ލަންކާ ޓީމު އަތުން ރާއްޖެ ދެ މެޗުން ވެސް މޮޅުވެއްޖެ
ލަންކާ ޓީމު އަތުން ރާއްޖެ ދެ މެޗުން ވެސް މޮޅުވެއްޖެ

ސްރީ ލަންކާގެ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަނުގެ ކުޅުންތެރިން ހިމެނޭ ކްރިކް ސްރީ ލަންކާގެ ޓީމާއި ރާއްޖެ ވާދަކުރި ކްރިކެޓް ދެ މެޗު ވެސް ރާއްޖޭން ކާމިޔާބުކޮށްފި އެވެ.

ލަންކާ ޓީމު އަތުން ރާއްޖެ ދެ މެޗުން ވެސް މޮޅުވެއްޖެ
ލަންކާ ޓީމު އަތުން ރާއްޖެ ދެ މެޗުން ވެސް މޮޅުވެއްޖެ

އެކުވެނި ކްރިކެޓް ދަނޑުގައި ހުކުރު ދުވަހު ކުޅުނު ޓްވެންޓީ20 މެޗު ރާއްޖެ ކާމިޔާބުކުރީ ހަތް ވިކެޓުންނެވެ. އަދި އިއްޔެ ކުޅުނު 50 އޯވަރުގެ މެޗުން ރާއްޖެ މޮޅުވީ 74 ލަނޑުންނެވެ.

އިއްޔެގެ މެޗުގެ ޓޮސް ދިމާވުމުން ރާއްޖޭން ކުޅެން އަރާ ނުވަ ކުޅުންތެރިން ނުބައިވެގެން 50 އޯވަރުގެ ތެރޭގައި 243 ލަނޑު ހެދި އެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 59 ލަނޑުން 55 ލަނޑު ހެދި ހަސަން އިބްރާހިމާއި 59 ބޯޅައިން 39 ލަނޑު ހެދި މުހައްމަދު އައްޒާމް އަދި 45 ބޯޅާއިން 32 ލަނޑު ހެދި އިސްމާއިލް އަލީ އެވެ.

ލަންކާ ޓީމު ކުޅެން އަރާ 40.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 169 ލަނޑެވެ. މި އިނިންގްސްގައި ރާއްޖޭގެ ހަސަން ވަނީ 15 ލަނޑަށް ދެ ވިކެޓް އަދި އަހުމަދު ޔާނިސް ވަނީ 29 ލަނޑު ދެ ވިކެޓް އަދި ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުﷲ ޝާހިދު 23 ލަނޑަށް ދެ ވިކެޓް ނަގައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ ހަސަން އެވެ.

ހުކުރު ދުވަހު ކުޅުނު 20 އޯވަރުގެ މެޗުގެ ޓޮސް ދިމާވުމުން ރާއްޖޭން ގަސްދުކުރީ ހޮވުމަށެވެ. ލަންކާ ޓީމު ކުޅެން އަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 19.4 އޯވަރުގެ ތެރޭގައި ހެދުނީ 82 ލަނޑެވެ. ޖަވާބުގައި ރާއްޖެ ކުޅެން އަރާ 13.4 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 84 ލަނޑު ހެދި އެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ޝާހިދެވެ. އޭނާ ވަނީ 19 ބޯޅައިން 43 ލަނޑު ހަދައިފަ އެވެ.

މި މެޗުގައި ރާއްޖޭގެ ޓީމަށް ކުޅުނީ ގައުމީ ސްކޮޑުން ހޮވާލެވުނު ކުޅުންތެރިންނެވެ.