ގާނޫނުއަސާސީ އިސްލާހުކުރުމުގެ މައްސަލަ އަންނަ ހަފުތާގައި ނިންމަނީ
ގާނޫނުއަސާސީ އިސްލާހުކުރުމުގެ މައްސަލަ އަންނަ ހަފުތާގައި ނިންމަނީ

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމަން ގާނޫނު އަސާސީއަށް ބަަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ މައްސަލަ އަންނަ ހަފުތާގައި ނިންމަން އެޖެންޑާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލަރުންގެ ދައުރަކީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއްދަތެކެވެ. އެކަން ބަދަލުކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅީ ކޮވިޑް-19 ފެތުރޭތީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެން ނެތިގެންނެވެ. އެ މައްސަަލަ އަށް ހައްލެއް ހޯދަން ސަރުކާރުން ހުށަހެޅި ސަންސެޓް ގާނޫނުގެ ބިލް މަޖިލީހުން ފާސްކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ތަސްދީގު ވެސް ކުރައްވައިފަ އެވެ. އެކަަމަކު އެ ގާނޫނަށް އަމަލުކުރެވޭނީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ގާނޫނު އަސާސީ އަށް މި ހާލަތުގައި ބަދަލު ގެނައުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ނަޝީދު ކުރިއްސުރެ ގެންދެވީ ވިދާޅުވަމުންނެވެ. އެ މައްސަލަ ފުރަތަމަ މަޖިލީހަށް އައުމުން ދެ ދުވަހެއްގެ މަތިން ކުރިއަށް ގެންދިޔައީ ރާއްޖޭގައި މިހާރު އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީ އަށް ބަދަލެއް ގެނެވިދާނެ ހާލަތެއް ތޯ ނުވަތަ ނޫންތޯ ކުރި ބަހުސެކެވެ. އެ ބަހުސްގައި ނަޝީދު ވެސް ގިނަ ވާހަކަތަކެއް އޭރު ދެއްކެވި އެވެ. އޭގެ ފަހުން އެ މައްސަލަ އެޖެންޑާ ނުކޮށް އޮތުމުން ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގަވާ އެންގެވުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ މަސައްކަތް މިމަހުގެ 26 ،27 އަދި 28 ވަނަ ދުވަހު ކުރިއަށް ގެންދަވަން ގަސްދުކުރައްވާ ކަމަށެވެ.

"އެހެން ނަމަވެސް އިއްޒަތްތެރި މެމްބަރުން މިކަމުގައި ދެކެވެޑައިގަންނަވާ ގޮތް އެއީ އަޅުގަނޑާ ގުޅޭ ވާހަކައެއް ނޫން،" ރައްޔިތުންގެ މަޖިލީހުގައި ސުޕަަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީ އަށް ބަދަލު ގެންނާނީކަން ނުވަތަ ނޫންކަން ނިންމަވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށާއި އެ ކަމުގައި ގޮތެއް ކަނޑައެޅުމަކީ އެމަނިކުފާނު ކުރައްވާ ކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް އެ މައުލޫމާތު ސާފުވެފައި އޮންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސްް ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލިހުގެ ތިންބައިކުޅަ ދެބައި، މިހާރުގެ މަޖިލިހުގައި މެމްބަރުން ތިބި އަަދަދުން ނަމަ 58 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީ އަށް 65 ގޮނޑި ލިބިފައިވެ އެވެ.