17 އޮކްޓޯބަރ 2016 - 10:31

ކުރީގެ ރައީސުން ދިރިއުޅުއްވާ ތަނުގެ ޚަރަދާއި އޮފީސް ހިންގުމާއި ބޭސްފަރުވާ އަށް ދައުލަތުން ކުރަންޖެހޭ ޚަރަދުތައް ކުޑަކޮށް، އެކަމާ ބެހޭ އުސޫލެއް ކަނޑައަޅައިފި އެވެ.
އިއްޔެ އަމަލުކުރަން ފެށި އުސޫލުގައިވާ ގޮތުން ކުޑަ ކުރީ، ކުރީގެ ރައީސުން ދިރިއުޅޭ ތަނުގެ ޚަރަދާއި ބޭސްފަރުވާގެ އިތުރުން އޮފީސް ހިންގުމަށް ދައުލަތުން ކުރާ ޚަރަދުތަކެވެ. އެކަމަކު އެ ބޭފުޅުންނަށް ދައުލަތުން ދެމުންދާ ފައިސާގެ އިނާޔަތް ކުޑައެއް ނުކުރެ އެވެ. ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެމުންދާ ފައިސާގެ އިނާޔަތަކީ ގާނޫނުގައި ވަކި އަދަދެއް ކަނޑައަޅައި، ލާޒިމް ކޮށްފައިވާ އިނާޔަތެކެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި، ކުރީގެ ރައީސުން ދިރިއުޅޭނެ ތަނުގެ ޚަރަދުގެ ގޮތުގައި މަހަކު 50،000ރ. އާ ހަމަ އަށް ދައުލަތުން ޚަރަދު ކުރަންޖެހޭނެ ކަމަށް ބުނެފައި އޮތަސް އިއްޔެ ހެދި އުސޫލު ބުނާ ގޮތުން ދިރިއުޅޭ ތަނުގެ ޚަރަދަށް ގިނަވެގެން ދެވޭނީ 30،000ރ. އެވެ. އެއީ ތަނުގެ ކުއްޔަށް މަހަކު ގިނަވެގެން 20،000ރ. އާއި އެ ތަނުގެ ސެކިއުރިޓީ އަށް ކުރަންޖެހޭ ޚަރަދުތަކުގެ ގޮތުގައި މަހަކު ގިނަވެގެން 10،000ރ. ކަމަށް އުސޫލުގައިވެ އެވެ.
އެ ކަންކަމަށް ފައިސާ ދޫކުރާނީ ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅާ މައުލޫމާތުގެ މައްޗަށް ބެލުމަށް ފަހު ކަމަށް އެ އުސޫލުގައިވެ އެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި އެ ބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންގެ ބޭސްފަރުވާ އަށް ރާއްޖެ ނުވަތަ ދެކުނު އޭޝިއާގެ ހޮސްޕިޓަލަކުން ފަރުވާ ކުރަން ޖެހިއްޖެ ނަމަ ހެލްތު އިންޝުއަރެންސަށް ދައުލަތުން ގިނަވެގެން ޚަރަދު ކުރެވޭނީ އަހަރަކު 24،000ރ. ކަމަށް އެ އުސޫލުގައިވެ އެވެ. ނަމަވެސް ފަރުވާ ނުކުރެވޭ ފަދަ ބައްޔަކާ ހުރެ ދުނިޔޭގެ އެހެން ހިސާބަކުން ފަރުވާ ހޯދަން ޖެހިއްޖެ ނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން އެ ފަރުވާ ކުރެވިދާނެ ކަމަށް އުސޫލުގައިވެ އެވެ.
އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި ގިނަވެގެން 175،000ރ. އާ ހަމަ އަށް ދައުލަތުން ޚަރަދު ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި އޮތަސް އިއްޔެ ހެދި އުސޫލު ބުނާ ގޮތުން އޮފީސް ހިންގުމަށް ގިނަވެގެން ދައުލަތުން ޚަރަދު ކުރެވޭނީ މަހަކު 87،000ރ. އެވެ. އެއީ ކުލީގެ ގޮތުގައި ގިނަވެގެން 30،000ރ. އާއި އިދާރީ ހިންގުމާއި ބިލްތަކާއި މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ގިނަވެގެން 57،000ރ. އެވެ.
އެކަމަށް ވެސް ފައިސާ ދޫކުރާނީ ކުރަންޖެހޭ ޚަރަދުތަކުގެ ތަފްސީލު ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅުމުން އެކަމަށް ބެލުމަށް ފަހު އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅާ އަކީ ރާއްޖޭގައި ދާއިމީކޮށް ދިރިއުޅޭ ބޭފުޅަކަށް ވެފައި އެ ބޭފުޅަކީ މުޖްތަމައަށް ފައިދާ ހުރި ކަމެއް ކުރާ ފަރާތެއް ކަން ޔަގީން ކުރުމަށް ފަހު ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި އެ ބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންގެ ސެކިއުރިޓީ އާއި ދަތުރުފަތުރުގެ ކަންކަން އެމްއެންޑީއެފުން ބަލަހައްޓައިދޭންޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. އެކަމަކު ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ކަންކަން އެމްއެންޑީއެފުން ބަލަހައްޓައި ދޭންޖެހޭނެ ކަމަށް އެ އުސޫލުގައެއް ނެތެވެ.
ރައީސް ކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާރު އިނާޔަތް ލިބިވަޑައިގަންނަވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ އިނާޔަތް ކުރިން ލިބިވަޑައިގަތަސް ޖިނާއީ ކުށް ސާބިތުވެފައިވާ ތިބޭ ބޭފުޅުންނަށް އިނާޔަތް ނުލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރުމުން ނަޝީދަށް އެ އިނާޔަތް މިހާރު ލިބިވަޑައެއް ނުގަންނަވަ އެވެ.