21 މެއި 2020 - 22:08

ދައުލަތުގެ އިސް ވެރިންގެ މުސާރަ ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ގެނައި ބަދަލާ އެކު، ތިން ބާރުގެ ވެރިންނަށް ވުރެން ވެސް ބޮޑު އަދަދެއް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ މުސާރަ މަޖިލީހުގެ މެމްބަރުންނާ އެއްވަރަށް ކުޑަކުރައްވަން ނިންމަވައިފި އެވެ.
އެކަމަކު، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އެގޮތަށް ނިންމެވި އިރު، ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ވުރެ ވެސް ވުރެ ބޮޑު އަދަދެއް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި އޭނާ އަށް ލިބިވަޑައިގަންނަވާނެ ކަމަށް މީޑިއާ އިން އިއްޔެ ރިޕޯޓު ކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ޚާއްސަކޮށް، ދައުލަތުގެ އިސް ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ލިބިވަޑައިގަންނަވާ އަދަދަށް ވުރެ ބޮޑު އެއްޗެއް މަޖިލީހުގެ ނައިބު ރައީސް އީވާ އަށް ލިބިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރުމުން ގިނަ ބަޔަކު ތިބީ ހިތްހަމަނުޖެހިފަ އެވެ.
މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ އީވާ އަށް، އެހެން މެންބަރުންނާ އެއްވަރުގެ މުސާރައެއް ދެއްވުމަށް އޭނާ އެދިވަޑައިގެންފައިވާތީ، އެ ގޮތަށް އަމަލުކުރަން ނިންމާފައިވާ ކަމަށެވެ.
އީވާން ނިންމެވީ 75،000ރ ގެ ބަދަލުގައި 69،750ރ. މުސާރައިގެ ގޮތުގައި ނެންގެވުމަށެވެ. މިއީ، ކޮވިޑް-19 އާ ގުޅިގެން ދައުލަތުން ބޮޑެތި އަދަދުތަކުން މުސާރަ އާއި އިނާޔަތްތައް ދޭ ބޭފުޅުންގެ އިނާޔާތްތައް ކުޑަކުރުމުން މަޖިލީހުގެ މެމްބަރަކަށް ޖެހޭ އަދަދެވެ. މީގެ ތެރޭގައި 20،000ރ. ގެ ކޮމިޓީ އެލަވަންސް 20،000ރ. ގެ ލިވިން އެލަވަންސް ހިމެނެ އެވެ.
ވެރިންގެ މުސާރަތައް ކުޑަކުރަން ނިންމި އާ ބަދަލާއެކު މަހަކު 75،000ރ. މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އީވާއަށް ކުރިން ލިބިވަޑައިގަންނަވާނެ އެވެ. އީވާގެ މުސާރައިން 30 ޕަސެންޓް އުނިކުރިޔަސް، އެހެން މަގާމުތަކަށް ވުރެ އޭނާގެ މުސާރަ އާއި އިނާޔަތްތައް ބޮޑުވާ ސަބަބަކީ ކޮޮމެޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000ރ. ގެ ސަބަބުންނެވެ.
މެމްބަރުންގެ އަސާސީ މުސާރައިން 30 ޕަސެންޓް އުނިކުރިޔަސް، ކޮމެޓީ އެލަވަންސާއި ލިވިން އެލަވަންސް އިން އެއްވެސް ބައެއް އުންޏެއް ނުކުރެ އެވެ.
މަޖިލިސް މެމްބަރުންގެ މުސާރައިން 30 ޕަސެންޓް އުނިކުރުމުން، ކޮމެޓީ އެލަވަންސާ އެކު މަހަކު 82،500ރ. ލިބެމުން އައި މެމްބަރުންނަށް ދެން ލިބޭނީ މަހަކު 69،750ރ. އެވެ.
މަޖިލީހުން ފާސްކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މުސާރައިން 35 ޕަސެންޓް އުނިކޮށް، އެ މަނިކުފާނަށް ކުރިއަށް އޮތް ތިން މަހު 65،000ރ. ލިބިވަޑައިގަންނަވާ ގޮތަށް އަދި ނައިބު ރައީސް ފައިސަލް ނަސީމަށް 48،000ރ. ލިބިވަޑައިގަންނަވާ ގޮތަށެވެ. ކުރިން މަހަކު 73،000ރ. ލިބިވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، އާ އުސޫލުގެ ދަށުން ލިބިވަަޑައިގަންނަވާނީ 57،000ރ. އެވެ. އުއްތަމަ ފަނޑިޔާރުގެ މުސާރަ އާއި އިނާޔަތްތައް 74،000ރ. އިން 58،000ރ. އަށް ވަނީ ކުޑަވެފަ އެވެ.
ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމުގެ ސައްހަކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ގާނޫނުއަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ މަޖިލީހުންނެވެ. މަޖިލީހުން 2009 ވަނަ އަހަރު ފާސްކުރި ގާނޫނެއްގައިވާ ގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000ރ. އަދި ނައިބު ރައީސްގެ މުސާރަ އަކީ މަހަކު 75،000ރ. އެވެ. އެހެންވެ، ސުވާލު އުފެދެނީ އެ ގާނޫނު އިސްލާހު ނުކޮށް އެ ދެ މަގާމުގެ މުސާރަ ކުޑަކުރަން މަޖިލީހަށް ނިންމޭނެ ކަމާ މެދުގަ އެވެ.
ސަރުކާރުން މަޖިިލީހަށް ހުށަހެޅީ އަސާސީ މުސާރަތައް 20،000ރ. އަށް ވުރެ ބޮޑު ނުވާ މަގާމުތަކުގެ މުސާރައިން އެއްވެސް އަދަދެއް އުނި ނުކުރުމަށެވެ. ސަރުކާރުން ހުށަހެޅީ 20،000ރ. އާއި 30،000ރ. އާ ދެމެދުގެ އަސާސީ މުސާރަތަކުން 20 ޕަސެންޓް އުނި ކުރުމަށާއި 30،000ރ. އާއި 60،000ރ. އާ ދެމެދުގެ އަސާސީ މުސާރައިން 30 ޕަސެންޓް އުނިި ކުރުމަށާއި އަދި 60،000ރ. ބޮޑު މުސާރަތަކުން 35 ޕަސެންޓް އުނި ކުރުމަށެވެ.