަހިކުރަން ހާއްސަ ސަމާލުކަމެއް ދޭ ދުވަހަކަށް ހެދުމަށް އިލްތިމާސްކުރެއްވި އެވެ. އެކުގައި ދިރިއުޅޭ މީހުންނާ އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކުރަން އިސްކަން ދިނުމާއި ދުރުގައި ދިރިއުޅޭ ގާތްތިމާގެ މީހުންނާއި އެކުވެރިންނާ އެކު ވެސް މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ވަގުތު ހޭދަކޮށް ހާލު އޮޅުންފިލުވައި އީދު ތަހުނިޔާ ބަދަލުކުރުމަކީ ވަރަށް މުނާސަބު ކަމެއްކަން ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވަނީ މި ބަލިމަޑުކަމުގެ ސަބަބުން ނިކަމެތި ހާލަތްތައް މެދުވެރިވެފައިވާ ކިތައްމެ ބަޔަކު ތިބިކަން ހަނދާންކޮށް، އެމީހަކަށް ވެވުނު ގޮތަކުން އެހީތެރިކަން ދިނުމަށް އެދިވަޑައިގެންފަ އެވެ.
"ހަމަ އެއާއެކު ގޭތެރޭގައި ބަންދުވެފައި ތިބޭ މި ދުވަސްކޮޅުގައި މައިންބަފައިންނާއި ދަރިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދިނުމުގެ ރީތި ސިފަ އަށަގެންނެވުމަށާއި އާއިލާގެ ތުއްތު ކުދިންނަށް އޯގާތެރިކަމާއި ލޯތްބާއެކު ހޭހަންކުރުމަށާއި އުމުރުން ދުވަސްވެފައި ތިބި މާމައިންނާއި ކާފައިންނަށް އޯގާތެރިކަމާއި ކުލުނާއެކު ހިދުމަތްކޮށްދިނުމުގެ ރޫހު އާލާކުރެއްވުމަކީ މުހިންމު ކަމެއް،" ރައީސްގެ މެސެޖުގައި ވެ އެވެ.
"ގެއިން ބޭރަށް ނުނިކުމެ ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުން ކުރިމަތިވާ ނަފްސާނީ އުނދަގޫތައް ލުއިކުރުމަށްޓަކައި އާއިލާގެ މެންބަރުން އެކުގައި ފައިދާ ހުރި ވަގުތުތަކެއް ހޭދަކުރާނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވެސް ވަރަށް މުހިންމު ކަމެއް،"
އީދު މި ބައްދަލުކުރީ ކެތްތެރިވުމަށާއި އިސްރާފު ނުކުރުމަށާއި އިގުތިސޯދުކުރަން ނަފްސުތައް ތަރުބިއްޔަތުކޮށްދިން މޫސުމަކަށް ފަހު ކަމަށާއި މިއީ ގައުމުގެ އިގުތިސޯދު ވެސް ހުއްޓުމަކަށް އައިސްފައިވާ ވަގުތަކަށްވުމުން ރޯދަ މަހުން ހާސިލްވި ސިފަތަކުގެ މަތީގައި ކުރިއަށް އޮތް ދުވަސްތައް ހޭދަކުރެވޭތޯ ބެލުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމު މިހާރު ތަހައްމަލު ކުރަމުންދާ ދަތި އުނދަގޫ ހާލަތުން އަރައިގަންނަން އެންމެ ބޮޑަށް ބޭނުންވަނީ އެންމެންގެ އެކުވެރިކަމާއި އެއްބާރުލުން ކަމަށެވެ.