23 މެއި 2020 - 11:26

އިންޓަނެޓް ސްޕީޑް ދަށް ވުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. އެކަމަކު ހަގީގަތަކީ ހިތްހަމަޖެހޭ ވަރު ދުވަހަކު ވެސް ނުވާތީ އެވެ.
މިހާރު އޮސްޓްރޭލިއާ އިން މި ވަނީ އުފާވެރި ޚަބަރެއް ދީފަ އެވެ. އެއީ އިންޓަނެޓް ސްޕީޑް އެތައް ގުނައަކުން ހަލުވިކުރެވިދާނެ ވާހަކަ އެވެ. އެ ގައުމުގެ މޮނާޝް ޔުނިވަސިޓީ އާއި އާރްއެމްއައިޓީ ޔުނިވަސިޓީގެ ރިސާޗަރުންގެ ޓީމަކުން ވަނީ ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ހަލުވިކަމެއް އެ މީހުން ޓެސްޓްކުރި އިންޓަނެޓް ޑިވައިސްއެއްގެ ތެރެއިން ހޯދައިފަ އެވެ.
އޭގެ ދުވެލި ކުރުކޮށް ސިފަކޮށްދޭ ނަމަ މިއީ އެޗްޑީ ކޮލިޓީގައި 10،000 ފިލްމު ސިކުންތެއްގެ ތެރޭގައި ޑައުންލޯޑްކޮށްލެވޭ ކުޅަދާނަކަމެވެ. އެއީ ސިކުންތަކުން ބަލާނަމަ 44.2 ޓެރަބިޓްސްގެ ހަލުވިކަމެކެވެ.
"މައިކްރޮ-ކޮމްބް" އޮޕްޓިކަލް ޗިޕެއް މެދުވެރިކޮށް ކުރި މަސައްކަތުން އެނގުނީ ހަމައެކަނި މެލްބަންގެ މިހާރުގެ އިންޓަނެޓްގެ ހާލަތަށް ބެލިޔަސް ބޮޑު ކުރިއެރުމެއް ހޯދިދާނެކަމެވެ.
މި ވަގުތު ދުނިޔޭގެ އެންމެ ހަލުވި އިންޓަނެޓް ވިއުގައެއް އޮތީ އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމުކަމަށްވާ ސިންގަޕޫރްގަ އެވެ. އެއީ އެވްރެޖްކޮށް ސިކުންތަކު 197.3 މެގަބައިޓްސްގެ ސްޕީޑެވެ.
މި ވަގުތު އޮސްޓްރޭލިއާ އަށް ބަލާކަމަށްވާ ނަމަ އިންޓަނެޓް އެވްރެޖް ސްޕީޑަކީ 43.4 މެގަބިޓްސް އެވެ.
އިންޓަނެޓްގެ ސްޕީޑަށް އިންގިލާބެއް ގެންނަން އޮސްޓްރޭލިއާގެ ޓީމަކުން ފެށި މަސައްކަތާ ބެހޭ ގޮތުން މޮނާޝް ޔުނިވަސިޓީގެ ޑރ. ބިލް ކޯކޯރަން ވިދާޅުވީ އެ މީހުން ތަޖުރިބާކުރި "މައިކްރޯ-ކޮމްބް" އަކީ އިންޓަނެޓްގެ މިހާރުގެ ހާލަތު އެއްކޮށް ބަދަލުކޮށްލަން މަގުފަހިވާނެ ކަމެއް ކަމަށެވެ. އަދި މިއާ އެކު އިންޓަނެޓްގެ ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އަދި މިކަހަލަ ގޮތަކަށް ލެބްތަކުގައި އުފައްދާ ޑިވައިސްއަކުން އިންޓަނެޓް ހޯދަން ދެތިން އަހަރު ނަގާނެ ކަމަށް އަހަރެމެންނަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ. "އަދި ވިޔަފާރި އުސޫލުން މި ނިޒާމު ބޭނުންކުރަން ފަސް ވަރަކަށް އަހަރު ނަގާނެ ކަމަށް ލަފާކުރެވެނީ."
އިންޓަނެޓަކީ މިހާރު އެއާ ނުލައި ނޫޅެވޭނެ އަސާސީ އެއްޗަކަށްވެފައިވާ އިރު، މީގެ ދުވެލި އަލުވިވުމަކީ އެތައް ކަމެއް އަވަސްވެގެން ދާނެ ކަމެކެވެ. ދުނިޔެ އޮތީ އެފަދަ އިންގިލާބެއްގެ އިންތިޒާރުގަ އެވެ.