21 މެއި 2020 - 17:50

ފުލުހުން އިލެކްޓްރިކް ގަން ނުވަތަ ސްޓަން ގަން ބޭނުންކުރަން ފެށުމުގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި 241 ކޮމިޓީން ވަނީ އެ މައްސަލަ ދިރާސާކުރަން ފަށައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްް މުހައްމަދު ނަޝީދަށް އަންގާރަ ދުވަހު ފޮނުއްވި ސިޓީއެއް ގައި އިންތި ވިދާޅުވީ ސްޓަން ގަން ބޭނުން ކުރަން ފަށާއިރު ފުލުހުންގެ މުއައްސަސާ ތައްޔާރުވެފައިވާ މިންވަރު އޮޅުން ފިލުއްވަން އެދިވަޑައިގަންނަވާ ކަމަށެވެ. އޭނާ ބޭނުން ވަނީ އެ ހަތިޔާރުގެ ބޭނުން ނަހަމަ ގޮތުގައި ފުލުހުން ނުހިފާނެ ކަމުގެ ޔަގީންކަން ހޯއްދަވަން ކަމަށް ވެސް އެ ސިޓީގައި އޭނާ ވިދާޅުވެފައި ވެ އެވެ.
އިންތި އެދިވަޑައިގަތީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީ މެދުވެރިކޮށް އެ ކަންތައް ބެލުމަށެވެ. ފުލުހުންގެ ފަރާތުން އޮޅުންފިލުވަން އެދިވަޑައިގަންނަވާ ބައެއް ކަންކަން ވެސް ސިޓީގައި ހިމަނުއްވާފައިވެ އެވެ.
ކޮމިޓީން ބަލަން އޭނާ ހުށަހަޅުއްވާފައިވާ ކަންތައްތަކުގެ ތެރޭގައި ފުލުހުންނަށް އެ ހަތިޔާރު ދޭން ހުއްދަ ކުރި ގޮތާއި، ހާލަތު ކޮންޓްރޯލްކުރުމުގައި ފުލުހުންނަށް ކުރިމަތިވީ ކިހާވަރެއްގެ ގޮންޖެހުމެއްތޯ އާއި ހުއްދަ ދިނީ ނުރައްކަލަށް ރިއާޔަތްކޮށްގެންތޯ ބެލުން ހިމެނެ އެވެ. އެ ހަތިޔާރުގެ ބޭނުން ނަހަމަގޮތުގައި ނުހިފާނެކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ފުލުހުންގެ ތެރޭގައި އޮތްތޯ ބަލަން ވެސް އިންތިގެ ހުށަހެޅުއްވުމުގައި ވެ އެވެ.
ފުލުހުން ސްޓަން ގަން ބޭނުން ކުރަން ފަށަން އުޅޭތީ އާއްމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއްބަޔަކު ބުނަމުން އަންނަނީ ދިވެހި ފުލުހުންނަކީ އެވަރުގެ ބާރެއް ދޭހާ ޕްރޮފެޝަނަލް ބައެއް ނޫން ކަމަށެވެ.
ސްޓަން ގަން ފުލުހުންނަށް މުހިންމުވާ ސަބަބެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ ފުލުހުންނަށާއި އާންމުންނަށް ދޭ ހަމަލާތަކުން ދިފާއުވުމެވެ. އޭނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި މީހުންނާ ކުރިމަތިލާ އިރު ފުލުހުން ބާރުގެ ބޭނުންކުރާ މިންވަރު ބަލާ ގޮތަށް މި ހަތިޔާރު ބޭނުންކުރާ ގޮތް ވެސް ބަލާނެ އެވެ.