މި މަސް ނިމުމުގެ ކުރިން ސައިކަލް ޓެކްސީގެ ހިދުމަތް ފެށޭނެ: މިނިސްޓްރީ
މި މަސް ނިމުމުގެ ކުރިން ސައިކަލް ޓެކްސީގެ ހިދުމަތް ފެށޭނެ: މިނިސްޓްރީ

މި މަސް ނިމުމުގެ ކުރިން ސައިކަލް ޓެކްސީގެ ހިދުމަތް ދޭން ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގައި އަލަށް ފަށާ އެ ހިދުމަތާ ގުޅޭ ގަވައިދު ގެޒެޓް ކުރަން މިހާރު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާ ތެރޭގައި ގަވައިދު އާއްމު ކުރާނެ ކަމަށް ބެލެވޭއިރު ދެ ހަފުތާ ތެރޭގައި އެ ހިދުމަތް ދޭން ފަށާނެ ކަމަށް އެތަނުން ބުންޏެވެ.

"ހިދުމަތް ދޭން ކަނޑައެޅި ފަރާތްތަކަށް އަޅުގަނޑުމެން އަންގާފައިވާނީ ގެޒެޓު ކުރާތާ ދެ ހަފުތާ ތެރޭގައި ހިދުމަތް ދޭން ފެށުމަށް،" އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

"އެހެންވެ، މި ބަލަނީ އެންމެ ލަސް ވެގެން މި މަސް ނިމުމުގެ ކުރިން ހިދުމަތް ދޭން ފެށޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ސައިކަލް ޓެކްސީގެ ހިދުމަތް ދޭން ކުރިމަތިލި ހަ ކުންފުނީގެ ތެރެއިން ހުއްދަ ދީފައިވަނީ ރައިޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވީލް އެމްވީ ޕްރައިވެޓް ލިމިޓެޑަށެވެ. މި ހިދުމަތް ދިނުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަކީ ދަތުރެއް ކޮޅަކަށް ދިހަ ރުފިޔާ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ސައިކަލް ޓެކްސީގެ ސަބަބުން، މާލޭގައި ދިރިއުޅޭ މީހުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް އަންނާނެ އެވެ. އަދި ސައިކަލް ޓެކްސީތަކާ އެކު ވަޒީފާތަކެއް އުފެދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.