17 އޮކްޓޯބަރ 2016 - 10:01

ލިވަޕޫލް (އޮކްޓޯބަރު 17) - ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅެން ޖެހިފައިވަނީ ފަސޭހަ މެޗެއް ނޫން ކަމަށާއި އެ ފަދަ މެޗަކަަށް ނުތުމުގެ ކުރިން ޝަކުވާތަކެއް ކޮށްގެން ޓީމަށް ގެއްލުމެއްވާން ނޭދޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މޮރީނިއޯ ވަނީ މީގެ ކުރިން ލީގުގެ މެޗުތައް ހަމަޖައްސާފައިވާ ގޮތާ މެދު ފާޑުކިޔައިފަ އެވެ. އެކަމަކު މޮރީނިއޯ މި ފަހަރު ބުނީ އޭނާ ވިސްނަމުން އަންނަނީ ހަމައެކަނި މި މެޗަށް ކަމަށެވެ.
"ލިވަޕޫލް މެޗަށް ވިސްނުން ހުރީ. މިއީ އާދައިގެ މެޗެއް ނޫން. އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު ދެ ކްލަބް މިއީ. އަހަރެން ކުރިން ހަވާލުވެގެން ހުރި ޓީމުތައް ގޮވައިގެން ލިވަޕޫލް ދަނޑުގައި ކުޅެފިން. ބޮޑެތި މެޗުތަކުން އަހަރެން ބަލިވެފައި އެބަހުރި. އެކަމަކު މޮޅުވި މެޗުތަކެއް ވެސް އެބަހުރި. އަހަރެންގެ ތަޖުރިބާ އަށް ބަލާއިރު މިއީ އެންމެ އުނދަގޫ އެއް މެޗު،" ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑް މި ވަގުތު ލީގުގެ ހަތް ވަނައިގައި އޮތީ ހަތް މެޗުން 13 ޕޮއިންޓާ އެކު އެވެ. އެ ޓީމު އޮތީ ލިވަޕޫލަށް ވުރެން ތިން ޕޮއިންޓް ފަހަތުގަ އެވެ. ލިވަޕޫލް ލީގުގެ ހަތަރު ވަނައިގައި އޮތީ ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ.
މޮރީނިއޯ ބުނީ މިއީ ހާއްސަ މެޗެއް ނަމަވެސް މި މެޗުން މޮޅުވެގެން ލީގަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ.
"ލީގުގެ ގިނަ މެޗުތައް އަދި ކުރިއަށް އޮތީ. މި މެޗަކީ ހާއްސަ މެޗެއް. އެކަމަކު ލީގަށް ބަލާއިރު ކުރިއަށް އެބަހުރި މާ އުނދަގޫ މެޗުތަކެއް. މި މެޗުން މޮޅުވެގެން އަހަރެމެންނަށް ލީގު ލިބޭނެ ކަމުގެ ޔަގީންކަމެއް އޮތް ހެނެއް އަހަންނަށް ހިއެއް ނުވޭ،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމުގެ ކެޕްޓަން ވޭން ރޫނީ ހުރީ ބެންޗުގަ އެވެ. ލީގުގައި މިދިޔަ ސީޒަނުގައި ލިވަޕޫލް ދަނޑުގައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ ރޫނީ އެވެ.
މޮރީނިއޯ ބުނީ ރޫނީ ކުޅުވުމާ މެދު ވެސް އަދި ޓީމުގެ ފުރަތަމަ އެގާރަ ކަނޑައެޅުމުގައި ވަކިގޮތެއް ނިންމާނީ ފަހު ވަގުތު ކަމަށެވެ.
ލީގުގައި އެންމެ ފަހުން ލިވަޕޫލާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.