ކުޑަކުރި މުސާރަ: ތިން ބާރުގެ ވެރިންނަށް ވުރެން ބޮޑު އަދަދެއް މަޖިލީހުގެ ނައިބު ރައީސަށް
ކުޑަކުރި މުސާރަ: ތިން ބާރުގެ ވެރިންނަށް ވުރެން ބޮޑު އަދަދެއް މަޖިލީހުގެ ނައިބު ރައީސަށް

ދައުލަތުގެ އިސް ވެރިންގެ މުސާރަ ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ގެނައި ބަދަލާ އެކު، ތިން ބާރުގެ ވެރިންނަށް ވުރެން ވެސް ވުރެ ބޮޑު އަދަދެއް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ލިބިވަޑައިގަންނަވާ ގޮތެ ވެއްޖެ އެވެ.

ކުޑަކުރި މުސާރަ: ތިން ބާރުގެ ވެރިންނަށް ވުރެން ބޮޑު އަދަދެއް މަޖިލީހުގެ ނައިބު ރައީސަށް
ކުޑަކުރި މުސާރަ: ތިން ބާރުގެ ވެރިންނަށް ވުރެން ބޮޑު އަދަދެއް މަޖިލީހުގެ ނައިބު ރައީސަށް

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ ރައީސާއި މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މިފަހަރު މުސާރަތައް ކުޑަކުރީ އެންމެ ބޮޑު މުސާރަ ލިބޭ ބޭފުޅުންގެ މުސާރައިންގެ އުނިކުރާ މިންވަރު ކުރިއަށް ވުރެ މަތިކުރުމަށް ފަހު އެވެ.

މަޖިލީހުން ފާސްކުރީ ރައީސްގެ މުސާރައިން 35 ޕަސެންޓް އުނިކޮށް، އެމަނިކުފާނަށް ކުރިއަށް އޮތް ތިން މަހު 65،000ރ. ލިބިވަޑައިގަންނަވާ ގޮތަށް އަދި ނައިބު ރައީސަށް 48،000ރ. ލިބިވަޑައިގަންނަވާ ގޮތަށެވެ. ކުރިން މަހަކު 73،000ރ. ލިބިވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، އާ އުސޫލުގެ ދަށުން ލިބިވަަޑައިގަންނަވާނީ 57،000ރ. އެވެ. އުއްތަމަ ފަނޑިޔާރުގެ މުސާރަ އާއި އިނާޔަތްތައް 74،000ރ. އިން 58،000ރ. އަށް ވަނީ ކުޑަވެފަ އެވެ.

އެކަމަކު އަލަށް ގެނައި ބަދަލާ އެކު މި މަގާމްތަކަށް ވުރެން ބޮޑުކޮށް، މަހަކު 75،000ރ. މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އީވާއަށް ލިބިވަޑައިގަންނަވާނެ އެވެ.

އީވާގެ މުސާރައިން 30 ޕަސެންޓް އުނިކުރިޔަސް، އެހެން މަގާމުތަކަށް ވުރެ އޭނާގެ މުސާރަ އާއި އިނާޔަތްތައް ބޮޑުވާ ސަބަބަކީ ކޮޮމެޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000ރ. ގެ ސަބަބުންނެވެ. މެމްބަރުންގެ އަސާސީ މުސާރައިން 30 ޕަސެންޓް އުނިކުރިޔަސް، ކޮމެޓީ އެލަވަންސާއި ލިވިން އެލަވަންސް އިން އެއްވެސް ބައެއް އުންޏެއް ނުކުރެ އެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މަޖިލިހުގެ ރައީސަކީ އެއްވެސް ކޮމެޓީއެއްގައި ބައިިވެރިވެވަޑައިގެންނެވޭ ބޭފުޅެއް ނޫނެވެ. އެހެންވެ ކުރިން ވެސް މަޖިލީހުގެ ރައީސަށް ވުރެ ބޮޑު އަދަދެއް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހޯދުމުގެ ފުރުސަތު މަޖިިލީހުގެ ނައިބު ރައީސަށް އޮވެ އެވެ. އެގޮތުން ކުރިން ކޮމެޓީ އެލަވަންސާ އެކު 91،000ރ. ގެ އާމްދަނިއް ހޯއްދެވުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު މެމްބަރުންނަށް ކޮމެޓީ އެލަވަންސް ދެނީ ކޮމެޓީތަކަށް ހާޒިރުވާ މިންވަރަށް ބަލައިގެން ކަމަށް ބާތީ، ކޮންމެ މަހަކު އެ ވަރު ނުލިބިދާނެ އެވެ.

މެމްބަރުންގެ މުސާރައިން 30 ޕަސެންޓް އުނިކުރުމުން، ކޮމެޓީ އެލަވަންސާ އެކު މަހަކު 82،500ރ. ލިބެމުން އައި މެމްބަރުންނަށް ދެން ލިބޭނީ މަހަކު 69،000ރ. އެވެ.

މީގެ އިތުރުން އެ ބަދަލު ގެނައި ގޮތުން، ސިޓީ ކައުންސިލް މެމްބަރުންނަށް ވުރެ ބޮޑު އަދަދެއް އަތޮޅު ކައުންސިލްތަކުގެ ރައީސުންނަށް ވެސް ލިބޭނެ އެވެ. ކުރިން މުސާރަ އާއި އިނާޔަތްތަކާ އެކު 30،000ރ. ލިބެމުން އައި ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް 25،600ރ. ދޭ ގޮތަށް ހަމަޖެއްސިޔަސް، އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ މުސާރައިން އެއްވެސް އަދަދެއް އުނި ނުކުރާތީ އެ މީހުންނަށް ކުރިއެކޭ ވެސް އެއްގޮތަށް 26،000ރ. މަހަކު ލިބޭނެ އެވެ.

ސަރުކާރުން މަޖިިލީހަށް ހުށަހެޅީ އަސާސީ މުސާރަތައް 20،000ރ. އަށް ވުރެ ބޮޑު ނުވާ މަގާމުތަކުގެ މުސާރައިން އެއްވެސް އަދަދެއް އުނި ނުކުރުމަށެވެ. ސަރުކާރުން ހުށަހެޅީ 20،000ރ. އާއި 30،000ރ. އާ ދެމެދުގެ އަސާސީ މުސާރަތަކުން 20 ޕަސެންޓް އުނި ކުރުމަށާއި 30،000ރ. އާއި 60،000ރ. އާ ދެމެދުގެ އަސާސީ މުސާރައިން 30 ޕަސެންޓް އުނިި ކުރުމަށާއި އަދި 60،000ރ. ބޮޑު މުސާރަތަކުން 35 ޕަސެންޓް އުނި ކުރުމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ޚަރަދު ކުޑަ ކުރުމުގެ ގޮތުން ކުރިން ވެސް މުސާރަތައް ކުޑަކުރި އެވެ. އެކަމަކު މިފަހަރު އަލުން މުސާރަތައް ކުޑަކުރީ ކުރިން އެކަމަށް ކަނޑައެޅި މުއްދަތު ހަމަވުމުންނެވެ.