ޝާހްރުކް ޚާންގެ "ބެތާލް" އަކީ ކޮޕީއެއް ކަމަށް ބުނެފި
ޝާހްރުކް ޚާންގެ "ބެތާލް" އަކީ ކޮޕީއެއް ކަމަށް ބުނެފި

ޝާހްރުކް ޚާން ޕްރޮޑިއުސްކޮށް، ނެޓްފްލިކްސް އިން މިއަދު ސްޓްރީމްކުރަން ފަށާ ވެބް ސީރީޒް "ބެތާލް" އަށް ލިޔުންތެރިންތަކެއް ކޮޕީގެ ތުހުމަތުކޮށްފި އެވެ.

އިނގިރޭސީންގެ ބާރު އިންޑިއާގައި އޮތް ދުވަސްވަރު އަސްކަރިއްޔާގައި އުޅުނު އޭރު އަސްކަރީ އޮފިސަރުންތަކެއްގެ ތެރެއިން ބަޔަކަށް ޒޮމްބީންތަކަކާ ކުރިމަތިލާން ޖެހުނު ގޮތްތަކެއް ދައްކުވައިދޭ ބިރުވެރި ސީރީޒަށް ކޮޕީގެ ތުހުމަތުކޮށްފައި ވަނީ މަރާޓީ ސްކްރީން ރައިޓަރުން ކަމަށްވާ ސަމީރު ވަޅޭކަރާއި މަހޭޝް ގޮސާވީ އެވެ.

އެ ދެ މީހުން ބުނިގޮތުގައި "ބެތާލް" ހަދާއި ވަނީ އެ މީހުން "ވެތާލް" ގެ ނަމުގައި ސްކްރީން ރައިޓާސް އެސޯސިއޭޝަން (ޑަބްލިއުއެސްއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ސްކްރިޕްޓް އަސްލަކަށް ބަލައިގެންނެވެ.

އެގޮތުން "ބެތާލް" ހަދާފައި ވަނީ އެ މީހުންގެ ސްކްރިޕްޓަށް ބިނާކޮށްކަން އާންމުކޮށްފައިވާ ޓްރެއިލާގެ އެކިއެކި މަންޒަރުތަކުން ވެސް ސާބިތުކޮށްދޭ ކަމަށް ބުންޏެވެ. އެހެންވެ މި މައްސަލާގައި ޝާހްރުކް ޚާންގެ ކުންފުނި ރެޑް ޗިލީޒް އެންޓަޓއިންމަންޓާއި ނެޓްފްލިކްސް އިން ފިކުރީ ހައްގަކަށް އަރައިގެންފައިވާ ކަމަށް ބުނެ ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ.

ނަމަވެސް ކޯޓުން ވަނީ "ބެތާލް" ރިލީޒްކުރުމުން އެ އެއްކޮށް ބަލާފައި، ދޭތީގައި ހުރި އެއްގޮތް ކަންކަން ރަނގަޅަށް ފާހަގަކޮށް މައްސަލަ އަލުން ހުށަހަޅަން ދެ ރައިޓަރުންނަށް އަންގައިފަ އެވެ. ކޯޓުން ބުނިގޮތުގައި "ބެތާލް" އަކީ ކޮޕީއެއްކަން ކަށަވަރުކޮށް ދެވިއްޖެ ނަމަ ގެއްލުމުގެ ބަދަލު ވެސް ނަގައިދޭނެ އެވެ.

ސަމީރާއި މަހޭޝް މިޑް-ޑޭ އަށް ބުނިގޮތުގައި "ބެތާލް" ގެ ޓްރެއިލާ އިން އެ މީހުންގެ ސްކްރިޕްޓާ އެއްގޮތަށް 10 ކަމެއް ފާހަގަކުރެވިފައިވެ އެވެ. އެހެންވެ އެއީ އެ މީހުންގެ "ވެތާލް" ގެ ވާހަކަ ކޮޕީކޮށްގެން ހަދާފައި އޮތް އެއްޗެއްކަން ކަށަވަރުކޮށް ދެވޭނެ އެވެ.

އެ ދެ މީހުން ބުނީ ޝާހްރުކްގެ ކުންފުނިން "ބެތާލް" ހަދާފައި ވަނީ "ވެތާލް" ގެ ސްކްރީންޕްލޭ ވެސް ވަރަށް ގިނަ ޕްރޮޑަކްޝަން ހައުސްތަކަކާ ކުރިން ހިއްސާކޮށްފައި ވަނިކޮށެވެ. ނަމަވެސް ރެޑް ޗިލީޒަށް އެ ލިބުނު ގޮތެއް ނޭނގޭ ކަމަށް ބުންޏެވެ.

މި މައްސަލާގައި އެ ކުންފުނިން އެއްވެސް އެއްޗެއް ނުބުނެ އެވެ.

"ބެތާލް" ޑައިރެކްޓްކޮށްފައި ވަނީ ޕެޓްރިކް ގްރަހަމާއި ނިކިލް މަހާޖަނެވެ. ސްކްރީންޕްލޭގެ ކްރެޑިޓް ދީފައި ވަނީ ޕެޓްރިކާއި ސުހާނީ ކަންވަރަށެވެ.

"ބެތާލް" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ވިނީތު ކުމާރާއި އަހާނާ ކުމްރާ އާއި ޖިތެންދުރ ޖޯޝީގެ އިތުރުން ސިދާތު މެނަން އެވެ.

މިއީ ވެބް ސީރީޒަކީ ނެޓްފްލިކްސްއާ ގުޅިގެން ޝާހްރުކް ގެނެސްދޭ ދެވަނަ އުފެއްދުމެވެ. ފުރަތަމަ އެއްޗަކީ 2018 ގައި ގެނެސްދިން އިމްރާން ހާޝިމީގެ "ބާޑް އޮފް ބްލަޑް" އެވެ.