"ފުކްރޭ 3" ގައި ކޮވިޑް-19 ގެ ވާހަކަ
"ފުކްރޭ 3" ގައި ކޮވިޑް-19 ގެ ވާހަކަ

ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ ފިލްމު ކުންފުނި އެކްސަލް އެންޓަޓައިންމަންޓުން ގެނެސްދޭ ކޮމެޑީ ސީރީޒް "ފުކްރޭ" ގެ ތިން ވަނަ ބައިގެ ވާހަކައިގައި ކޮވިޑް-19 ގެ ތެރެއިން ކުރިމަތިވި އިޖުތިމާއީ މައްސަލަތަކެއްގެ ވާހަކަ ކިޔައިދޭނެ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު މުރިގްދީޕް ސިންގް ލާމްބާ ބުނެފި އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ފިލްމުގެ ސްކްރީންޕްލޭ ނިމިފައި އޮންނަތާ ދުވަސްކޮޅެއްވެއްޖެ ކަމަށެވެ. ނަމަވެސް މިހާރު ކޮވިޑް-19 ގެ ކަންތައްތަކެއް އޭގެ ތެރެއަށް ލައިގެން ބަދަލުތަކެއް ގެންނަމުންދާ ކަމަށް ބުންޏެވެ.

"ކޮވިޑް-19 ގެ ވާހަކަ ފިލްމުގެ ތެރެއަށް ގެނައި ނަމަވެސް އެކަން ޖޯކަކަށްވާ ކަހަލަ ގޮތަކަށް ނުގެނެސްދޭނަން. ވަރަށް ފަރުވާތެރިކަމާ އެކު ސްކްރިޕްޓަށް ބަދަލުތަކެއް މި ގެންނަނީ. އެކަމަކު ޔަގީންކަން ދެން ފުކްރޭގެ ކުރީގެ ދެ ފިލްމު ގޮތަށް ތިން ވަނަ ބައި ވެސް ވަރަށް އެންޓަޓައިނިން ފިލްމަކަށްވާނެ." ލާމްބާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ކޮރޯނާވައިރަހާ އެކު އިންޑިއާގައި ލޮކްޑައުން އިއުލާންކުރި އިރު "ފުކްރޭ 3" ގެ ސްކްރިޕްޓްގެ މަސައްކަތް ވެސް އޮތީ ފަށައިފަ އެވެ.

"މިހާރު ސްކްރިޕްޓްގެ ގާތްގަނޑަކަށް އަށްޑިހަ ޕަސަންޓް އޮތީ ނިމިފައި،" ލާމްބާ ބުންޏެވެ. "ސްކްރިޕްޓް ފައިނަލްކޮށް، ޝޫޓިންތައް ފެށުމުގެ ތައްޔާރީތައް ވެސް ވަރަށް އަވަހަށް ފަށާނަން. އުންމީދުކުރެވޭ މި އަހަރުގެ ތެރޭގައި ޝޫޓިން ފެށޭނެ ކަމަށް."

"ފުކްރޭ" ފުރަތަމަ ބައި ގެނެސްދިނީ 2013 ގަ އެވެ. އަދި ދެވަނަ ބައި "ފުކްރޭ ރިޓާންސް" ގެނެސްދިނީ 2017 ގަ އެވެ. މި ފިލްމުތަކުގެ މައިގަނޑު ކާސްޓްގައި މާ މަޝްހޫރު ތަރިންތަކެއް ނެތަސް، ފިލްމުގެ ވާހަކަ ކަމުދިޔަލެއް ބޮޑުކަމުން މިއީ ބޮކްސް އޮފީހުގައި ވަރަށް ހިނގި ދެ ފިލްމެވެ.

ކާސްޓްގައި ހިމެނެނީ ކައިވެންޏަށް ތައްޔާރުވަމުން އަންނަ އަލީ ފަޒަލާއި ރިޗާ ޗައްޑާ އާއި ޕުލްކިތު ސަމްރާޓާއި ވަރުން ޝަރުމާ އާއި ޕްރިޔާ އާނަންދު މަންޖޯތު ސިންގެވެ.

ޖުމްލަ 16 ކްރޯޑް ރުޕީސް (2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ފުކްރޭ" އަށް ބޮކްސް އޮފީހުގައި 36.5 ކްރޯޑް ރުޕީސް (5 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު އިރު. ދެވަނަ ބަޔަށް 106.83 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ. "ފުކްރޭ ރިޓާންސް" ހެދީ 22 ކްރޯޑް ރުޕީސް (3 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.