ތެލުގެ އަގުގެ މައްސަލާގައި ކުވޭތުގެ އަމީރު ޕާލަމެންޓް އުވާލައިފި
ތެލުގެ އަގުގެ މައްސަލާގައި ކުވޭތުގެ އަމީރު ޕާލަމެންޓް އުވާލައިފި

ކުވޭތު ސިޓީ (އޮކްޓޯބަރު 17) - ތެލުގެ އަގުގެ މައްސަލާގައި އުފެދުނު ދެބަސްވުންތަކާ ގުޅިގެން ކުވޭތުގެ ކެބިނެޓް އިސްތިއުފާ ދިނުމާ އެކު އެ ގައުމުގެ ޕާލަމެންޓް އަމީރު އުވާލައްވައިފި އެވެ.

ކުވޭތުގެ ޕާލަމެންޓާއި ކެބިނެޓުގެ މެދުގައި ދެބަސްވުންތައް އުފެދި ޚިޔާލު ތަފާތުވުން ބޮޑުވީ ތެލުގެ އަގު ބޮޑުވި މައްސަލައިގަ އެވެ. ރަސްމީ ޓީވީން ބުނީ ދެ ފަރާތުގެ މެދުގައި "އެއްވެސް ވަރަކަށް އެއްބާރުލުމެއް" ނެތް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ގޮސްފައިވާ ދުވަސްވަރެއްގައި ކުވޭތު ސަރުކާރުން ވެސް ވަނީ ތެލުގެ ބައެއް ސަބްސިޑީތައް ކަނޑާލައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ޕެޓްރޯލުގެ އަގު ވަނީ 80 ޕަސެންޓް ބޮޑުވެފަ އެވެ. އަދި އަގުގެ މައްސަލާގައި ކެބިނެޓާއި ޕާލަމެންޓުގެ މެދުގައި ޚިޔާލުތަފާތުވުންތައް ވަނީ އުފެދިފަ އެވެ.

ކުވޭތު ސަރުކާރުގެ ހަތަރު އަހަރުގެ ދައުރު ހަމަވާނީ އަންނަ ޖުލައި މަހު އެވެ. ޕާލަމެންޓުގައި މިހާރު ތިބި ގިނަ މެންބަރުން ސަރުކާރަށް ތާއީދުކުރެ އެވެ. އެކަމަކު ތެލުގެ އަގުގެ މައްސަލާގައި ޕާލަމެންޓުން ވަނީ ވަޒީރުންނަށް ތިން ހުށަހެޅުމެއް ހުށަހަޅައިފަ އެވެ.

ކުވޭތުގެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް އިއްޔެ ހަވީރު ބޭއްވުމަށް ފަހު އަމީރު ޝެއިޚް ސަބާހު އަލް އަހުމަދު އަލް ސަބާހު ވަނީ ޕާލަމެންޓް އުވާލެއްވި ކަމުގެ ގަރާރެއް ނެރުއްވައިފަ އެވެ. ރަސްމީ ޓީވީން ފަހުން ވަނީ މުޅި ކެބިނެޓް ވެސް އިސްތިއުފާ ދީފައިވާ ކަމަށް ބުނެފަ އެވެ.

ގަލްފުގެ ސަރަހައްދުގެ އިންތިޚާބީ މުއައްސަސާއަކަށް ބަލާއިރު ކުވޭތު ޕާލަމެންޓަށް ވަނީ ބޮޑެތި ބާރުތަކެއް ލިބިފަ އެވެ. އެކަމަކު ޕާލަމެންޓުގެ ވެސް ފަހު ބަސް ބުނުމުގެ ބާރު އޮންނަނީ ކުވޭތުގެ ވެރިކަން ކުރާ ޝާހީ އާއިލާއަށެވެ. އަދި މީގެ ކުރިން އެތައް ފަހަރަކު ވަނީ ޕާލަމެންޓް އުވާލައިފަ އެވެ.

ޕާލަމެންޓުގެ ރައީސް މަރްޒޫގު އަލް ގާނިމް އިއްޔެ ވަނީ އިންތިޚާބަކަށް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ ކުވޭތަށް އިގްތިސާދީ އަދި ސަރަހައްދީ މައްސަލަތައް ދިމާވެފައިވާ ކަމަށާއި އެކަމުން އަރައިގަނެވެން އޮތީ ވީހާ ވެސް އަވަހަކަށް ސަރުކާރެއް އުފައްދައިގެން ކަމަށެވެ.