21 މެއި 2020 - 20:44

ސަރުކާރު މުވައްޒަފުންގެ މަސައްކަތުގެ ވަގުތު ކަަނޑައެޅުމުގެ ބާރު ސިވިލް ސާވިސް ކޮމިޝަނަށް ނޯންނަ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން އިތުރު ގަޑީގެ އުސޫލު ކަނޑައެޅީ ފިނޭންސް މިނިސްޓްރީން އެންގި ގޮތަށް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން އުސޫލް އެކުލަވާލި ގޮތާ މެދު ކަންބޮޑުވުންތަކެއް ހުއްޓެވެ. ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ބަލިމަޑުކަމުގެ މި ހާލަތުގައި އިސް ސަފުގައި މަސައްކަތް ކުރާ މީހުންނާއި ގޭގައި ވަޒީފާ އަދާކުރާ މުވައްޒަފުން ހަމަހަމަވުން ބަލައެއް ނުގަނެވޭ ކަމަށް ވިދާޅުވެ ސީއެސްސީގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އިއްޔެ ވަނީ ގޮވާލައްވައިފަ އެވެ.
ވިސާމްގެ ވާހަކައަށް ރައްދު ދީ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ މުވައްޒަފުންނަށް އިތުރުގަޑި ލިބޭނީ 48 ގަޑިއިރުގެ މަސައްކަތަށް ފަހުގައި ކަމަށް ކަނޑައެޅީ ފިނޭންސް މިނިސްޓްރީން ކަމަށެވެ. އެގޮތަށް އަމަލުކުރުމުގެ ބާރު ވަޒީފާއާ ބެހޭ ގާނޫނުން ފިނޭންސް މިނިސްޓަރަށް އޮންނަ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އިތުރު ގަޑީގެ މައްސަލައިގައި ވިސާމް ދެއްކެވި ވާހަކަ ސީއެސްސީގެ ބަޔާނުގައި ސިފަކޮށްފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މިހާރު ދިމާވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ އެއްގޮތަށް އެކޮމިޝަނުން ކުރާ މަސައްކަތަށް ރުހިވަޑައި ނުގެން ދެއްކެވި ވާހަކައެއްގެ ގޮތުގަ އެވެ. ކޮމިޝަންގެ މެމްބަރުންނަށް ކުރައްވާފައި ވަނީ ތުހުމަތުތަކެއް ކަމަށާއި މެމްބަރުން ވަކިކުރަން ގޮވައިއްލައްވާ ގޮވައިލެއްވުމާ މެދު ހިތާމަ ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"... އަދި ވަޒީފާއާ ބެހޭ ގާނޫނުގެ 33 ވަނަ މާއްދާގައި މުވައްޒަފަކު ލައްވައި ދުވާލަކު މަސައްކަތް ކުރެވޭނެ އެންމެ ގިނަ ވަގުތު ކަނޑައެޅުމުގެ ބާރު ލިބިދީފައި ވަނީ މިނިސްޓަރަށެވެ. ކަންމިހެން އޮތުމާ އެކު މުވައްޒަފުން މަސައްކަތް ކުރަން ޖެހޭ ގަޑިއާއި މަސައްކަތްކުރަން ޖެހޭ ރަސްމީ ދުވަސްތައް އަަބަދުވެސް ކަނޑައަޅަމުން ގެންދަވަނީ ސަރުކާރުންނެވެ،" ސީއެސްސީގެ ބަޔާނުގައި ބުނެފައި ވެ އެެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 19 ގިންތިއެއްގެ މީހުންގެ މުސާރައިގެ އޮނިގަނޑު އޮތީ ނުހެދި ކަމަށް ވެސް ވިސާމް އިއްޔެ ވިދާޅުވި އެވެ. އެ ކަންތައްތައް ނުވެ ހުރި ހުރުމަކީ ސީއެސްސީގެ މެމްބަރުން ފެއިލް ވެފައިވާކަން ދޭހަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޮނިގަނޑުތައް ނުހެދުމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންނަށް ކުރާ އަސަރުގެ ޒިންމާ ސީއެސްސީގެ މެމްބަރުން ނަންގަވަން ޖެހޭނެ ކަމަށެވެ.
އެވާހަކައަށް ރައްދު ދެމުން ސީއެސްސީގެ ބަޔާނުގައި ބުނީ ސިިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރު އޮންނަނީ ނެޝަނަލް ޕޭ ކޮމިޝަނަށް ކަމަށާއި މަގާމުތަކުގެ ހާއްސަ އޮނިގަނޑެއް އެކުލަވައިލުމުގެ މަސަައްކަތް ޕޭކޮމިޝަނާ އެކު މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ނަރުހުންގެ މުސާރައިގެ އޮނިގަނޑު ކަނޑައަޅައި އަމަލުކުރަން ފެށީ 2018 ވަނަ އަހަރު ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"... އަދި މިހާރު ވެސް ހާއްސަ ދާއިރާ ތަކުގެ ހަތް އޮނިގަނޑެއް [ސިއްހީ ދާއިރާގެ ވަޒީފާތަކުގެ އޮނިގަނޑު ވެސް ހިމެނޭ ގޮތުން] އެކުލަވާލައި އެ އޮނިގަނޑުތަކަށް މުސާރަޔާއި އެލަވަންސްތައް ކަނޑައެޅުމަށް ނެޝަނަލް ޕޭކޮމިޝަނަށް ވަނީ ހުށަހެޅިފަ އެވެ،" ބަޔާނުގައި ބުންޏެވެ.
ސީއެސްސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެ ކޮމިޝަންގެ މެެމްބަރުންގެ ތެރެއިން ފާތިމަތު އާމިރާ ފިޔަވާ އެހެން މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރިން ނިންމި އެވެ.
އެކަމަކު، އެ ނިންމުން މުރާޖައާކޮށް އާމިރާ ވެސް ފަހުން ކޮމިޓީއަށް ހާރިޒުކޮށް ސުވާލު ކުރި އެވެ. ކޮވިޑް-19 ފެތުރޭތީ މާލެ ލޮކްޑައުން ކުރި އިރު މަސައްކަތް ގޮސްފައި އޮތީ އެ ހިސާބަށެވެ. އޭގެ ފަހުން އެ މައްސަލަ އަދި ކުރިއަކަށް ނުގެންދެ އެވެ.