21 މެއި 2020 - 14:05

ރާއްޖޭގައި ތާށިވެފައި ތިބި އިންޑޮނޭޝިއާގެ 190 މީހަކު އެ ގައުމަށް މިއަދު ފުރުވާލައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަަނުން ބުނީ، އެ މީހުން ފުރީ ގަރޫޑާ އިންޑޮނޭޝިއާ އިން ކަމަށެވެ. މިއީ ރާއްޖޭގައި ތިބި ބިދޭސީން އިވެކުއޭޓް ކުރުމުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވެސް އެތަނުން ބުންޏެވެ.
އެ މީހުންގެ އިތުރުން ޔޫރަޕްގެ 47 މީހަކު ވެސް މިއަދު ވަނީ ފުރައިފައި ކަމަށް އެތަނުން ބުންޏެވެ. ސްރީ ލަންކަން އެއާލައިންސްގައި ކޮލޮމްބޯއަށް ދަތުރުކުރުމަށް ފަހު، އެ މީހުންގެ ގައުމުތަކަށް ދަތުރު ކުރާނީ ސްރީ ލަންކާ އިން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މި ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމް މަޑުޖައްސާލުމުން، އަމިއްލަ ގައުމަށް އަނބުރާ ނުދެވި އެތައް ބަޔަކު އެކި ގައުމުތަކުގައި ތާށިވެފައި ތިއްބެވެ. އެ މީހުން އަނބުރާ ގެންދިއުމަށްޓަކައި އެ ގައުމުތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. މި ހަފްތާގައި 168 ތައިލެންޑް މީހަކު ވެސް ވަނީ އެ ގައުމަށް އަނބުރާ ގެންގޮސްފަ އެވެ.
އިންޑިއާ އިން ވެސް ވަނީ ރާއްޖޭގައި ދިރިއުޅެމުން ދިޔަ 1400 އަށް ވުރެ ގިނަ އިންޑިއާ މީހުން، ކަނޑުމަގުން އެ ގައުމަށް އަނބުރާ ގެންގޮސްފަ އެވެ. ކުރިއަށް އޮތް ތަނުގައި އިންޑިއާ މީހުން ގެންދަނީ ވައިގެ މަގުން ކަމަށް ބުނެފައި ވެ އެވެ.
ރާއްޖެއިން މިހާތަނަށް 1186 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވި ނަމަވެސް ގިނައީ ބިދޭސީންނެވެ. އެގޮތުން 762 ބިދޭސީއަކަށް މި ބަލި ޖެހިފައިވާ އިރު، މި ބަލި ޖެހިގެން މަރުވި ހަތަރު މީހުންގެ ތެރޭގައި ވެސް ބިދޭސީއަކު ހިމެނެ އެވެ.