23 މެއި 2020 - 12:31

މޫޑީސް އިންވެސްޓާސް ސާވިސަސް އިން ރާއްޖެ އަށް ދީފައިވާ ރޭޓިން ބީ2 އިން ބީ3 އަށް ދަށްކޮށްފި އެވެ.
ރޭޓިން ދަށްކުރީ ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެންނެވެ.
މޫޑީސް އިން ބުނީ، ރާއްޖޭގެ ރޭޓިން ބީ3 އަކަށް ދަށްކުރީ ޓޫރިޒަމް މިވަގުތު ހުއްޓފައި އޮތުމުން، އިގްތިސާދު ދަށަށް ދާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ. މީގެ ސަބަބުން ސަރުކާރުގެ ލިކުއިޑިޓީ ރިސްކު އިތުރުވެ، އިގްތިސާދު ކުރިއެރުވުމަށް ބޭނުންވާ ބޭރު ފައިސާ ލިބުމުގައި ދަތިތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މޫޑީސް އިން ބުންޏެވެ.
އެ އޭޖެންސީން ލަފާކުރާ ގޮތުގައި، ރާއްޖޭގެ ޓޫރިޒަމާއި އިގްތިސާދު މި އަހަރުގެ ތެރޭގައި ރަނގަޅުވި ނަމަވެސް ބޭރު ފައިސާ ހޯދުމުގައި ދަތިތަކާ ކުރިމަތިވާނެ އެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދު 10 ޕަސެންޓު ދަށަށް ދާނެ ކަމަށް މޫޑީސް އިން ލަފާކުރެ އެވެ.
މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރިއިރު، ރާއްޖޭގެ ރޭޓިން ހަދާ ދެވަނަ ކުންފުނި، ފިޗުން ވެސް ވަނީ ރޭޓިން ދަށްކޮށްފަ އެވެ. އެ އޭޖެންސީން ވެސް ރޭޓިން ދަށްކުރީ ޓޫރިޒަމް ހުއްޓިފައި އޮތުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ދަށްވާނެ ކަމަށް ލަފާ ކޮށްގެނެންވެ.
ފިޗުން ބުނެފައިވާ ގޮތުގައި، މީގެ ކުރިން ފަށާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި އަލުން ފަށާފައިވާ މަޝްރޫއުތަކާއެކު މި އަހަރު ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު ދަރަނި 73 ޕަސެންޓަށް އިތުރުވާނެ އެވެ. މިދިޔަ އަހަރު ދަރަނީގެ މިންވަރު ހުރީ 60 ޕަސެންޓުގަ އެވެ.
ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ބައެއް އަދާކުރާ ދާއިރާއަށް ވާއިރު، އޭގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރު ކުޑަކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ މިހާރު އޮތް ހާލަތު އިތުރަށް ގޯސް ނުވާ ނަމަ އަންނަ ޖުލައި މަހު ރާއްޖެ ޓޫރިސްޓުންނަށް ހުޅުވައިލެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ބައިނަލްގްވާމީ ޖަމާއަތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ގެއްލުން އެންމެ ބޮޑުވާނީ ރާއްޖެ އަށެވެ.