20 މެއި 2020 - 22:50

ކޮވިޑް-19 ފެތުރުނަ ނުދޭން މާލެ ލޮކްޑައުންކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަކީ އާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި ދެކިގެން ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ގައުމާ މުހާތަބް ކުރައްވަމުން ރައީސް މިރޭ ވިދާޅުވީ މާލެ، ވިލިމާލެ، ހުޅުމާލެ ހިމެނޭ ގޮތަށް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު މިމަހު 28 އަށް ހަމަވުމުން ލުއިތަކެއް ދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ލުއިތައް ދޭން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.
އެންމެ ފުރަތަމަ ލުއި ދޭނީ ގެއިން ބޭރަށް ދިއުމާއި މިހާރަށް ވުރެން ފަސޭހަކޮށް ވިޔަފާރި ކުރެވޭ ގޮތަށެވެ.
އެހެން ފިޔަވަހިތަކުގައި، ޖަމާއަތުގައި ނަމާދު ކުރުމާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވުން ފަދަ މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ސަރުކާރުން ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެއިތުރުން ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުން ވެސް ވަކި އިންތިޒާމްތަކެއްގެ ތެރެއިން ހުޅުވާލެވޭނެ ކަމަށް ވިދާޅުވި އެވެ.
މި ލުއިތަކާ އެކު ފަރުވާ ކުޑަކޮށްފި ނަމަ ހާލަތު އިތުރަށް ގޯސްވެދާނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ އަލުން ލޮކްޑައުން އަކަށް ދާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށިތާ ދޮޅުމަސް ނުވަނީސް ބަލިން އަރައިގަތުމުގެ ވާހަކަ ދެއްކެވުމުގެ ފުރުސަތު ލިބިފައިމިވަނީ ކުރިއާލާ އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެ ފިޔަވަޅުތައް ރާއްޖެ އިން ދުރާލައި ނޭޅި ނަމަ ތަޖުރިބާ ކުރަން ޖެހޭނީ ސިއްހީ ތަޖުރިބާކާރުން ލަފާ ކުރެއްވި އެންމެ ނުރައްކާތެރި ހާލަތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މާލެ އަށް ދޭ ލުއިތަކާ އެކު ރަށްރަށުގައި ވެސް އާއްމުންނަށް ފަސޭހަ އިންތިޒާމުތަކެއް ވީހާވެސް އަވަހަކަށް ހަމަޖައްސަން ބައެއް ރަށްތައް އާއްމު ހާލަތަކަށް ގެންދަން ނިންމާފައިވާ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
އެ ރަށްރަށުގައި އާންމު އުސޫލުން ނަމާދު ކުރުމުގެ އިންތިޒާމާއި ވިޔަފާރި ކުރުމުގެ ހުއްދަ ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ފަހުން އެ ރަށްރަށުގައި ސްކޫލްތަކާއި އޮފީސްތައް ހުޅުވުމުގެ ހުއްދަ ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް 1,186 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އޭގެ ތެރެއިން 91 މީހަކު ރަނގަޅު ވެފައިވާއިރު ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.