22 މެއި 2020 - 07:21

ކޮލަމްބޯ (މެއި 22) - ކޮވިޑް-19 ގައި ހާލުގައި ޖެހުނު މީހުންނަށް ލަންކާގެ ވިޔަފާރިވެރިއަކު ދިން 8 ޑޮލަރުގެ އެހީ ހޯދަން އުޅުމުގެ ތެރޭގައި ފިތިގެން އިއްޔެ ތިން މީހުން މަރުވެއްޖެ އެވެ.

މުސްލިމް ވިޔަފާރިވެރިއަކު އީދު އެހީގެ ގޮތުގައި ދޭ ގާތްގަނޑަކަށް 1،500 ރުޕީސް ހޯދަން ކޮލަމްބޯގައި ހުންނަ އޭނާގެ ގުދަނުގެ ބޭރުގައި 1،000 އަށް ވުރެ ގިނަ މީހުން ކިޔޫ ހެދި އެވެ. ނަމަވެސް ގޭޓް ހުޅުވާލުމާ އެކު ބައެއް މީހުން ކިޔޫ ފަޅާލައިފައި ދުއްވައިގަތުމުން ފިތިގެން ތިން އަންހެނުން މަރުވެ ނުވަ މީހުން ޒަޚަމްވި އެވެ. މަރުވެފައި ވަނީ ކިޔޫގެ ކުރީގައި ތިބި ތިން މީހުންނެވެ. ޒަޚަމްވި މީހުން ވަނީ ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
"އެހެން އަހަރުތަކަށް ވުރެ މި އަހަރު މީހުން މާގިނަ. އެއީ ކޮވިޑް-19 ގެ ސަބަބުން ދެ މަސް ދުވަސްވެއްޖެ މީހުންނަށް ފައިސާ ނުލިބޭތާ،" ޕާލަމެންޓުގެ މެންބަރެއް ކަމަށްވާ މުޖީބުއްރަހުމާން ވިދާޅުވި އެވެ.
ކޮލަމްބޯ ފުލުހުންގެ ވެރިޔާ ޑެޝަބަންދު ޓެނަކޫން ވިދާޅުވީ ލޮކްޑައުންގެ އަމުރުތަކާ ޚިލާފުވެފައިވާތީ ވިޔަފާރިވެރިޔާ އާއި އޭނާގެ ފަސް އެހީތެރިން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ވިޔަފާރިވެރިޔާ އެހީ ބަހަން އުޅޭކަން ފުލުހުންނަށް ކުރިން އަންގާފައި ނުވާ ކަމަށެވެ.
ފަގީރުންގެ ގޮތުގައި ލަންކާގައި އުޅޭ ކަމަށް ބެލެވޭ 5.14 މިލިއަން މީހުންނަށް ސަރުކާރުން މި މަހު ވަނީ 5،000 ރުޕީސްގެ އެހީ ހަވާލުކޮށްދީފަ އެވެ.
ލަންކާ އިން ވަނީ 1,048 މީހުންނަށް ކޮވިޑް-19 ޖެހި ނުވަ މީހުން މަރުވެފަ އެވެ.