އިންޑޮނީޝިއާގައި ބްރިޖެއް ވެއްޓި އަށް މީހުން މަރުވެއްޖެ
އިންޑޮނީޝިއާގައި ބްރިޖެއް ވެއްޓި އަށް މީހުން މަރުވެއްޖެ

ބާލީ (އޮކްޓޯބަރު 17) - އިންޑޮނީޝިއާގެ ރިސޯޓެއް ކަމަށްވާ ބާލީގައި ދެ ރަށް ގުޅުވާލަ ދިނުމަށް ހަދާފައިވާ ބްރިޖެއް ވެއްޓި އަށް މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ފުލުހުންގެ އޮފިޝަލަކު ރޮއިޓާސް އަށް ބުނީ ސަސްޕެންޝަން ބްރިޖް ވެއްޓުނީ ދީނީ ހަފުލާއަކަށް ގިނަ ބަޔަކު ބްރިޖް މަތިން ދަނިކޮށް ކަމަށެވެ. ބްރިޖް އަޅާފައިވާ ސަރަހައްދު އެހާ ފުން ނޫން ނަމަވެސް މީހުން މަރުވެފައި ވަނީ ބްރިޖުގެ ބައިތަކުން ޖެހިގެން ކަމަށް ފުލުހުންގެ އޮފިޝަލް ބުންޏެވެ. މި އެކްސިޑެންޓުގައި ވަނީ 13 މީހުން ޒަޚަމްވެފަ އެވެ.

އިއްޔެ އިރުއޮއްސެން އުޅެނިކޮށް މި ހާދިސާ ހިނގި އިރު ފައްޅިއެއްގައި އޮތް ހިންދޫންގެ ދީނީ އަޅުކަމަކަށް ދިއުމަށްޓަކައި ގިނަ ބަޔަކު ދިޔައީ ބްރިޖް ބޭނުން ކުރަމުންނެވެ.

ޑިޒާސްޓާ އެޖެންސީގެ އޮފިޝަލެއް ކަމަށްވާ ސުޓޮޕޯ ޕުރްވޯ ނުގްރޮހޯ އޭއެފްޕީ އަށް ވިދާޅުވީ ބްރިޖް ވެއްޓުމުގެ ކުރިން އެ ބްރިޖް ވަރަށް ބޮޑަށް ތެޅުނު ކަމަށެވެ. އަދި ބްރިޖް މަތިން ސައިކަލްގައި ދިޔަ ބައެއް މީހުން މޫދަށް ވެއްޓުނު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަ ތިން ކުދިން ވެސް ހިމެނެ އެވެ. އޮފިޝަލުން ބުނީ ބްރިޖް ވެއްޓުނު ހާދިސާގައި އެއްވެސް މީހަކު ގެއްލިފައިވާކަން އަދި ކަށަވަރު ނުވާ ކަމަށެވެ. މި ހާދިސާގައި މުޅިން ވެސް ގެއްލުން ލިބުނީ އިންޑޮނީޝިއާގެ ރައްޔިތުންނަށެވެ.

ބާލީގައި ހަރަކާތްތެރިވެފައިވާ އިނގިރޭސި ވިލާތުގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ އެންޑްރޫ ސަދަލޭންޑް ބުނީ ވެއްޓުނީ ގާތްގަނޑަކަށް 30 އަހަރުވެފައިވާ ބްރިޖެއް ކަމަށާއި އެއީ ބަލިކަށިކޮށް ހަދާފައިވާ ބްރިޖެއް ކަމަށެވެ.

"އާއްމުކޮށް އެ ބްރިޖް މަތިން އެއް ފަހަރާ ދަނީ ވަރަށް މަދު ބައެއް. އެކަމަކު އިއްޔެ ދީނީ ހަފުލާއަކަށް ގިނަ ބަޔަކު އެއް ފަހަރާ ބްރިޖަށް އެރުމުން ވެއްޓުނީ،" އޭނާ ބުންޏެވެ.