22 މެއި 2020 - 21:48

ތ. ގުރައިދޫގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހަމަލާދީ ބިދޭސީއަކު މަރާލި މައްސަލައިގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މަރާލާފައިވާ އޮއްވައި ފެނުނު ބަންގްލަދޭޝް މީހާގެ މަރުގެ މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކަމުގެ އިތުރު ތަފްސީލެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވައި ފެނުުނީ ގުރައިދޫގައި ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ ޝާހު ސަލާމް ކިޔާ ފިރިހެނެކެވެ. އެ ރަށުގެ އެކި މަސައްކަތުގައި އޭނާ އުޅޭތާ ގާތްގަނޑަކަށް ހަތަރު އަހަރު ވެދާނެ އެވެ.
ޝާހު މަރާލާފައި އޮއްވައި ފެނުނީ ގުރައިދޫގެ ސިނާއީ ސަރަހައްދު، ކަންޑަރުގައި އޭނާ ދިރިއުޅޭ ގެ ކައިރީގަ އެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލުމުން، ގޮހޮރު ވެސް ބޭރަށް ނުކުމެފައި އޮތް ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް ބުންޏެވެ.
އެ މަރަށްފަހު، ޒަހަމްވެފައި އޮތް އިތުރު ބިދޭސީއެއް ވެސް ހަމަ އެ ރޭ ރަށުން ފެނިފައި ވެ އެވެ. ޝާހުގެ މަރުގައި، ޒަހަމްވެފައި އޮއްވާ ފެނުނު މީހާގެ ބައިވެރިވުން އޮވެދާނެ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. ނަމަވެސް އެކަމުގައި ފުލުހުން އަދި އެއްވެސް އެއްޗެކޭ ނުބުނެ އެވެ.
ޒަހަމްވި މީހާ ފެނުނީ، އެ މަރާ ގުޅިގެން ބިދޭސީން އުޅޭ ގެތައް ފާސްކުރުމުގެ ތެރޭގަ އެވެ.