ޖަލުން މިނިވަންވާ މީހުން ހިންމަފުށީގައި ބައިތިއްބާތީ ކަންބޮޑުވުން ފާޅުކޮށްފި
ޖަލުން މިނިވަންވާ މީހުން ހިންމަފުށީގައި ބައިތިއްބާތީ ކަންބޮޑުވުން ފާޅުކޮށްފި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ހުކުމް ތަންފީޒު ކުރުމަށް ފަހު މިނިވަންވާ މީހުން މާލެ ގެނައުމުގެ ބަދަލުގައި އެ ރަށުގައި ބައިތިއްބާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޖަލުން މިނިވަންވާ މީހުން މިނިވަންވާ ދުވަހުން ފެށިގެން އިތުރަށް ޖަލުގައި ނުބޭތިއްބޭއިރު އާންމު އުސޫލެއްގެ ދަށުން އެ މީހުން މުޖުތަމައު އަށް ދޫކޮށްލަނީ މާލެ ގެނައުމަށް ފަހު އެވެ. ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ އެކަމަށް ވެސް ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.

ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ތިން މީހަކު ޕޮޒިޓިވްވުމާ އެކު އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނިކޮށް ޖަލުން ތިން މީހަކު ވަނީ މިނިވަންވެފަ އެވެ. މާލެ ނުގެނެސް އެމީހުން ބައިތިއްބާފައި ތިބީ އެ ރަށު ގެސްޓް ހައުސްއެއްގަ އެވެ.

ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހީމް "މިހާރު" އަށް މިއަދު ވިދާޅުވީ، އެކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް ހީވެފައިވާ ކަމަށެވެ. އެހެންވެ އެކަން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ހައްލެއް އެކަމަށް ލިބިފައި ނުވާ ކަމަށް ޝާން ވިދާޅުވި އެވެ.

"އެކި ކަހަލަ ކުށްތައް ކޮށްފައި ތިބި މީހުން މި ހިމެނެނީ. އެ މީހުންނާ ރަށު ތެރޭން މީހުންނާ ލިންކް އޮންނަ ކަމަށް ބެލެވޭ. މިއީ ވަރަށް ކަންބޮޑުވާ ކަމެއް. މިކަމުގެ ސަބަބުން މުޖުތަމައު އަށް އޭގެ ނުރަނގަޅު އަސަރު އެބަ ކުރޭ،" ޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކައުންސިލްގެ އެދުމަކީ އެރަށުގެ ރައްކާތެރިކަމަށްޓަކައި، ޖަލުން މިނިވަންވާ މީހުން ވީހާވެސް އަވަހަކަށް އެރަށުން ގެންދިއުން ކަމަށެވެ.

މިނިވަންވެފައިވާ އެ ތިން މީހުން ގެސްޓް ހައުސްގައި ބޭތިއްބުމާއި ކެއުމުގެ ކަންކަން ހަމަޖައްސަމުން އަންނަނީ ކަރެކްޝަނަލް ސާވިސްއިންނެވެ. އަދި އެ މީހުން ގެސްޓް ހައުސް އިން ނުކުމޭތޯ ފުލުހުން އަންނަނީ ސެކިއުރިޓީ ބަލަހައްޓަމުންނެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު، އައިމިނަތު ޔުޝްރީން އަހުމަދު، "މިހާރު" އަށް ވިދާޅުވީ އެ ތިން މީހުންނަކީ ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައިވާ ބަޔަކަށްވާއިރު އެ މީހުން މާލޭގައި ދިރިއުޅޭނެ ތަނެއް ނެތް ކަމަށް އެމީހުން ބުނާ ކަމަށެވެ. އެހެންކަމުން އެ މީހުންގެ ރަށަށް ފޮނުވެންދެން ހިންމަފުށީގައި ކަރަންޓީންގައި ބައިތިއްބައި ދިނުމަށް އެ ރަށު ކައުންސިލްގައި އެދުނު ކަމަށާއި ނަމަވެސް އެކަން ހަމަޖައްސައި ދެވެން ނެތް ކަމަށް ކައުންސިލުން އަންގާފައިވާ ކަމަށެވެ.

ރަށްރަށަށް މީހުން މިހާރު ފޮނުވުމުގެ ކުރިން ކަރަންޓީން ފެސިލިޓީއަކަށް ފޮނުވަން ޖެހޭތީ އެ މީހުން ކަރަންޓީން ފެސިލިޓީއަކަށް ފޮނުވެންދެން ހިންމަފުށީ ގެސްޓް ހައުސްއެއްގައި ބައިތިއްބާފައިވާ ކަމަށް ޔުޝްރީން ވިދާޅުވި އެވެ.

"ވަގުތީ ގޮތުން އެ މީހުން ބައިތިއްބާފައި އެތިބީ ގެސްޓް ހައުސްގައި. އެމީހުން ކަރަންޓީން ފެސިލިޓީއަކަށް ފޮނުވުމުގެ ކަންކަން އެބަ ކުރިއަށް ދޭ. ފޮނުވެންދެން އެ މީހުން އެތަނުގައި ބައިތިއްބާފައި އެތިބީ،" ޔުޝްރީން ވިދާޅުވި އެވެ.

ރިހެބުން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެފައިވާ އިރު އެކަންވެސް އެގޮތަށް ހިންގީ ކައުންސިލުން އެންގި ގޮތަށް ރިހެބުން އަމަލު ނުކުރުމުން ކަމަށް އެ ކައުންސިލުން ކުރިން ވަނީ ބުނެފަ އެވެ. އެ ކައުންސިލުން އެދުނީ މިދިޔަ މަހު ކުރީކޮޅުން ފެށިގެން އެ ސެންޓަރަށް މީހުން ގެނައުން ހުއްޓާލުމަށެވެ. ނަމަވެސް މިދިޔަ މަހުގެ 13 އާ ހަމައަށް އެ ސެންޓަރަށް މީހުން ގެންދިޔަ އެވެ.