21 މެއި 2020 - 15:20

މެޑްރިޑް (މެއި 21) - ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ރެއާލް މެޑްރިޑްގެ ކުޅުންތެރިން ފަރިތަކުރުންތަކަށް އައިއިރު ޖުމްލަކޮށް މުޅި ޓީމު ފެންނަނީ ކުރިއަށް ވުރެން ތާޒާކޮށް ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
ސްޕެއިނުގެ ސަރުކާރުން ދިން ލުއިތަކާ އެއްގޮތަށް މި މަހުގެ ކުރީކޮޅުގައި ޓީމުތަކުން ފުރަތަމަ އިންޑިވިޖުއަލް ކުޅުންތެރިންގެ ޓްރެއިނިން ފެށި އެވެ. މިހާރު އަންނަނީ ޓީމުގެ ޕްރެކްޓިސްތައް ވެސް ގްރޫޕް ގޮތަށް ބާއްވަމުންނެވެ. އަންނަ މަހުގެ ތެރޭގައި ސްޕެނިޝް ލީގު އަލުން ފަށާނެ ކަމަށް ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ބުނަމުންނެވެ.
ޒިދާން ބުނީ މި ސީޒަނުގައި ރެއާލްގެ ގިނަ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ދިމާވި ކަމަށާއި އެހެންވެ ވަރަށް ބޮޑަށް އޭގެ އަަސަރު މުޅި ޓީމަށް ކުރި ކަމަށެވެ. އެކަމަކު ކޮވިޑް-19ގެ މި މެދުކެނޑުމަށް ފަހު ކުޅުންތެރިންގެ ފަރާތުން ތަފާތުތަކެއް ފެންނަކަން ޒިދާން ފާހަގަކުރި އެވެ.
"ކުޅުންތެރިން މި ލޮކްޑައުން ތެރޭގައި ގޭގައި ވަރަށް ރަނގަޅަށް މަސައްކަތްކޮށްފި. ވަރަށް ފިޓްކޮށް ވަރަށް ތާޒާކޮށް ކުޅުންތެރިން ފެންނަނީ. މިއީ ކޯޗެއްގެ ހައިސިއްޔަތުން އަހަންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އިންޑިވިޖުއަލް ޓްރެއިނިން ދިޔައީ ވަރަށް ރަނގަޅަށް. ގްރޫޕް ޓްރެއިނިން ވެސް ރަނގަޅު. އަންނަ ހަފްތާ ތެރޭގައި ވަރަށް ރަނގަޅު ޓްރެއިނިންތަކެއް ހެދޭނެ،" ޒިދާން ބުންޏެވެ.
މި ސީޒަނުގައި އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނު އެޑެން ހަޒާޑާއި މާކޯ އަސެންސިއޯ އަލުން ޓީމާ ގުޅުމުން ޒިދާން ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. މި ސީޒަނުގައި ރެއާލާ ގުޅުނު ހަޒާޑް ވެސް ވަނީ އަލުން މެޗުތައް ފެށުމުން ރަނގަޅު ކުޅުމެއް ދައްކަން ކެތްމަދުވެފައިހުރި ކަމަށް ބުނެފަ އެވެ.
މިއީ ޒިދާން ރެއާލަށް ކޯޗުކޮށްދޭ ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް އެ ޓީމުގައި ހުރިއިރު ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ. މިދިޔަ ސީޒަނުގެ މެދުތެރެއިން ރެެއާލާ ހަވާލުވި ޒިދާން މި ސީޒަނުގައި ރަނގަޅު ކާމިޔާބީ އަކަށް އުއްމީދުކުރެ އެވެ. ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން ދެ ޕޮއިންޓް މަދުން ހޯދައިގެން އެ ޓީމު އޮތީ ދެ ވަނައިގަ އެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ވަނީ މެންޗެސްޓާ ސިޓީ އަތުން ބަލިވެފަ އެވެ.
"އަހަރެމެން 60 ދުވަހަށް ފަހު އަލުން އައިއިރު މި ތިބީ ވަރަށް ރަނގަޅު ރޫހެއްގައި މި އަޒުމުގައި ސީޒަނުގެ ބާކީ ހުރި ހުރިހާ މެޗެއްގައި ވެސް މޮޅުވުން އަމާޒަކީ. އޭރުން ޔަގީނުންވެސް އަހަރެމެންނަށް ކާމިޔާބެއް (ތަށްޓެއް) ލިބޭނެ،" ޒިދާން ބުންޏެވެ.