22 މެއި 2020 - 05:34

މިދިޔަ ފެބްރުއަރީ މަހު ރިލީޒްކުރި "މަލަންގް" ގެ ސީކްއެލްއެއް ހަދަން ނިންމާފައިވާކަން އިއުލާންކޮށްފައިވާ އިރު، އޭގެ ކާސްޓުން ޝްރަދާ ކަޕޫރް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މޯހިތު ސޫރީ ޑައިރެކްޓްކުރި ރޮމޭންޓިކް ތުރިލާގެ ލީޑް ރޯލް ކުޅުނީ އަދިތިޔާ ރޯއި ކަޕޫރާއި ޑިޝާ ޕަޓާނީ އެވެ. އަދި އެ ދެ ތަރިންގެ ކެމިސްޓްރީ ވެގެން ދިޔައީ ބެލުންތެރިން ވަރަށް ގަޔާވި ކަމަކަށެވެ. "މަލަންގް" ގެ ކާސްޓްގައި އަނިލް ކަޕޫރާއި ކުނާލް ކޭމޫ ވެސް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން "މަލަންގް 2" އާ ބެހޭ ގޮތުން ޝްރަދާއާ އެކު މިހާރު އަންނަނީ ވާހަކަ ދައްކަމުންނެވެ. ޝްރަދާ ވަނީ ކުރިން ވެސް މޯހިތާ އެކު ތިން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ އޭނާގެ ވިދުން ގަދަކުރުވި ފިލްމު 2013 ގެ "އާޝިގީ 2" އާއި 2014 ގެ "އޭކް ވިލަން" އާއި 2017 ގެ "ހާފް ގާލްފްރެންޑް" އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި "މަލަންގް 2" އިން އަދިތިޔާ ފެންނާނެކަން ކަށަވަރެވެ. ނަމަވެސް ޑިޝާގެ ރޯލާ ދޭތެރޭ ސުވާލުތަކެއް ހުރި ކަމަށް ބުންޏެވެ. ޑިޝާ އާއި އަދިތިޔާ އަކީ މޯހިތު އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ "ދޯ ވިލަން" ގެ ކާސްޓްގައި ވެސް ހިމެނޭ ދެ ތަރިންނެވެ. އެ ފިލްމުން ޖޯން އަބްރަހަމާއި ތާރާ ސުތާރިއާ ވެސް ފެންނާނެ އެވެ.
ޝްރަދާ އާއި އަދިތިޔާ ވަނީ ދެ ފިލްމެއްގައި މިހާތަނަށް މަސައްކަތްކޮށްފަ އެވެ. އެއީ "އާޝިގީ 3" ގެ އިތުރުން 2017 ގެ "އޯކޭ ޖާނޫ" ގަ އެވެ.